ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ އެތައް ހާސް ބަޔަކަށް ގަސްތުގައި ކަނެ އެއްވެސް އެއްޗެއް އަދި ބޯނެ ފެންފޮދެއް ވެސް ނުދީ ބަނޑަށް ބަހައްޓާ ކަމަށް ޔަހޫދީ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އިޒުރޭލުގެ މަގުސަދަކީ މުސްލިމުން ބަނޑަށް ޖައްސައި މަރައިލުމެވެ.
ޔަހޫދީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މި މައްސަލަ ބެލީ ހައްޤުތަކަށް ވަކާލާތުކުރާ ޔަހޫދީ ދެ ޖަމްޢިއްޔާއެއްގެ އެދުމުގެ މަތިންނެވެ. މި މައްސަލަ ކޯޓަށް ހުށަހެޅިފައި މިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދިޔަ ނަމަވެސް، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި މައްސަލައިގައި ސުޕްރީމް ކޯޓުން މާ ބޮޑު ބަހެއް ބުނުމެއް ނެތި އޮތުމަށްފަހު އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށް ދުވާލަކު ތިންއިރު ކާބޯތަކެތި ފޯރުކޮށްދިނުމަކީ ޔަހޫދީންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވާ ކަމެއް ކަމަށެވެ. އަދި މި ޒިންމާ ޢަދާ ކުރުމަށް އެ ކޯޓުން ވަނީ ކަމާބެހޭ އިދާރާތަކަށް ޢަމުރުކޮށްފައެވެ.
ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރިން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ޖަލަށްލައި ބަންދުކޮށްފައެވެ. އެކި ފަހަރު މަތިން މިނިވަންވެފައިވާ ޣައްޒާގެ ރައްޔިތުން ވަނީ ތޮއްޖެހިފައިވާ ޔަހޫދީ ޖަލުތަކުގައި ޤައިދީންނަށް ކާންނުދީ، އަނިޔާކޮށް، ޞިއްޙީ ފަރުވާނުދީ ބަލިމަޑުކަމުގެ ތެރޭގައި ގެންގުޅޭ ކަމަށް ބުނެފައެވެ.
