ކުޑަ ކުއްޖަކު ފާހާނާއަށް ވައްދައި އަނިޔާކޮށް ބުލީކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

މިރޭ ސޯޝަލްމީޑިއާގައި ދައުރުވި ވީޑިއޯއާއި ބެހޭގޮތުން ފުލުހުން ބުނީ އެއީ އއ.ރަސްދޫގައި ހިނގި ހާދިސާއެކެވެ.

ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށާއި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. ފުލުހުންގެ ތަހުގީގަށް ހުރަސް އެޅިދާނެތީ އެފަދަ ވީޑިއޯ އަދި ފޮޓޯތައް އާންމު ނުކުރުމަކީ އަބަދުވެސް ފުލުހުން އެދޭ ކަމެކެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކުވެގެން ފާހާނާއެއްގެ ތެރޭގައި ހުރި ކުއްޖަކަށް އަނިޔާކުރަމުންދާ މަންޒަރެވެ. އެ ކުއްޖާ ފާހާނާ އަށް ވައްދާފައި ކޮށްފައިވާ އަނިޔާ އެއް ކަމެއް ނުވަތަ އެ ކުއްޖާ ފާހާނާ ތެރޭގައި ހުއްޓާ ކުރި އަނިޔާތަކެއް ކަމެއް ވީޑިއޯއިން ސާފުކޮށެއް ނޭނގޭއެވެ.

ހަޑި ހުތުރު ބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ފެންނަ އެ ވީޑިއޯ އަކީ މިސްކިތެއްގެ ފާހާނާގައި ނަގާފައި ވީޑިއޯއެއްކަން އެނގެނީ، އެ މީހުން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ގުރުއާނުގެ އަޑުއިވެމުންދާތީއެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި، ބޮލަށް އޮއްސާލާ މަންޒަރުވެސް ފެންނައިރު، ގުދާރު މަތީ ގޮށްމުއްކަވާފައި އެތައް ފަހަރަކު ޖަހައެވެ.

އެހެން ނުހަދައި ދޫކޮށްލަން އެ ކުއްޖާ އެދުމުން އެ މީހުން އަމުރުކުރީ ކުޑަކަކޫ ޖަހާފައި އާދޭސްކުރަން އެމީހުން ބުނެއެވެ. އަދި އެގޮތަށް އެކުއްޖާ ކަންތައް ކުރަން ފެށުމުން ފައިން އެ ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

މިފަދަކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.