އެއީ ލިޔުންޔެރިކަމުގެ ފިސާރި ޓަޗުހުރި މީހެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެހެންނަމަވެސް އޭނާގެ ހުށިޔާރުކަމުން ޕޯޑިއަމްތައް ކައްކުވަލާތީވެ، ސިޔާސީ ސަބަބަކަށްޓަކައި ޓާގެޓްކޮށްގެން އޭނާ ޖަލަށްލީ ގާނޫނެއްގައި ލިޔެފައިވާ ނަމްބަރެއް ދައްކައިގެންނެވެ. އެއީ 18 އެވެ. މި އަށާރަ އަކީ އިއްބެގެ ހަޔާތުގެ “ލައްގަނޑަށް”ބޮޑުރާޅަށް” ވީއެވެ. ނަމަވެސް އިއްބެ ބުނީ 18 ނަމްބަރު މައްސަލައަކަށްވީ “އެމީހުން” އަހަރު ގުނާ ގޮތުންނެވެ. “ހިޖުރީ ތާރީހުން ބަލާއިރު އޭނައަށް 18 ފުރިފަ ވާނީ” އިއްބެގެ މައްސަލައިގައި އެކުއްޖާއަށް 18 އަހަރު ނުވެޔޭ ކިޔައި ދެއްކި ވާހަކަތަކާ ގުޅިގެން އިއްބެ ބުންޏެވެ. އެވެސް ތެދެކެވެ. ހިޖުރީ ގޮތުން ބަލާއިރު އިއްބެގެ އޭރުގެ ބިޓަށް 18 ވެއްޖެއެވެ.

އަސްލު ވީގޮތަކީ ކުރީގެ އަނބިމީހާ ކެންސަރުގައި ނިޔާވިފަހުން އިއްބެ އަކީ ވަރަށް ހިތާމަވެސް ކުރި މީހެކެވެ. މިހެން އުޅުމުގައި ކުއްޖަކު ދެކެ ހިތާވެ އުޅުނީ މީހަކާއި އިންނަންވެގެންނެވެ. ލޯބީގެ ގޮތުން ގުޅުނު ކުއްޖާ މީލާދީ ގޮތުން 18 އަހަރު ނުވާތީ ގާނޫނު ބުނީ ކުޑަކުއްޖެކެވެ. ނަމަވެސް އަހަރެމެންގެ މައިންބަފައިންގެ ޒަމާނު އެމީހުން ކައިވެނިކުރި އުމުރާ އަޅާބަލާއިރު އިއްބެގެ ބިޓަކީ މާބޮޑަށްވެސް ދޮށީ މީހެކެވެ. މިހެން މިބުނީ އަހަރެން ދަންނަ މީހެއްގެ މަންމަ ބުނާގޮތުން އޭނާ ކައިވެނިކުރި އުމުރަކީ 14 އެވެ. ތަންކޮޅެއް ކުރީ އަހަރުތަކަށް ދާނަމަ 14 އަހަރު 15 އަހަރުގެ އަންހެނުން އެއުމުރުގައި ކައިވެނި ކުރުމަކީ އާއްމު ކަމެކެވެ. އިސްލާމްދީންވެސް ހުއްދައެވެ. މިހާރުވެސް ރާއްޖޭގެ އުމުރުން 50 އަހަރުން މަތީ މަންމައެއްގެ ގާތުން އޭނާ ކައިވެނިކުރި އުމުރަކީ ކިހާވަރެއްތޯ އޮޅުން ފިލުވައިފިނަމަ ޔަގީނުންވެސް 99 ޕަސަންޓު މީހުން ކައިވެނި ކޮށްފައިވަނީ 13 އަހަރާއި 16 އަހަރުގައެވެ.

ދައްކަން މިއުޅޭ ވާހަކައަކީ އިއްބެއަށް ދިމާވި 18 ނަމްބަރެވެ. ހަގީގަތަކީ އިއްބެގެ ބިޓަށް 17 އަހަރާއި 10 މަހުގައި އެދެމީހުން ފާފައަކަށް އަރައިގަތޭ ކިޔައި “ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް” ގެންދިޔައީ ބިޓުގެ އުމުރުން 18 އަހަރު ނުވާތީއެވެ.

