މިފްކޯގެ މަސް މާފިޔާ – ތެދެއްތަ – ދޮގެއްތަ؟

By admin Mar26,2024

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް މާފިއާ ތެރެއަށް ވަދެގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެކަން ކޮރަޕްޝަން ހުއްޓުވަންވެގެން އުޅުމުން ސަސްޕެންޑްކުރި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އަހްމަދު ޝަމާހު ރަޝީދުގެ ބަހުން ހާމަވެއްޖެއެވެ.

ދިވެހިރާއްޖެ ފިޔަވާ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކަޅުބިލަމަހާއި ކަންނެލިފަދަ ދިވެހި ކަނޑުމަހުގެ އަގު ކިލޯއެއް އުޅެނީ ހީވެސް ނުކުރާހާ ބޮޑު އަގުގައެވެ. ކަޅުބިލަމަހުގެ ކިލޯއެއް އުޅެނީ 100 ރުފިޔާއިން މަތީގައެވެ. ތައިލެންޑުގައި އެންމެ ކުޑަކޮށްވެސް ދިވެހި މަސްކިލޯއެއް ވިއްކަނީ 700 ބާތު ނުވަތަ 19 ޑޮލަރަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 297.42 ރުފިޔާއަށެވެ. ނަމަވެސް ރާއްޖޭގެ މަސްވެރިން އިންތިހާއަށް މަސްބާނާއިރުވެސް މުއްސަނދި ނުވެއެވެ. މަސްވެރިކަމުން މުއްސަނދިވަނީ މިފްކޯގެ މެނޭޖަރުންނާ މަތީފަންތީގެ މުވައްޒަފުންނެވެ.

އެހެންކަމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ގާނޫނާ ހިލާފު އަމަލުތަކުގެ މުއްސަނދި ވެބަށް ކުޑަކޮށް ބަލާލާނަމެވެ.

ރާއްޖޭގެ މަސް އުފެއްދުންތައް ބެލެހެއްޓުމާއި މާކެޓްކުރުމުގެ ޒިންމާ އުފުލާ ދައުލަތުގެ ވިޔަފާރި މިފްކޯއިން ވަނީ ރާއްޖޭގެ ސީފުޑްގެ މުހިއްމު މާކެޓެއް ކަމަށްވާ ތައިލެންޑަށް އެކްސްޕޯޓް ކުރެވޭނީ ހަމައެކަނި މަތީ ފެންވަރުގެ މަސްކަން ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގައި ގްރޭޑަރެއް ގާއިމް ކުރުމަށް ހުށަހަޅައި ތައިލެންޑުގެ މަސްވެރިކަމުގެ މާފިޔާގައި އުޅޭ ބުރޯކަރުންނާއި ޑީލް ހަދާފައެވެ. ތައިލެންޑުގެ މަސްމާފިޔާއިން ހަދާ ގޮތަކީ ނުއަގުގައި ކޮލެޓީ މަސް ރިޖެކްޓު މަހުގެ ގޮތުގައި ގަނެ އެތަކެތި ރީބްރޭންޑް ކުރުމަށްފަހު ޔޫރަޕް މާކެޓަށް ނެރެނީއެވެ. އެހެންކަމުން ރާއްޖެއަށް މަސްވެރިކަމުން ލިބެންޖެހޭ ފައިދާގެ 400 ޕަސަންޓް މިނަގަނީ މިފްކޯއާއި ގުޅިފައިވާ މަސްމާފިޔާ ކުންފުނިތަކުންނެވެ. ކޮންމެޔަކަސް އެމީހުންނާ މިފްކޯއާ ދެމެދު ކުރެވުނު އަދި ކުރެވިފައިވާ މަޝްވަރާ ތަކާއި ޑީލްތަކާއެއްކޮށް އެކުންފުނިތަކުންނާއި އެޖެންޓުން ބޭނުންވާ ހުރިހާ ގޮތަކަށް މިފްކޯއަށް ތަބާވެވެން ނެތްކަމަށް ސަސްޕެންޝަނުގައި ހުރި ޝަމާހު ތައިލެންޑަށް ކުރި ދަތުރުގައި ބުނެ މިފްކޯއާއި ތައިލެންޑުގެ މާފިޔާ މަސްކުންފުނިތަކާއި ހަދާފައިވާ ޑީލްތަކަށް ހުރަސް އަޅަން މަސައްކަތް ކުރުމުން، ޝަމާހުއަކީ ބޮޑު ނުރައްކަލެއްކަމަށް އެފަރާތްތަކުން މިފްކޯގެ ފައިނޭންޝިއަލް ކޮންޓުރޯލާއި ގުޅުން އޮންނަ ތައި ކުންފުނިތަކުގެ ދިވެހި އެޖެންޓުންނަށް އެންގިއެވެ. އަދި ޝަމާހުގެ ހުށަހެޅުމަކީ މިފްކޯއަށް ލިބޭ ފައިދާ ބޮޑުކުރުން ކަމަށްވާއިރު، އެހުށަހެޅުމުން މިފްކޯގައި އުޅޭ “ކޮމިޝަން ނަގާ ގުރޫޕް” އަށް ލިބޭ ކޮމިޝަން ނުލިބޭނެތީއާއި ތައިލެންޑުގެ ފިޝްމާފިއާ އެޖެންޓުންނަށްވެސް ކޮމިޝަން ނުލިބޭނެތީ ޝަމާހުގެ ވާހަކަތަކަށް ތައިލެންޑްގެ މަސް ގަންނަ ކުންފުނިތަކުން ދިނީ ފިނި ޖަވާބެކެވެ. އަދި އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުވިއެވެ.

