MENU

ބައްޕަ ބުނީ ހުވަފެން ނުބަލާށޭ

އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަކީ އަތޮޅުތެރޭ އުޅެބޮޑުވި، ފައްކާ ރަށު މީހެކެވެ. ބޮޑުވެގެން އައިރު، އަހަރެންގެ ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެކަމަކު ވެސް އަހަރެން ހުވަފެން ދުށީމެވެ. އަހަރެން ހުވަފެނުގައި މާބޮޑުވަރެއް ނުކުރަމެވެ. އަހަރެން ބެނުންވީ، އަމިއްލަ  ދިރިއުޅުމެކެވެ. ކުޑަ ނަމަވެސް ކޮފީ ބަޖެޓު ދެކޮޅު ޖައްސާލާފައި، އަތްމަތީގައި ފައިސާކޮޅެއް ހުންނާނެވަރުގެ ވިޔަފާރިއެކެވެ. ފިލްމީ ދުނިޔެ ދައްކަމުންދާ ފަދަ އިމާރާތްތަކާއި، ޚިދުމަތްތަކެއް މި ކުޑަ ރާއްޖެއިން ފެންނަމުން ދިއުމެވެ. ރަށުގައި އުޅުމަކީ ތަކުލީފަކަށް ނުވެ، އަސާސީ ޚިދުމަތްތައް ލިބެމުން ދިއުމެވެ. އަލަތު ކައިވެނީގެ ތެރެއިން ލައްކަ ގިނަ ގުނަ އުފާވެރިކަން ލިބުމެވެ. ނަމަވެސް، ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެހެނަސް އަހަރެން ހުވަފެން ދުށީމެވެ.

މާޒީގެ ވެރިންގެ ދުލާއި ޢަމަލު ބުނެދެމުން ދިޔައީ ބައްޕަ ބުނި ބަހެވެ. ދިވެހިން ދުށް މިސްރުގެ ޖާމިނު އަލް-އަޒްހަރުގެ ރަން ދަރިވަރު ޤައުމުގެ ވަލީ އާއި ހަވާލުވެ، ވި އެގިނަ އަހަރުގައި އެ މަނިކުފާނު ބުނީ ހުވަފެނަކީ ނިކަމެތީން ދެކެން އެންމެ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. މި ޤައުމަކީ، އަހަރެމެންނަކީ ދުނިޔޭގެ ކުރިމަތީ ނިކަމެތި ބައެއް ކަމަށެވެ. އަބަދުވެސް އިވުނީ "ކުޑަ"، "މީސްކޮޅު މަދު" އަދި "ޖަޒީރާ" ޤައުމަކަށް ދިވެހިރާއްޖެ ވީތީ އެކަމާ މާޔޫސްވާ ވާހަކައެކެވެ. ސަބަކަށްވީ، އަހަރެމެން އިއްޔެގެ ޒުވާނުންގެ ބޮޑު ބައެއް މާޔޫސްވުމެވެ. ތިމާމެންނަށް ހައްޤު މިންވަރަކީ ހަނޑަސްބުރިއާއި ބޯހިޔާކޮށްލާނެ ފުރާޅަކާއި، ދޮޅުލާހި ހަނޑޫ ކަމަށް ޤަބޫލުކުރެވުމެވެ. ފިނިހަކަ ދުވެލީގެ ތަރައްޤީގެ މަލަމަތިން އޭރު ކުލަވަމުންދިޔައީ ރަށު ސްކޫލާއި، ރަށު އޮފީހެވެ. ނަސީބު ރަނގަޅު ރަށެއްގާވިއްޔާ އާދައިގެ ބަދަރެއް އޮވެދާނެއެވެ. އިތުރު ކަމަކަށް އުންމީދުކޮށް، ހުވެފެން ބެލުމަކީ އޭރު މީހުން ހަޖޫޖަހާނެ ކަމަކަށްވިއެވެ. އެހެންވެ، ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެކަމަކު ވެސް އަހަރެން ހުވަފެން ދުށީމެވެ.