އިއްބެ ޖަލުގައި ހޭދަކުރި މުއްދަތުގައި ރައީސް ނަޝީދުގެ ރިކުއެސްޓަކަށް ނަޝީދު އުޅޭ ވީއައިޕީ ޖަލުގޮޅިއަށް އިއްބެ ބަދަލުކުރިއެވެ. މިހުންނަ ހުރުމުގައި އިއްބެއަށް ކުރިން ލިބުނު މަސްނާޅާ ރީނދުލާއި ހުނި މިކްސްކޮށް ހިކި ޕައުޑަރު މިރުހުން ތައްޔާރުކޮށްފައިވާ ފޭކުމަސްހުންޏާއި ތަރަފާލުގަނޑެއް ކަހަލަ ހަރު 5 ރޮށީގެ ބަދަލުގައި ރައީސް ނަޝީދުއަށް ގެންނަ ރަހަލާ ތަންކޮޅެއް ރަނގަޅު ކާއެއްޗެހި ލިބެން ފެށިއެވެ. އޭގެތެރޭގައި ކިރާއި ކުކުޅުބިހާއި ނަމުން ފުރުޓޭކިޔާ ކޮންމެވެސް ޒާތަކަށް އޮންނަ މީރު ރަހަނުލާ އަވިން ބައެއްފަހަރު ހޫނުވެފައިވާ އޮރެންޖުވެސް ލިބެއެވެ.

އިއްބެ ޖަލުގައި އުޅުނީ މީހަކު ރޭޕްކޮށްގެނެއް ނޫނެވެ. “ކުޑަކުއްޖަކާ ބެހިގެނެއްވެސް” ނޫނެވެ. އެބުނާ ކުޑަކުއްޖާއަކީ އޭރުވެސް ބާލިޣުވެފައި ހުރި އަންހެނެކެވެ. ގައިގަ ބައްދާލިނަމަ ނުވަތަ މޫނަށް ދޮނެއް ދިންނަމަވެސް އެކަމެއް ކޮށްފައިވަނީ މަޖުބޫރަކުން ނޫނެވެ. ދެމީހުން އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވެއެވެ. މިދައްކަނީ އެކުއްޖަކާއެކު ބަންދު ތަނެއްގައި އެކަހެރިކޮށް އުޅެގެން އިއްބެ ޖަލަށްލާން ޖެހުނު ކުއްޖާގެ ވާހަކައެވެ. ބަލަ އޭނާ އޭރުވެސް 17 އަހަރާ 10 މަހެވެ. އިއްބެ ބަންދުގައި ހުއްޓާ އެކުއްޖާ ގާނޫނީ ގޮތުން ފުރާފުރިހަމަ ވުމާއެކު ކައިވެނިކޮށް، އަނބި ޒުއްރިއްޔާ އަބްދުއްޝުކޫރުގެ ކައިވެންޏަށް 10 މަސް ވީތަނާ ކުރިން މިބުނި މައްސަލައިގައި ހުކުމް އިއްވައި ޖަލަށްލީއެވެ. މިއީ މިކަން ވީގޮތެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 6 ޑިސެމްބަރު 2018 ވަނަ ދުވަހު އިއްބެއަށް ޖަލުން ނުކުމެވުނުކަމީ ރަޙްމަތެކެވެ. ފާހަގަ ކޮށްލަންވީ ކަމަކީ ބަދުއަޚުލާގީ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ މައްސަލަތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވަން ނިންމެވީ 2016 ވަނަ އަހަރު ކްލިމެންސީ ބޯޑުން ދީފައިވާ ލަފަޔަށް ބިނާކުރައްވަ އެވެ.

ރައީސް އިބޫ އިއްބެއަށް އެފުރުސަތު ނުދިން ނަމަ ލޯބިވާ ދަރިފުޅާއެކު ވަގުތު ފާއިިތެއްވެސް ނުކުރެވޭނެ އެވެ. އެހެންނޫނަސް އަމިއްލަ ގާނޫނެއް ހަދައި އިސްލާމީ ޝަރީޢާ އޮޅާލައި ހަދާ ގާނޫނަކުން މީހުން އުމުރު ދުވަހު ބަންދު ކުރުމަކީ ކުށެކެވެ. އެގޮތަށް ގާނޫނު ނުވެސް ހެދޭނެ އެވެ. އެކަމަކު އެތިބީ އެގޮތަށް ގާނޫނު ހަދައި ތިމާމެންނަކީ މަތީ ފަރާތްތަކެއް ކަމަށް ދެކިގެންނެވެ. އެއްވެސް މީހަކަށް އިލާހީ ބަހުގައި އޮންނަބަސްފުޅު ހިލާފަށް ކަމެއް ކުރެވިގެން ނުވާނެއެވެ. މީހުން ޖަލަށް ލައި ބަންދުކޮށް ގެންގުޅުމަށްވުރެ ރިހެބިލިޓޭޝަން ފަރުވާ ދޭންވީއެވެ. މަރަކީ ނުހިފެހެއްޓޭނެ އެއްޗެކެވެ. 5 އަހަރު އާއިލާއާއެކު އުޅެފައި އޭނާވެސް އެދިޔައީ އެވެ.إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