މިވާހަކަތައް ތަފްސީލުކޮށްދެއްވަމުން ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ޝަމާހު އާއި ޕީސީބީގެ ރައީސް ހާޒިރުކޮށް ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމާހު ވިދާޅުވީ އޭނާ ސަސްޕެންޑުކުރީ މިފްކޯއަށް އެތައް މިލިއަންގެ ގެއްލުން ލިބޭގޮތަށް ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޒަމާނުއްސުރެ ކުރަމުން އައި ކަންކަން ހުއްޓުވަން އޭނާ ފިޔަވަޅު އެޅުމުންނެވެ.

ޝަމާހުގެ ވާހަކަތަކުން އަހަރުތަކެއް ވަންދެން މި ސިނާޢަތަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ނާޖާއިޒުކޮށް ބަޔަކުމީހުން މުއްސަނދިވާ މިންވަރު ހާމަވެގެން ދިޔައެވެ. ޝަމާހުގެ ވާހަކަތަކުން އެނގުނު ގޮތުގައި މިފްކޯ އާއި ތައިލެންޑުގެ މަސް ގަންނަ ކުންފުނިތަކުގެ ތެރޭގައި ވެސް ވަކި ބަޔަކު ގާތް ގުޅުމެއް ގާއިމްކޮށްފައިވެއެވެ. އެކަން ޝަމާހުއަށް ފަޅާއެރީ ދާދި ފަހުން އޭނާ ތައިލެންޑަށް ކުރެއްވި ދަތުރުގައެވެ. އެދަތުރުން ޝަމާހުއަށް ވަނީ މިފްކޯގެ ބިތުފަންގި ނެގިފައެވެ. މިފްކޯގެ ބައެއް މުވައްޒަފުން ސީދާ ޑައިރެކްޓްކޮށް ބުރޯކަރު ކުންފުނިތަކުގެ އޯނަރުންނަށް ގުޅައި ކޮމިޝަން ދޭނަމޭ ބުނެ ކޮލިޓީ ރަނގަޅު މަސްތައް ރިޖެކްޓް މަހުގެ ގޮތުގައިވެސް ޒަމާނުއްސުރެ ވިއްކަމުންދާކަންވެސް ފަޅާއެރިއެވެ. ޝަމާހުއަށް މިކަން އެނގުމުން، ޝަމާހުގެ ތައިލެންޑު ދަތުރަކީ ގާނޫނާ ހިލާފު ދަތުރެއްކަމަށް މިފްކޯއިން ނިންމައި އޭނާ ސަސްޕެންޑުކުރީ މިފްކޯގެ މަސްމާފިޔާ ފަޅާއެރުމުންނެވެ.

މިފްކޯއިން މިވައްކަން ކުރަނީ ތައިލެންޑުގައި އެކަންޏެއް ނޫނެވެ. ކޮންމެ ގައުމަކަށް މަސް ފޮނުވިޔަސް ކަން ވަނީ މިހެންނެވެ. 2003ކުން 2008 އަށް ބަލާލާއިރުވެސް މިކުޅިގަނޑު ކުޅެއެވެ. މިބުނި ދުވަސްވަރު ޔޫރަޕަށް 1016.2 ޓްނު ފޮނުވިއިރު ތައިލެންޑުން ވަނީ ދިވެހި މަސް 14،679 ޓަނު ޔޫރަޕަށް ފޮނުވައި ބޮޑު ފައިދާ ނަގާފައެވެ.

އޭރުވެސް މިހާރުވެސް ހިނގާ މިނާޖާއިޒު އޮޕަރޭޝަނަކީ ސާދާ ނަމަވެސް ރޭވުންތެރި ވަގު ވިޔަފާރިއެއްގެ ގޮތަށް ކުރަމުން އައި ވިޔަފާރިއެކެވެ. މިފްކޯ އާއި އެއާ ގުޅުން ހުރި ބޭރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މެނޭޖަރުންނާއި މުވައްޒަފުން ގުޅިގެން ގަސްތުގައި ރަނގަޅު މަސް ރިޖެކްޓް މަހަށް ހަދައި އޭގެން ބޮޑު ފައިދާއެއް އެމީހުން ދިޔައީ ނަގަމުންނެވެ. ބައެއްފަހަރު ޝިޕްމަންޓް ބާތިލްކޮށް، އެއަށްފަހު ޑިސްކައުންޓް ރޭޓެއްގައި ތިންވަނަ ފަރާތްތަކަށް ވިއްކަ އެވެ. މި ތިންވަނަ ފަރާތަކީ ކޮބައިކަމެއް މިފްކޯއަކަށް ޑޮކިއުމެންޓުތަކުން އެނގޭކަށް ނޯވެއެވެ. މި މަސް މާފިއާގެ ސަބަބުން މިފްކޯއަށް ލިބޭ ހަމައެކަނި މާލީ ގެއްލުންތަކުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ކުރިމަތިވެ އެވެ. 

