އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ރެކޯޑް މިންވަރަކަށް އިތުރުކޮށްދީފިއެވެ.

މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށާ އިހު އޮތް ވަރަށްވުރެ 5% އިތުރު ކޮށްފައި ވާނެ ކްމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ. 

އެ ކޮމިޝަނުން ބުނީ، އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާ ފަސް ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑއިާ އިން އިއުލާނު ކޮށްފައި ވަނީ ރާއްޖެއިން އިންޑިއާ އަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވަނިކޮށެވެ.