MENU

ކޯޅޭ  ކޯލީޝަން

ރަނގު ލޯބިވެރިންނަކީ ހިތާވެގެން އުޅޭ ދުވަސްވަރު ލޯބީގެ އެތަކެއް ވައުދުތަކާ އަހުދުތަކެއް ކުރާ ބައެކެވެ. އިރު ހަނދާ ތަރިތަށް ބާލައިދީ ހިތާވެގެން އުޅޭ މީހެއްގެ އުނގު ފުރާލަދެއެވެ. ހަނދުގައި ބޮޑެތި ގަނޑުވަރުތަށް ބިނާކޮއް ލޯބީގެ ދާންތަކުގައި ނިންދަވައެވެ.  ދުވަސްކޮޅެއްފަހުން އަނެއްކާ ފޫކަހާލާ ދެމީހުން ރުޅިވެއެވެ. އުނގު ފުރާދިން ތަރިތަށް ޖައްވަށް ފަޒާޔަށް ވައިގެތެރެޔަށް ބުރައިގެން ދެއެވެ. އަޅައިދިން ގަނޑުވަރުތަކާ ނިންދެވި ލޯބީގެ ދާންތަށް ވިއްސި ވިހާލިވެދެއެވެ. ކުރިހާ ވައުދެއް، ޅެމަށް، ފަރިއްސައް ބުރައިގެން ދެއެވެ. ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހާލަތަކީވެސް މިއީއެވެ.

ރައީސް ޔާމީންގެ ވެރިކަން ހިނގުމުގެ ނިޒާމު ކަމުނުގޮސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދިނުމަށް ކަމަށް ބުނެ އިދިކޮޅު މައި ތިން ޕާޓީގެ އިތުރުން ސިޔާސީ ގޮތުން ހަރު ހަތަރު ފަސް މީހަކު އެކުވެ ހެދި އިދިކޮޅު ކޯލީޝަން ގެ ގުޅުންވެސް ފެނިގެން ދަނީ މިދެންނެވި ފަދަ ރަނގު ލޯބީގެ ގުޅުމެއް ހެންނެވެ، ފެނިގެން ދަނީ ކޯލީޝަންގެ ޕާޓީތަކުން ކޯޅޭ މަންޒަރެވެ. އެއްބަޔަކަށްވުރެ އަނެއްބައެއް ކުރިއަރަން މޮޅު ހޯދުމަށް މަސައްކަތް ކުރާތަނެވެ. އެއްބައެއްގެ ބޮލަށް ފައިންއަރާ އަނެއްބަޔަކު ގަންބައިލުމަށް މަސައްކަތްކުރާ މަންޒަރެވެ.

ކޯލީޝަންގެ މައިގަނޑު ދެ ޕާޓީގެ ތެރެއިން އެމްޑީޕީ ގުޅިފައިވާ ފަރާތްތަކާ މަސްވަރާ ކުރުމަކާއިނުލައި، އެ ޕާޓީގެ ރައީސް އަދި ބޭރަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ކޯލީޝަންގެ ކެނޑިޑޭޓުކަން އިއުލާންކުރުމާއި ހަމައިންނެވެ. މިކަން ވެގެން ދިޔައީ ޖުމްހޫރީ ފެކްޝަންގެ ފަރާތްތަށް ގަބޫލުކުރަން ދަތިކަމަކަށެވެ. އެހެނީ ޖުމްހޫރީ ފެކްޝަނުން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކަށް ދޮންކުރަމުން އައީ އެޕާޓިގެ ރައީސް ޤާސިމް އިބްރާހިމް ކަމުންނެވެ. ނަސީބު ކަން ދިމާކުރީ މުޅިން ހިލާފަށެވެ. ދެބޭފުޅުންކުރެ އެއް ބޭފުޅަކަށްވެސް ވެރިކަމަށް ކުފޫހަމައެއް ނުވެއެވެ. އެހެންކަމުން ދެން ޖެހުނީ އެހެން މީހަކު ހޯދާށެވެ.

ގުޅިފައިވާ ފަރާތްތަކުން ބުނިހެން އިންތިޤާލީ ކެނޑިޑޭޓަކު ނެރުމަށް ފުރަތަމަ ދޮން ކުރީ ޕްރޮފެސަރ އުގައިލްގެ އިތުރުން ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދުބެއެވެ. ނަމަވެސް ފަހުވަގުތު ކޯލީޝަންގެ ބޭފުޅުން "އަތަ ފަނިބޯންދީ" މި ދެބޭފުޅުންވެސް އެއްކައިރިކޮއް ކެނޑިޑޭޓަކަށް ނެރުނީ ނަޝީދުގެ ދުވަސްވީ ރަހުމަތްތެރިޔާ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ސޯލިހެވެ. މިފަހަރުވެސް ބާރު އަތުލީ އެމްޑީޕީ އިން އެވެ. ޖުމްހޫރީ ޕާޓީއަށް ދިނީ ބާކީ ބައެވެ.

