ދިވެހި ޢުމްރާވެރިން މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލު

By admin Mar27,2024

ޢުމްރާގެ އަޅުކަން އަދާކުރާ ދިވެހިން މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލު ބޭނުންކުރަން ފަށައިފިއެވެ.

ޢުމްރާގެ އަޅުކަން އަދާކުރާ ދިވެހިން މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލު ބޭނުންކުރަން ފަށާފައިވާއިރު މީގެކުރިން އެ ދަތުރަކީ ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ދިގު ދަތުރެއްކަން ފާހަގަކޮށްލެވެއެވެ. 
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ އުމްރާގެ މާތް އަޅުކަން އަދާކުރާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދެއްވާފައިވާ އިރުޝާދު ދެއްވާފައިވާކަމަށެވެ. އެގޮތުން މީގެކުރިން 7 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރާ ތަކުލީފު ބޮޑު ދަތުރު ނިމުމަކަށް ގެނައުމުގެ ގޮތުން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށްދާ މީހުން ދަތުރުކުރުމަށް ހައި ސްޕީޑް ރޭލް ބޭނުންކުރަން ފަށާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

ދަތުރުތަކުގައި ހައި ސްޕީޑް ރޭލް ބޭނުންކުރަން ފެށުމުން 7 ގަޑިއިރުގެ ދަތުރުގެ ދިގުމިން 2 ގަޑިިއިރަށް ކުރުވެގެންދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައި ސްޕީޑް ޓްރެއިންގެ ހިދުމަތް ފުރަތަމަ ބޭނުންކުރަން ފެށީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުންކަމަށެވެ. 

މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރާ މި ރޭލްތަކަކީ ޖާގަ ތަނަވަސް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ދަތުރުފަތުރުގެ ނިޒާމެކެވެ. ރޭލުގައި ދަތުރުކުރަން ހަމަޖެހުމާއެކު ދިވެހި ޢުމްރާވެރިން ކުރިން ކުރަމުންއައި ދަތުރުގައި ތަހައްމަލުކުރަމުންދިޔަ ބުރައަށް ވަރަށްބޮޑު ލުޔެއް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ދެކެއެވެ.

ކުރިން މިފަދަ ދަތުރުތައް ކުރީ ވަރަށް ގިނަވަގުތު ބަހުގައި ހޭދަކޮށްގެންކަމަށްވުމުން ޢުމްރާވެރިންގެ މެދުގައި ފަސޭހައިން ހުމާއި ރޯގާ ފެތުރުމާއި ދަތުރުމަތީގައި ނަމާދުކުރުމަށާއި ފާޚާނާކުރުމަށް ދަތިވުމާއި ކެއުންބުއިމަށް މަޑުކުރަންޖެހޭ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުންފަދަ އެތައް މައްސަލައެއް ދިމާވާކަމަށް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.

ރާއްޖެއިން ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމާއެކު ފެންވަރު ރަނގަޅު، ލުއިފަސޭހަ ޚިދްމަތްތަކެއް ފޯރުކޮށްދިނުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެކެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post