ދެކުނުގެ ރަފާ ސިޓީއަށް ހަމަލާއެއް ނުދީ ޣައްޒާގެ ހަނގުރާމަ ނިންމާލައިފިނަމަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު މިއަދު ދެއްވައިފިއެވެ.

“ހަމާސް ބަލިކުރުމަށްޓަކައި ރަފާއަށް ފުޅާ ހަމަލާއެއް ނުދީ ހަނގުރާމަ ނިންމާލަން ބޮޑުވަޒީރު ނިންމި ނަމަ ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުރުމުގެ މެންޑޭޓެއް ނޯންނާނެ،” އެކްސްގައި ލިޔެފައި ވެއެވެ.

ބެން ގްވީރުގެ އިންޒާރު ދީފައިވަނީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ހަމާސްއާއެކު ކުރިއަށް ގެންދާ ނުސީދާ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބިދާނެ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ.

ފަލަސްތީނުގެ އެންކްލޭވްގެ ހާލަތާ ގުޅިގެން ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ހިމާޔަތް ހޯދާފައިވާ ރަފާއަށް ހަމަލާ ދޭނެކަމުގެ ވިސްނުން ހުރިކަން ފާޅު ކޮށްފައެވެ.