ފަގީރުން އަތުން ޓެކްސް ނެގުމަށްފަހު ޒަކާތުން “ވަގުހަދާ” މައްސަލަ

By admin Apr4,2024

ފިތުރާނާގެ ނަމުންވެސް ނަންދެވިފައިވާ ޒަކާތަކީ ފިތުރު އީދު ނަމާދުގެ ކުރިން ރަމަޟާން މަސް ނިމުމުން މުސްލިމުން ކުރާ ޞަދަޤާތެކެވެ. އެކަން ކުރުމުގެ ވަސީލަތްތައް ލިބިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ޒަކާތްލް ފިތުރުގެ މަޤްޞަދަކީ ރޯދަ ހިފާ މީހުން އެއްވެސް ނާޖާއިޒު އަމަލަކުން ނުވަތަ ވާހަކައަކުން ޠާހިރުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް ފިޠުރު ޢީދު އުފަލާއި ޢިއްޒަތްތެރިކަމާއެކު ފާހަގަކުރުމަށް އެހީތެރިވުމެވެ.

ރަސޫލާ މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޒަކާތުގެ މުއައްސަސާއެއް ގާއިމްކޮށްފައެވެ. އެއީ މުއްސަނދިކަން ޠާހިރުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަސީލަތެއްގެ ގޮތުގައި، ޚާއްޞަކޮށް ރަމަޟާން މަހާއި ރޯދަ ދުވަސް ނިމުމުގެ ކުރިން ފިތުރު އީދު ފާހަގަކުރުމުގެ ކުރިން ޤާއިމުކުރި ތަނެކެވެ. ޒަކާތްލް ފިތުރުގެ މުއައްސަސާ ރަސްމީކޮށް އުފެއްދެވީ މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، ރަމަޟާން މަސް ނިމުމުން މުއްސަނދިންނާއި ފަޤީރު ކޮންމެ މުސްލިމަކަށް ދޭންޖެހޭ ފަރުޟު ޞަދަޤާތެއްގެ ގޮތުގައި ކަނޑައެޅުއްވި މުއައްސަސާއެކެވެ. އެއީ އުފެދުނު ސީދާ އަހަރު ސާފުކޮށް ލިޔެވިފައި ނުވިނަމަވެސް، އޭގެ ޢަމަލު ވަރުގަދަކޮށް ބިނާވެފައިވަނީ އިސްލާމްދީނުގެ ކުރީގެ އުނގަންނައިދިނުންތަކުގައެވެ. އާންމުކޮށް ޒަކާތުލް ފިތުރު ދެނީ ހަނޑުލާއި، ބާލީ، ޚުދުރު، ކިރު، ނުވަތަ އެހެން ވެސް އެތަނެއްގައި ކާން ބޭނުންކުރާ އޮށްޓަރު ހުރި މައިގަނޑު ކާނާ އެވެ. މިއީ މުޖުތަމައުގެ ކޮންމެ މީހަކަށް ވެސް ކާން ފުދޭވަރަކަށް ލިބި، އީދުގެ އުފާ ފާޅުކުރެވޭނެ ކަމެކެވެ. ވަގުތު ފާއިތުވަމުން ގޮސް ޒަކާތްލް ފިތުރުގެ ޚާއްޞަ ކަންތައްތަކާއި، މުދަލުގެ މިންވަރާއި ބާވަތްތައް ހިމެނޭ ގޮތަށް، އިސްލާމީ ޢިލްމުވެރިންނާއި ފިޤުހުވެރިން ވަނީ ޤުރުއާނާއި ޙަދީޘްގައި (މުޙައްމަދު ރަސޫލާގެ ބަސްފުޅުތަކާއި އަމަލުތައް) ބަޔާންކޮށްފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ތަފްޞީލުކޮށްފައެވެ. އެއި ދެއްކުންތެރިކަމުން ދުރުހެލިވެ ހުރެއެވެ.

