
ދުނިޔޭގެ ޞުލްޙަ ޤާއިމް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސްގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ ބޯޑު ކަމަށްވާ އެގްޒެކެޓިވް ބޯޑް”ގެ ފައުންޑިން މެމްބަރުކަން އެއްވެސް މުސްލިމު ޤައުމަކަށް ދިނުމަށް އެމެރިކާ ބޭނުމެއް ނުވެއެވެ. އަދި އެމެރިކާ އިން ބޭނުންވަނީ މުޅި ދުނިޔޭގައި ވެރިކަން ކުރާށެވެ. އެމީހުންގެ ފައިބުޑުގައި ސަލާން ޖަހަން އާދޭސް ކުރުމަށް މުސްލިމު ޤައުމުތައް ތިބޭށެވެ.
ބޯޑް އޮފް ޕީސްގެ އެގްޒެކްޓިވް ބޯޑު ނުވަތަ ހިންގާ ކޮމެޓީ އަކީ އެންމެ ބާރުގަދަ ކޮމެޓީއެވެ. މިތަނުގައި ވެރިޔަކީ ޓްރަމްޕެވެ. ދެން ތިބޭނީ އޭނާގެ ދަށުން 7 މެންބަރުންނެވެ. މިތަނުގެ ފައުންޑިންގ މެންބަރަކަށް ވުމަށްޓަކައި މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ އެދިވަޑައިގަތުމުން ވައިޓް ހައުސް އިން އެ ފުރުޞަތެއް ރަސްގެފާނަކަށް ވެސް ނުދިނެވެ.
އޭގެ ބަދަލުގައި އެ ބޯޑަށް ލާފައި ވަނީ އެމެރިކާއާއި އެމެރިކާގެ އައުވާނުންނެވެ. މޮރޮކޯ އަށް ދިނީ ޖެނެރަލް ކައުންސިލްގެ ފައުންޑިންގ މެންބަރު ކަމެވެ.
ޣައްޒާގެ ކަންކަމުގައި ވެސް، އަދި ދުނިޔޭގެ އެހެން ބޮޑެތި މައްސަލަތަކުގައި ވެސް މުހިއްމު ނިންމުންތައް ނިންމައި ޞުލްޙައިގެ ބޯޑަށް އިރުޝާދު ދޭނީ މިދެންނެވި “ބޯޑް އޮފް ޕީސް ގެ އެގްޒެކެޓިވް ކޮމިޓީ” އިންނެވެ. ޖެނެރަލް ކައުންސިލަކީ ކަންކަމުގައި މަޝްވަރާކޮށް ބަހުޘްކޮށް ތާއީދު ހޯދުމަށް އޮންނަ ކައުންސިލެކެވެ. މި ކައުންސިލުގައި ގިނަ ޤައުމުތައް ހިމެނޭނެއެވެ.
މެދުއިރުމަތީގެ ކަންކަމުގައި ރޭ ފޮނުވި ޓީވީ ބަހުޡެއްގައި ބޭރުގެ އެނަލިސްޓަކު ބުނީ މޮރޮކޯ އިން “ބޯޑް އޮފ ޕީސް”ގެ ހިންގާ ކޮމެޓީގައި ބައިވެރިވުމަށް ވަރަށް ގިނަ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފުރުސަތު މޮރޮކޯ އަށް ނުދިން ކަމަށެވެ.
ޓްރަމްޕުގެ ޗެއާމަން ކަމުގެ ދަށުން ހިންގާ “ބޯޑް އޮފް ޕީސް ގެ އެގްޒެކްޓިވް ކޮމިޓީ” ގައި ތިބޭ މެމްބަރުންގެ ތެރޭގައި ހިމެނެނީ ޓްރަމްޕުގެ އިތުރުން ޔޫ.އެސް. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި. މެދު އިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އަދި ވައިޓް ހައުސްގެ މުޝީރެއްގެ މަޤާމުގައި ހުރި ޓްރަމްޕްގެ ދަރިކަނބަލުންގެ ފިރިމީހާ ކަމަށް ވާ ކުޝްނަރއެވެ. މީގެ އިތުރުން ދެން ހުރީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ އާއި، އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވާން އާއި ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ ކަންކަމުގައި ލަފާދޭ ރޮބަޓް ގެބްރިއަލްއެވެ.
މި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ސީދާ އެމެރިކާއަށް ނިސްބަތްވާ މެމްބަރުންނެވެ. އަނެއް ބަޔަކީ ހުޅަނގުގެ ސިޔާސީ އަދި މާލީ ނިޒާމުތަކާއި ވަރަށް ގާތުން ގުޅިފައިވާ މުއައްސަސާތަކުގެ މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.
