ޕީއޭ އަށްފަހު ޕީޕީއެމް އުފައްދައިގެން ވެރިކަން ކުރެއްވި ރައީސް ޔާމީނުގެ 3 ވަނަ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 3000 މީހުންގެ ސޮއި ހުށަހަޅާފައިވާތީ އެ ޕާޓީ އުފައްދަން ހުށަހެޅުއްވި، ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އަބްލްގައްޔޫމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ޕީއެންއެފް އަކީ ޕީޕީއެމް، ޕީއެންސީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމުގެ ސަބަބުން ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވައި ސިޔާސީ ޕާޓީއެކެވެ.

އެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ޕާޓީ އުފައްދަން ހުއްދަ ދިނުމާއެކު 3060 ފޯމު ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުއެވެ.