ހުޅުމާލެ ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި އަލުން ފަށައިފި

By admin Apr4,2024

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ) ން އަލުން ފަށައިފިއެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ މަސައްކަތް ނިންމުމަށް ފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. ދެވަނަ ފިޔަވަހީގައި ހިއްކަން ހަމަޖެހިފައިވާ ޖުމްލަ 29 ހެކްޓަރުގެ ތެރެއިން 5 ހެކްޓަރު މިހާރު ވަނީ ހިއްކާފައެވެ. އަދި 3 ވަނަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 24 ހެކްޓަރުގެ ބިމާއެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.މީޑިއާތަކާއި ވާހަކަދައްކަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ފޭސް 3 ގައި މަސައްކަތް މަޑު ޖެހުމަކަށްފަހު އަނެއްކާ ފެށިގެން މިދިޔައީ މިކަމަށް ބޭނުންވާ ވެއްޔާއި އިތުރު ސާމާނުތައް ލިބިގެންކަމަށެވެ.

ފަޒުލް ވިދާޅުވީ، އުންމީދަކީ މި މަސައްކަތަށް ބޭނުންވާ މިންވަރަށް ވެލި ލިބި، ނުހުއްޓި ގޮސް އެއްކޮށް ނިންމާލުންކަމަށެވެ.ފަޒުލް އިތުރަށް ވިދާޅުވީ، ފޭސް 3 ގެ މަސައްކަތް ހުއްޓާލީކަމަށް ބުނެ ވާހަކަތައް ފެތުރުންކަމަށެވެ.

އެހެންނަމަވެސް ކޮންމެ މަސައްކަތެއްގައިވެސް ގޮންޖެހުންތަކެއް

ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް މަޑުޖެހުމެއް އައީ އެކަމަށް ބޭނުންވާ ވެލި ނުލިބިގެންކަމަށް ފަޒުލް ވިދާޅުވިއެވެ.”އެހާ ފަސޭހަ ކަންތައްތަކެއް ނޫން ސޭންޑް ނުލިބެންޔާ މަސައްކަތް ކުރަން. އަދި އަޅުގަނޑުމެން ދައްކަން ޖެހޭ ފައިސާއެއް ހުރި ނަމަ އެހާ ފަސޭހަކަމެއް ނޫން އެކަންކަން ކުރިއަށްގެންދާކަށް. މިއަދު މި މަސައްކަތް ފެށިގެން ދާއިރު އަޅުގަނޑުމެންގެ ފަރާތުން ކްލިއަރެންސް އަންނަންޖެހޭ ހުރިހާ ފަރާތަކުން ކްލިއަރެންސް އައިސްފައިވާނީ.” ފަޒުލް ވިދާޅުވިއެވެ.ފަޒުލް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިގެން މިދިޔައީ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރުމަށްފަހުގައިކަމަށެވެ. އަދި ފޭސް 3 ހިއްކުމަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މިހާރު ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާޢީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ. އަދި އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19،639 މީހުންނަށް ގޯތި ލިބުނެވެ. އެއީ 9،001 ގޯއްޗެވެ. މީގެ ތެރެއިން 1،351 ގޯތި ހުޅުމާލެއިން ދޫކުރުމަށް ވަނީ ނިންމަވާފައެވެ.

ހުޅުމާލޭގައި މިހާރު ތަރައްޤީކުރަމުންދާ ދެވަނަ ފިޔަވައްސެކޭ އެއްފަދައިން 3 ވަނަ ފިޔަވަހީގައިވެސް ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗް.ޑީ.ސީންވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެގޮތަށްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post