ޑިއޭގޯ ގާސިއާ ނުވަތަ ޗަގޯސްގެ އަތޮޅު ރާއްޖެ އަށް ލިބިއްޖެ ނަމަ އެތަނުން އެއްވެސް ބައެއް ނުވަތަ ރަށެއް އެމެރިކާ އާއި ޙާވާލުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަމަށް ބުނެ ދެކެވެމުން ދަނީ ފޭކު ވާހަކަ ތަކެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޗަގޯސްއާ ބެހޭ ގޮތުން ކުރެވޭ ކޮންމެ މަޝްވަރާއެއް ވެސް އެންމެ ފުރަތަމަ ބިނާވެފައި އޮންނަން ވާނީ ރާއްޖޭގެ ސިޔާސަތާއި، ދުސްތޫރީ އުޞޫލުތަކުގެ މައްޗަށެވެ. ވަކިން ޚާއްޞަކޮށް ރައްޔިތުން އެދޭ ގޮތަކަށެވެ.
ރާއްޖެއަށް ފޯޅަވަހި ލިބިއްޖެ ނަމަ އެތަން އެމެރިކާ އަށް ދޭނަމޭ ރައީސް ވިދާޅުވި ކަމަށް މިހާރު ވާހަކަ ފެތުރިގެން އުޅެނީ އެމެރިކާގެ ނިއުސްވީކަށް އެމަނިކުފާނު ދެއްވި އިންޓަވިއު އަކާއި ގުޅިގެންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ އަށް އެތަން ލިބިއްޖެ ނަމަ އިންޑިއާ ކަނޑުގައި މިހާރު އޮތް ސަލާމަތީ އިންތިޒާމުތަކަށް ބުރޫ ނާރާނެ ކަމަށާއި އިންޑިއާ ކަނޑުގައި ހަމަޖެހުން ދެމިއޮތުމަކީ ހުރިހާ ޤައުމުތަކަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ބޭނުމަކަށް ނުވަތަ އަސްކަރިއްޔާއެއް ރުކުރުވާލަން ޑިއޭގޯ ގާސިއާ އެމެރިކާއަށް “ދިނުމަށް” ވަޢުދުވެ، އެފަދަ ހުށަހެޅުމެއް، ނުވަތަ އެފަދަ ގޮތަކަށް އެއްބަސް ވެފައެއް ނުވެއެވެ. އަދި ރާއްޖޭގެ ޤާނޫނު މުގުރާލައި އެފަދަ ކަމަކަށް މަގު ކޮށާނެ ފަދަ އެއްވެސް ވާހަކަ އެއް ރައީސް ވިދާޅެއް ނުވެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބޭރުގެ އަސްކަރީ ބަޔަކު އެއްވެސް މިންވަރަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތިބެވޭނީ މަޖިލީހުން އެކަމަށް ރުހުން ދިނުމުންނެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ކަންކަން ނިންމާނީ ޤާނޫނު އަސާސީ އާއި ޤައުމީ މަސްލަޙަތާއި އެއްގޮތްވާ ގޮތަށް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި ޚާރިޖީ ސިޔާސަތަކީ އިސްތިޤުލާލާއި ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ހަމަޖެހުމަށް އިސްކަންދޭ “މޯލްޑިވްސް ފަސްޓް”ގެ އުޞޫލުން މަގުދައްކައިދޭ ސިޔާސަތެއްކަން ތަކުރާރު ކުރެއްވިއެވެ.