ދުނިޔޭގެ ކަނޑުމަހުގެ ބާޒާރުގައި ރާއްޖޭގެ މަހަކީ އަބަދުވެސް ވަރަށް އަގުބޮޑު އެއްޗެކެވެ. ކިލޯއެއް 100 ރުފިޔާއިން މަތީގައި ހުރި އިރު ރާއްޖޭގެ މިފްކޯއިން ދިވެހި މަސްވެރިންގެ އަތުން 25 ރުފިޔާއަށްވެސް މަސް ގަންނަން ދެކޮޅު ހަދައެވެ. ހަގީގަތުގައި ދިވެހި މަސްވެރިން ބާނާ މަސްތައް އެކްސްޕޯޓް ކުރުމަށް ކުރަންޖެހޭ ޚަރަދަށް ކަނޑާލާފައި 40 ރުފިޔާއަށް ކިލޯއެއް ގަތަސް މިފްކޯއަށް މަހުގެ ޝިޕްމަންޓުތަކުން ގެއްލުމެއް ނުވާނެ އެވެ. މިފްކޯ ގެއްލުމުގައި ހިންގަނީ މިފްކޯގެ ޚަރަދުތައް ބޮޑުވެފައި ދިވެހިން ބާނާ މަހުގެ ފައިދާއިން ކޮންމެ ޝިޕްމަންޓަކުން 60 ޕަސަންޓު ކޮމިޝަނުގެ ގޮތުގައި މަސްމާފިޔާގެ ތެރޭގައި ވަގަށް ނަގާތީއެވެ.

މަސްވެރިން ބާނާ މަހުން މަސްދޯނިތަކުގެ ވެރިންނަށްވުރެ ބޮޑު ފައިދާއެއް މިފްކޯގެ ބައެއް ވެރިން ނަގާއިރު، މިމައްސަލަ ހައްލު ކުރާކަށް މިސަރުކާރަކުން އެކަށީގެންވާ ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެސްޓީއޯ ދަށަށް މިފްކޯ ލައިގެން އިތުރު ޚިޔާނާތް ހިންގޭނެ ދޮރު ވަނީ ހުޅުވާފައެވެ. 

“ޕްރައިވެޓް ކުންފުނިތައް މީގަ ވަރަށް ބޮޑަށް ސްޓްރަގަލް އެބަ ކުރޭ. ދައުލަތުގެ ޒިންމާތަކެއް އެބަ ހުރޭ. އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓިގެންދާއިރު ހައްލުތަކެއް ހޯދައިދޭން ޖެހޭ. ދައުލަތުގެ ސްޓްރެންގްތެއް ނެތް ވަރަކަށް ނުވާނެ ދޯ ހަމަޖައްސާކަށް. އޭރަށް ހަލާކުވާނީ މުޅި ސިނާއަތް،” ސަބްސިޑީ ދީގެން 25 ރުފިޔާއަށް މަސް ގަނެވެން ނެތް ކަމަށް ބުނެ ޝިޔާމް ވިދާޅުވެފައި ވެއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވުމަށްފަހުއެވެ. އެގޮތުން ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް މަތި ކުރުމަށްވަނީ ވައުދުވެފައެވެ. މުއިއްޒު ވައުދުވީ މަސް ކިލޯއެއް 20 ރުފިޔާއަށް ބޮޑު ކުރުމަށެވެ. ނަމަވެސް ރައީސް ސޯލިހު މަސް ކިލޯއެއް މަތި ކުރީ 25 ރުފިޔާއަށެވެ.

By admin

މަޢުލޫމާތާއި ފޮޓޯ ފޮނުއްވުމަށް info@bithufangi.com

Related Post

One thought on “މިފްކޯގެ މަސް މާފިޔާ – ތެދެއްތަ – ދޮގެއްތަ؟”
  1. ހުސް ވަގުން. މިފްކޯވެސް އެސްޓީއޯވެސް. މިހާރު އެސްޓިއޯގަ އެހެރަ މަޑުމައިތިރި ގުރަޔަކީވެސް ބޮޑު ވަގެއް، ވިޔަފާރިވެރިއެއް.

Leave a Reply

Your email address will not be published. Required fields are marked *