ބްރެޒިލްގެ ކުޅަދާނަ ޒުވާން ފޯވާޑް އެންޑްރިކް ފިލިޕޭ، 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގައި ބައިވެރިނުވާނެ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ނިންމުމަކީ އޭނާ ކުޅޭ ކްލަބް ރެއާލް މެޑްރިޑަށް ވަގުތު ދިނުމާއި، އޭނާ މިހާރު ހުރި އަނިޔާއިން ރަނގަޅުވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޗިލީގައި މިމަހުގެ 17 އިން އޮކްޓޯބަރު 19 އަށް ކުރިއަށްދާ މި މުބާރާތަކީ އޭނާއަށް ގެއްލިގެންދާނެ މުހިންމު ފުރުސަތެކެވެ.
އެންޑްރިކް އަނިޔާއިން ރަނގަޅުވުމުން ކުރިއަށްހުރި މުހިންމު މެޗުތަކުގައި ކުޅުވުމަށް ރިއަލްއިން ވަނީ ވިސްނާފައެވެ. މިހާރުގެ ކޯޗު ޒަބީ އަލޮންސޯ ވަނީ އެންޑްރިކް ލޯނު އުސޫލުން އެހެން ކްލަބަކަށް ފޮނުވާލުމާ ވެސް ދެކޮޅު ހަދާފައެވެ. އޭނާގެ ރޭވުންތަކުގައި އެންޑްރިކަށް މުހިންމު ޖާގައެއް އެބައޮތްކަން ޒަބީ ވަނީ ހާމަކުރައްވާފައެވެ.
ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ރޯމަން މެނޭޒްސް ވިދާޅުވެފައިވަނީ، ސީޒަންގެ މެދުތެރެއިން ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށްލުމަށް ކްލަބުތަކުން ފަސްޖެހޭ ކަމަށެވެ. އެހެންކަމުން ޓީމު އެކުލަވާލުމުގައި ގިނަ ގޮންޖެހުންތަކެއް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެންޑްރިކްގެ ހާލަތު ބްރެޒިލްއިން ގާތުން ބަލަމުން އަންނަ ކަމަށް ވެސް މެނޭޒްސް ވިދާޅުވިއެވެ. އަދި އޭނާ ފިޓްވުމަށް ފުރުސަތު ދެވިފައިވާ ކަމަށާއި، ކުޅުވާނީ ފިޓްކަން ކަށަވަރުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމުރުން ޒުވާން އެންޑްރިކް ވަނީ އޭނާއަށް އަނިޔާވުމުގެ ކުރިން ރިއަލްގެ މެޗުތަކުގައި ދޭތެރެއިން ދޭތެރެއިން ކުޅެ ގޯލުތަކެއް ވެސް ޖަހާފައެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު މެޗުތަކުގައި ވެސް ގޯލު ޖަހައި އޭނާގެ ހުނަރު ދައްކާފައިވެއެވެ.
20 އަހަރުން ދަށުގެ ކްލަބް ވޯލްޑް ކަޕް، ޗިލީގައި މިމަހުގެ 17 އިން އޮކްޓޯބަރު 19 އަށް އޮންނައިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ހިމެނެނީ މެކްސިކޯ އާއި މޮރޮކޯ އަދި ސްޕޭންއާ އެއް ގްރޫޕެއްގައެވެ. ބްރެޒިލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު މެކްސިކޯއާއި ދެކޮޅަށެވެ.