ޒަކާތް ދެނީ މާތްރަސްކަލާނގެ އަމުރުކުރައްވާފައިވާތީ އެވެ. އަޅުކަމަކަށް ވާތީ އެވެ. އަޅުކަމުގައި ދެއްކުންތެރިކަން ފާޅުކޮށްފިނަމަ ވާނީ ފާފައެވެ. ޒަކާތްނެރެ އެމަންޒަރުތައް ފޮޓޯ ނަގައި، ޗެރިޓީގެ ނަމުގައާއި އެކި ނަންނަމުގައި އީޒީ މަނީ ހޯދާ މީހުން ޖަމިއްޔާ ޖަމާއަތް ސަރުކާރުތަކުގެ ދަށުން ރަޖިސްޓުރީ ކޮށްގެންވިޔަފާރި ހިންގަނީ އެވެ.

އާންމުކޮށް ޒަކާތުލް ފިތުރު ދެނީ ގޭގެ ކޮންމެ މެންބަރަކަށް ކެއުމުއްގެ އަގާއި އެއްވަރުގެ އޮށްޓަރުހުރި ކާބޯތަކެތީގެ ސިފައިގައެވެ. ނުވަތަ ނަގުދު ފައިސާއިން ވެސް ދެވިދާނެ އެވެ. ނަގުދުނފައިސާ ދެނީ ފަގީރުން ކާބޯތަކެތި ގަތުމަށެވެ.

ޒަކާތް ބެހުމަށް ސަރުކާރަށް ދޭންވީތޯ ނުވަތަ ވަކިވަކި ފަރުދުން އަމިއްލައަށް ސީދާ ހާލުގައި ޖެހިފައިވާ މީހުންނަށް ދޭންވީތޯ އިސްލާމީ އިލްމުވެރިންގެ މެދުގައި ތަފާތު ޚިޔާލުތަކެއް އެބަހުއްޓެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތްލް ފިތުރު އެއްކޮށް ބެހުމަކީ ސަރުކާރަށް މާ ފައިދާހުރި އަދި މާ ވަރުގަދަ ކަމެއް ކަމަށާއި، އެކަން އިންތިޒާމުކޮށްގެން ހާލުގައި ޖެހިފައިވާ މީހުންނާ ހަމައަށް ފޯރާނެ ގޮތް ކަށަވަރުކޮށްދިނުމެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޒަކާތް ނެރުން ވާޖިބުވާ މީހުން ސީދާ އެމީހުން އަމިއްލައަށް ފަގީރުންނާ ހަމަޔަށް އެތަކެތި ފޯރުކޮށްދިނުން މާ އައުލާކަން ބޮޑެވެ. މިއީ މުސްލިމު އަޚުންގެ މެދުގައި މާތް ބަދަހި ގުޅުމެއް އުފެދޭނެ ކަމެކެވެ. ލަސްވުމެއް ނުވަތަ ހުރަހެއް ނެތި ޒަކާތް ލިބޭ މީހުންނާ ހަމައަށް ވާސިލްވުން ކަށަވަރުކޮށްދޭ ކަމެކެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ފުރަތަމަ 20 ދުވަސްތެރޭ 4.4މިލިއަން ރުފިޔާ ސަރުކާރަށް ވަނީ ލިބިފައެވެ. ޒަކާތް ލިބުން ހައްގުވާ 9 ހާހެއްހާ ފަގީރު ނުވަތަ ނިކަމެތި ފަރުދުންގެ ބޭނުންތައް އެފައިސާއިން ފުއްދައިދީފިނަމަ ރާއްޖެއަކު ފަގީރުންނެއް ނުތިބޭނެ އެވެ.

