ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކަނޑުމަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް އަސްކަރީ މަނަވަރެއް ފޮނުވަން އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައިޕްރަސް މަގުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމާ ގުޅިގެން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އެމެރިކާގެ ކުންފުނި, ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ން އިސްނަގައިގެން ކުރަމުންދާ މަސައްކަތެކެވެ. މި އޮޕަރޭޝަނަށް ޚަރަދު ކުރަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ންނެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއާއި ދިފާޢީ ވުޒާރާއިން ބުނީ, އެމެރިކާއާއި ސްއިޕްރަސް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި އެ ޤައުމުގެ އަސްކަރީ މަނަވަރުން ބައިވެރިވެ, އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. 

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ, މި އޮޕަރޭޝަންގެ ދަށުން ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ޖެޓީއެއް ބިނާ ކުރެވޭނެ ކަމުގައެވެ. އަދި, މޭ މަހުުގެ ތެރޭގައި ޣައްޒާއަށް އެހީގެ ސާމާނު ގެންދިޔުމުގެ މަސައްކަތް ފެށޭނެ ކަމުގައެވެ. ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ޖެޓީ އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

“ޣައްޒާގެ ހާލަތު ވަރަށް ގޯސް. ހައިހޫނު ކަން އާންމުވުމުގެ ނުރައްކާ ބޮޑު. އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދޭން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،” ކެމެރަން ވިދާޅުވިއެވެ. ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތަކާއި ދަތުރުފަތުރަށް އިނގިރޭސިވިލާތުން 12.26 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ޢުދުވާނާ ގުޅިގެން ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ބޮޑު ބައެއް އޮތީ ސުންނާފަތި ކޮށްލާފައެވެ. ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ މަގުމަތިވެފައެވެ. މެދުކެނޑުމެއް ނެތި ބޮން އެޅުމުގެ ސަބަބުން އެ މީހުންގެ ގެދޮރު ވަނީ ބިމާ ހަމަވެފައެވެ. ޣައްޒާގެ ހަސްފަތާލުތަކަށް ޙަމަލާދީ, ޞިއްޙީ ފަރުވާއަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.

މީގެ އިތުރުން, ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. އަދި, ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުުން ހަސްފަތާލުތައް ހިންގަން ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ވަނީ ހުއްޓުވާފައެވެ. މި ކަމާ ގުޅިގެން ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައަކަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތްއިރު, އޭގެ ތެރެއިން 576,000އަށްވުރެ ގިނަ މީހުން ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އދއިން ބުނެއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވާނެ ކަން އިނގިރޭސިވިލާތުން އިޢުލާނު ކޮށްފައި މި ވަނީ, ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ އިޖުތިމާޢީ ޚިދުމަތްތެރިންގެ ހަތް މީހަކު މަރައިލާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ގަސްދުގައި ދީފައިވާ ވައިގެ ޙަމަލާތަކުގައި މަރައިލާފައި ވަނީ ޑަބްލިޔުސީކޭގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ތިން ރައްޔިތުން ހިމެނެއެވެ.