ޖޫނިޔާ ވައިފްގެ ވާހަކަތަށް ފެށިގެން އައީ މިހާހިސާބުން އެވެ. ޖުމްހޫރީ ފެކްޝަނުން ޖޫނިއާ ވައިފް ރަނިންމޭޓަކަށް ގެނައުމަށް ކެމްޕެއިން ފަށާފައިވާއިރު ކެނެރީ ފެކްޝަނުން ބުނަމުންދަނީ ޖޫނިއާ ވައިފް ރަނިންމޭޓަކަށް ނެރެފިނަމަ ވޯޓުލާން ނުދާނޭ ކަމަށެވެ. ވަރިހަމަތާއެވެ. އާއިލީ ވެރިކަމާ ރުޅި ފަރާތްތަކުންވެސް ވެރިކަމަށް ކުރިމަތި ލާންވުމުން ނެރެނީވެސް ހަމަ އާއިލާގެ ބޭފުޅުންތާއެވެ. މީސް މީޑިއާގައި ޖޫނިއާރ ވައިފް ރަނިންމޭޓަކަށް ގެނައުމަސް ކެންޕެއިންކޮއް ދެއިރު ދެދަޅަޔަށް ނަލަހެދި ޕާޓީ ހަރުގެއަށް ޖޫނިއާރ ވައިފް ދާންވެސް ފަށައިފިއެވެ.

ދެންވެސް އިވިގެން ދިޔައީ ގުޅިފައިވާ ޕާޓީތަކާ މަޝްވަރާ ކުރުމަކާއިނުލާ އެމްޑީޕީން ކޯލީޝަންގެ ޖަޒީރާ މެނިފެސްޓޯ އިއުލާންކުރި އަޑެވެ. ކޯޅުން ބޮޑު ކޮންގްރެސަކަށްފަހު އެކުލަވާލި މެނިފެސްޓޯ ވެގެންދިޔައީ ދިވެހިންގެ އަޤީދާއާއި އާދަކާދަތަކާއި ޤަބޫލުކުރުންތަކާއި ދެކޮޅުއެއްޗަކަށެވެ. ދީނާ ހިލާފު ބައިވަރު ކަންތަށްތަކެއް ހިމަނައިގެން ދިވެހިންގެ ތަރެއަށް ލާދީނީ އެތަށްކަމެއް ތައާރަފް ކުރުމަށް ކޮށާލި މަގުތަކަކަށެވެ. ކޯލީޝަން ސަރުކާރެއްގެ މެނިފެސްޓޯ ޖުމްހޫރީ ކޯލީޝަން އާއި ހިއްސާ ކުރުމަކާއި ނުލާ އެކުލަވާލުން އެޕާޓީއަށް ކަމަކުނުދިޔައެވެ. އެއާއިއެކު ޖުމްހޫރީ ޕާޓީން އެކަމަށް ފާޅުގައި ދެކޮޅު ހެދިއެވެ.

ދިވެހިން ވިސްނަންވީ މިވެރިން ވެރިކަމާހުރެ މިވަރަށް ތޮޅޭނަމަ މާދަމާ ވެރިކަމަށް އާދެވިއްޖެނަމަ ދެންވާނޭ ގޮތެވެ. ގިއްކިޔާފައި ކުރިއަރަމުން އަންނަ ރާއްޖޭގެ އިގްތިޞޯދު ޑަންކިޔާފައި ދާނީ ވެއްޓިގެންނެވެ. ވެރިކަމުގެ ބަސްބުނާނީ ޤާސިމުތޯ ނަޝީދުތޯ މައުމޫނުތޯ ނުވަތަ އެކުރެރިންތޯ ނުނިންމި އުޅެނިކޮން ގައުމު ވެއްޓިގެން ދާނީ ބޮޑު ވަޅުގަނޑަކަށް ކަމެވެ. ވޯޓު ފޮއްޓާއި ހަމައަށް ދިއުމުގެ ކުރިން ވިސްނަންވީ މިކަމާއެވެ. ގައުމަށް ތަރައްޤީއާއި ހަމަޖެހުން ގެނެސް ދެވޭނީ އަދި ގެނެސް ދެއްވީ ކޮން ބޭފުޅެއްކަމާއި މެދުއެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓު ދޭންވާނީވެސް އެފަދަ ބޭފުޅަކަށްކަމެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.