ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ނުކުރެވޭނެ ކަމަށާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކޮށްފިނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް / އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްވައިފި އެވެ.

ރޭ ރާޅުގަނޑުގައި އެމްޑީޕީއިން ބޭއްވި ‘އައްޑޫ ސިޓީ ކެންޑިޑޭޓުންގެ ތަރާވީސް’ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ވަޒީފާގެ އަދަދުތައް ހާމަނުކޮށް، އިންތިހާއަށް ސަރުކާރުން ވަޒީފާ ދެމުން އަންނަ ކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ދެއްކެވީ ފެނަކަ ކޯޕަރޭޝަނެވެ. “ހާމަ ކުރައްވާ އެ ވަޒީފާ ދިން މީހުންގެ އަދަދު. ނުކުރާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން. އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،”ސޯލިހް ވިދާޅުވީ މަޖިލީސް އިންތިހާބުގެ ކުރީން އެ މައުލޫމާތު ހާމަ ކުރަން މި ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފެނަކަ ބަގުރޫޓް ވެފައިވާ ކަމަށް ވިދާޅުވުމަށް ފަހު ބައެއް މުވައްޒިފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާ ނަމަވެސް އެގޮތަށް ވަކިކުރި ކޮންމެ މީހަކަށް ދެ މީހަކު ވަޒީފާއަށް ވައްދާފައިވާ ކަމަށެވެ.ގިނަ އަދަދެއްގެ ވަޒީފާތައް ދެމުން ދާއިރު ސޯލިހު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށް ކުރާ ކަމެއް ކަމަށެވެ.”ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔާ ވަޒީފާއަށް އިތުރު މީހަކު ނުނަގާނަމޭ. ހާމަ ކުރަންވީނޫންތޯ؟ ރައްޔިތުންގެ ފައިސާ އެ ހަރަދު ކުރަނީ،” ސޯލިހު ވިދާޅުވި އެވެ.ސޯލިހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވައުދުތަކެއްވެވަޑައިގެން ކަަމަށާ ނަމަވެސް އެއީ ވެރިކަމަށް ވަޑަައިގަތުމަށް ހެއްދެވި ދޮގުތަކެއް ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

ރައީސް މުއިއްޒު އަބަދުވެސް ވިދާޅުވާނީ އެމަނިކުފާނު ވީ ވައުދެއް ވިއްޔާ ފުއްދަވާނެ ކަމަށެވެ.