ދެން އަހަރެން ދުށީ ވިލާތު ދޮން އެދުރުކައިރިން ކިޔަވައިގެން އައިސް، ދިވެހިވަންތަ ވަށްޓަފާޅިއާއި ދުރު، ފަލްސަފީ ވެރިކަމެކެވެ. ދިވެހިންނަކަށް ވިލާތުކަސަބު މިފަހަރުގައި ރަނގަޅެއް  ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހިންގެ ހިތުގައި ދިވެހިވަންތަކަމަށް ލޯބި އޮތްވަރު ފެނިގެން ދިޔައީ، އެ ފަލްސަފާ ދިވެހިން ނިކުމެ ބޮޑުތަނުން ނައްތާލީމައެވެ. ކޮންމެއަކަސް އޭރު، ދެކެވުނީ ހުސްވާހަކައެވެ. ދެއްކީވެސް ހޮޅި ހުވަފެނެވެ. އެމީހުން ބުނީ، ހުވަފެނަކީ ބެލިދާނެ އެއްޗެއް ކަމަށެވެ. ނަމަވެސް، އެއަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫން ކަމަށެވެ. މިކަން އެމީހުން ދައްކުވައިދިނީ ޢަމަލުންނެވެ. ފަސްކަމެއްގެ މައްޗަށް ބިނާވި ފަލްސަފީ ވެރިކަން ނިމި ދިޔައިރުވެސް، އެއިން އެއްވެސް ކަމެއް ހާސިލްވާން ކައިރިވިކަމުގެ ނިޝާނެއްވެސް ނެތެވެ. އެހެންވެ، ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެކަމަކު ވެސް އަހަރެން ހުވަފެން ދެކުނީމެވެ.

އެތައް އަހަރެއްގެ އިދާރީ ތަޖުރިބާއާއި، ކާމިޔާބު ޢިލްމީ ހަޔާތަކަށްފަހު، ދިމުކްގުރާތީ އުސޫލުގެ ތެރެއިން 2013 ވަނަ އަހަރު ދިވެހިން ދުށީ މުޅިން އައު ވެރިއެކެވެ. ދިވެހިވަންތަ ވެރިއެކެވެ. އިސްލާމީ އުސޫލުތައް އޭގެ ފުރިހަމަ މާނައިގާ ހިނގާ ވެރިއެކެވެ. ރައްޔިތު މީހާގެ އިހްސާސް ދަންނަ ވެރިއެކެވެ. ދިވެހިންގެ މެދުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލު ގެނައުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާ ވެރިއެކެވެ. ތަރައްޤީގެ ދެވަނަ ނަމަކީ އެވެރިޔާގެ ނަންކަމުގައި ދިވެހިން މިއަދު ދެކެއެވެ. އާދެ، ރައީސް ޔާމީން ދިވެހިންނަށް ވެރިކަމަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުވަފެން ދެކުމަށް ވިދާޅުވިއެވެ. އެ ހުވަފެނަކީ ހަޤީގަތަށް ވާނެ ހުވަފެންތަކެއް ކަމަށް ވިދާޅުވިއެވެ. ދެން މިއަދުގެ ހަޤީގަތާމެދު ވިސްނާލަމާތޯއެވެ؟ އެއްޗެއްގެ ގޮތް އިނގޭނީ، އެ އެއްޗެއްގައި އަތްލެވުމުންނެވެ. ދިވެހިންނަށް މިއަދު ތަރައްޤީގައި އަތްލެވެއެވެ. ދިވެހިން ހުވަފެނުން ދެކުން ބްރިޖްގައި މިއަދު ހިނގާލެވެއެވެ. މާލޭގައި އެތައް ގިނަ ބުރިއަކަށް ވުރެ އުސް އިމާރާތްތަކެއް ހުރި މަންޒަރު ހުވަފެނުން ދުށް މީހުންނަށް މިއަދު އެ އިމާރާތްތައް އެބަ ފެނެއެވެ. ރަށު ބަނދަރު ހެދިގެންދާނެ ކަމަށް ހުވަފެންދުށް ދިވެހި މަންމައާއި ބައްޕައަށް އެ ބަނދަރު ލިބިއްޖެއެވެ. ނަޖިސްފެނުން ފެންވެރުމުގެ ބަދަލުގައި ސާފު ފެން ލިބޭނެ ކަމަށް ހުވަފެން ބެލި ދިވެހި އާއިލާއަށް މިއަދު ސާފު ފެނުގެ ނިޒާމް ލިބިއްޖެއެވެ. ނަރުދަމާއާއި ދެން ހުރި އެހެނިހެން ޒަރޫރީ ބޭނުންތަކަށް މިއަދު ހައްލު ލިބިއްޖެއެވެ. ދެން އަޅެ، ހުވަފެން ނުބަލާންވީ ކީއްވެތޯއެވެ؟

 

 

COMMENTS: 3
  1. July 07, 2018 by ފެކްސްޕޮޑް Reply

    އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެ ކީއްވެ ހުވަފެން ނުބަލަންވީ

  2. September 08, 2018 by Anonymous Reply

    ރަނގަޅު ވާހަކައެއް

  3. September 08, 2018 by Anonymous Reply

    ރަނގަޅު ވހކައެއ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.