އެހެންކަމުން ޒަކާތް ހައްގުވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 9 ހާހެއްހާ މީހުންނަށް ސީދާ ގޮތުން ފައިދާ ވާނެގޮތް ހަދައިދީ އެމީހުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން އެ ފައިސާ ބޭނުންކުރަން ޖެހެ އެވެ. މީގެ ތެރޭގައި އެ ފަގީރުންނަށް މާލީ އެހީތެރިކަމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެމީހުންގެ ތެރޭގައި ތިބި ބަލިމީހުންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދުިނުމާއި، ތައުލީމީއެހީތެރިކަން ބޭނުންވާ ފަގީރެއް ހުރިނަމަ ތައުލީމަށް އެހީތެރިވުމާއި، ނުވަތަ ދިރިއުޅުމުގެ ހާލަތާއި ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ސީދާގޮތުން އެހީތެރިވެދެވިދާނެ އެވެ.

އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓު ތަކާއި އުދައެރުމާއި، ބިން ހިއްކުން ފަދަ ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޒަކާތުގެ ފައިސާއިން ނާޖާއިޒު ބޭނުން ކުރެވިގެން ނުވާނެއެވެ. އެފަދަ ކަންތައްތަކަށް ހަރަދު ކުރާނީ ރައްޔިތުން އަތުން ނަގާ ޓެކުސް ފައިސާ އިންނެވެ.

އެހެންނަމަވެސް ހިތާމައަކީ ޒަކާތް ހައްގުވާ އެންމެ ނިކަމެތި ފަގީރުނމީހާގެ އަތުންވެސް ގައުމު ހިންގަންވެގެން ޓެކުސް ނަގަނީ އެވެ. ނުވިތާކަށް އެ ނިކަމެތި ފަގީރު މީހާއަށް ލިބުން ވާޖިބުވާ ޒަކާތު މުދާ ނުވަތަ ޒަކާތު ފައިސާއިންވެސް ސަރުކާރު ހިންގުމަށް އެއްބައި ނަގަނީ އެވެ. މިއީ ކިހާބޮޑު ބޭއިންސާފެއް ތޯއެވެ؟

އިސްލާމުންނޭ ކިޔައި ފަތުވާ ދޭން މިއަންނަނީ އެމީހުންގެ މަސްލަހަތު ހިމާޔަތް ކުރަން އަންނަ “ދީނީ ތާކިހާ” އަޅައިގެން އުޅޭ މަކަރުވެރިންނެވެ. އެއް އަތުން ހަތިމް ނަގައިގެން ހުރެ އަނެއް އަތުން ހިންގަނީ ވައްކަމާއި ކޮރަޕްޝަނެވެ. ފަސާދަ އެވެ. ނިވާ ނުވެ ތިބޭ އަންހެނުންނާ އަތާއި އަތްޖޯޑުކޮށް ބީހި އުޅުމަކީ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ފާފަވެރިވާނެ ކަމަކަށްވީއިރު، އެ އަޒާބާއިނކުރިމަތިލާން ޖެހޭނެކަން އެނގިހުރެ އެކަންތައްތައްވެސް ހުއްދަ ކޮށްގެން އުޅޭ އިލްމުވެރީން ޒަކާތު ފައިސާ ދައުލަތް ހިންގަން ބޭނުންކުރެވޭނެއޭ ބުނެ ފަތުވާ ނެރެނީ އެވެ. މާތް ރަސޫލާ ފަގީރުންގެ އަތުން ޓެކްސް ނަންގަވައިގެން ހުރެ އެމީހުންނަށް ހައްގުވާ ޒަކާތު މުދަލުން އެންމެ ކަދުރު އޮށެއްގެ މިންވަރުވެސް ބޭނުން ނުކުރައްވައެވެ. ސަހާބީންނާއި ތާބިއީންވެސް މެއެވެ.

ވީމާ، ޒަކާތު ފައިސާ އިން ދައުލަތުން އެކި ސިފަސިފާގައި ވައްކަން ކުރުމުގެ ބަދަލުގައި އެ މުދާ ހަމަޔަށް ފަގީރުންނަށް ދޭނަމަ މިރާއްޖެއަކު އެންމެ ފަގީރެއްވެސް ނުހުންނާނެ އެވެ. އެންމެން އުޅޭނީ ފުދިގެންނެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post