ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދެއްވުމާއި ގުޅޭގޮތުން “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން މާލެ ސިޓީ، ދަފްތަރު 12152، މުޙައްމަދު ސަލީމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ދޭނެކަމަށް ވަޢުދުވެފައިވާއިރު، އެ ފަރާތްތަކަށް ފްލެޓު ދޭނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ. 

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ލިބޭނެކަމަށެވެ.

އަދި މި އަހަރުތެރޭވެސް ހައުސިން އައު މަޝްރޫޢުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫޢުތަކުގެ ތެރެއިން އެ މައްސަލަ ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އެފަރާތްތަކަށް ފްލެޓު ދޭނެ ކަމަށް ވާނީ ވަޢުދުވެފައި، މި ވަޢުދު ފުއްދާނަން، ވީހާވެސް އަވަހަކަށް، މި އަހަރުތެރޭވެސް އައު މަޝްރޫޢުތައް ފެށިގެންދާނެ، ހުޅުމާލެ ގުޅީފަޅު އަދި ގިރާވަރުފަޅުގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައި، މި މަޝްރޫޢުތަކާއި އެކު ހައްލު ވާނެ،” ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުޢިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.