މަޖިލިސް އިންތިހާބުން ލިބުނު ބޮޑު މެޖޯރިޓީއާއެކު ސަރުކާރުގެ ވިސްނުން ހުރީ ގާނޫނު އަސާސީއާ ވެސް ކުޅެލުމަށްކަން ހާމަވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރު ކަމުގައި ހުންނެވި އަދި މަޖިލީހަށް އިންތިހާބުވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ މަސައްކަތް ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރުވެސް ރައްޔިތުން ދީފައިވާ ކަމަށެވެ.

ގިނަ ބަޔަކު އަންނަނީ މިއީ ރައްޔިތުންގެ މަޖިލީހަކަށް ވުރެ ސަރުކާރުގެ މަޖިލީހެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ އެއިން ރައްޔިތުންނަށް ގެއްލުންވާނެ ކަންކަން ކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ. ރައްޔިތުންގެ ބާރުތަކަށް ހުރަސް އަޅައި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ލިބޭ ބާރެކެވެ.

ސަރުކާރަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބިއްޖެނަމަ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ. ނަމަވެސް އޭރު ސަރުކާރުން ވަނީ އެއީ ސަރުކާރާ ދެކޮޅަށް ޖައްސާ އެންޓި ކެމްޕޭނުގެ ގޮތުގައި ސިފަ ކޮށްފައެވެ.

އެހެންނަމަވެސް އިންތިހާބު ނިމި ހުވާ ނުކުރެވެނީސް އެއީ ހަގީގަތްކަން މިހިރަ ހާމަވަނީއެވެ.