MENU

ތިނަދޫއާއި ރައީސް ޔާމީން

ޒަމާނުންސުރެ އެއީ ފެންމީރު ރީތި ރަށެކެވެ. ރީތި ގޮނޑުގޮށަކާއި ފުން ރީތި ވިލެއް އޮތް ރަށެކެވެ. ރައްޔިތުން އެކަކު އަނެކަކަށް ކުރާ އިހްތިރާމަކާ އޮންނަ އެކުވެރިކަމެއްގެ ބޮޑުކަމުން އެއީ އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ރަށެކެވެ. ތަރައްޤީގެ ރޮނގުގައި އެއީ ކުރީސަފުގައި ފައިތިލަ ސާބިތުކުރާ ހަވަރުބޭކުލުން އުޅުއްވި ތިނަދޫއެވެ.

މިއީ ތިނަދޫގެ ދުލުން ތިނަދޫ ސިފަކުރާ ގޮތެވެ. ނަމަވެސް ޒަމާނުންސުރެ އެރަށަކަށް ހާއްސަ ގަދަރެއް ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމު ދެއްވާ ތިނަދޫ އެމަނިކުފާނު ސިފަކުރަން ބޭނުންފުޅުވަނީ މިއާއި ހިލާފަށެވެ. އޭރުވެސް މިހާރުވެސް އެމަނިކުފާނު ތިނަދޫއަށް ކުރާ ތަސައްވަރު އެޔަށްވުރެ އުހެވެ. މިކަން ރަނގަޅަށްވެސް އޮތީ ހާމަޔަށް ފެންނާށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރަށަކަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކޮއްދެއްވި ތަނަކީ ތިނަދޫ ކަމަށް ވާތީއެވެ.

އާބާދީގައި 12000 މީހުން ދިރިއުޅޭ ތިނަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތިނަދޫ ބިމުގެ ޖާގައިގެ ދަތިކަމެވެ. ތިނަދޫގެ ހާލުގެދުލުން މިކަމަށް އެދި ކުރީގެ ހަތަރުވެރިންގެ ފައިބުޑަށް ވެއްޓި އާދޭސް ދެއްނެވެމުންވެސް ކަހާތަން ހިރުވާނުލިތާ އިސްއުފުލާ އެއިން ވެރިޔަކު ތިނަދޫއަށް ބަލާވެސް ނުލިއެވެ. ނަމަވެސް ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވީ ތިނަދޫގެ ބިންހިއްކުމުގެ މަސްރޫއަށެވެ. އެގޮތުން ތިނަދޫ ދެކުނު ފަރާތުން 4 ހެކްޓަރު އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިމާއި އެކު މުޅި އެކު 55 ހެކްޓަރުގެ ބިންވަނީ ހިއްކާ ނިންމާފައެވެ.

ބިންހިއްކުމުން އަދި ތިނަދޫފަދަ އާބާދީ ބޮޑު އަދި ކުރިއަރަމުން އަންނަ ރަށަކަށް ނުފުދެއެވެ. ގެދޮރުނެތް އެތަކެއް އާއިލާތަކަކަށް ފަސޭހައިން ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ރައީސް ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. އެގޮތުން ތިނަދޫގައި ވަނީ އެންމެ ޒަމާނީ ފެންވަރަށް 120 ފްލެޓް އިމާރާތް ކޮއްދެއްވާފައެވެ. މީގެ އިތުރުން މި 120 ފްލެޓާއި މުޅި ރަށުގެ ނަރުދަމާއާއި ފެނުގެ ނިޒާމް އެންމެ ޒަމާނީފެންވަރަށް ވަނީ ތަރައްޤީކޮއްދެއްވާފައެވެ.

ތިނަދޫ އަކީ ޒަމާނުންސުރެ ފަރިވެލާގެން ފިނިބުރުޖަހަން ދިއުމުގެ ސަޤާފަތެއް އޮންނަ ރަށެކެވެ. ރައީސް ޔާމީންއަށް މިއީ ވަންހަނާވެފައި އޮތްކަމެއް ނޫންކަމުން ތިނަދޫގެ ބޮޑެތިމަގުތަކުގައި ވަނީ ތާރަ އަޅުއްވައިދޭން ފައްޓަވާފައެވެ. 9.1 މީޓަރުގެ މަގުގައި އެންމެ ޒަމާނީ ފެންވަރަށް ތާރައަޅާ ފައްކާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއިއެކު ހަވީރު ފަރިޔަށް ދުއްވާލަންދާ ޖިންސުންލަތީފުން އިތުރުވެގެންދާނެކަން ކަށަވަރެވެ.

ޤުރުރަތީގޮތުން ތިނަދޫއަކީވެސް ރައްގިރުމުގެ މައްސަލަ ބޮޑުރަށެއްކަމުން މިކަމަށްވެސް ރައީސް ޔާމީން މިވަނީ ހައްލެއް ގެނެސްދެއްވާފައެވެ. ތިނަދޫ ހިއްކި ސަރަހައްދާއިއެކު ގިރާ ސަރަހައްދުގެ ވަށައިގެން ވަނީ ބޮޑުހިލަ ޖަހާފައެވެ. މިއާއެކު ތިނަދޫގެ މަލަމަތި މިވަނީ ޒަމާނީ ސިޓީއެއްގެ ކުލަވަރު އަންނަން ފަށާފައެވެ. މިއީ ތިނަދޫ މީހުން ރޫހު އެރަށެއްގައި ވާ އެއްސަބަބެވެ.

ތިނަދޫއަކީ ސިޔާސީގޮތުން ނަގާ ބޮޑެތިރާޅުގެ ގެއްލުން އެންމެބޮޑަށް ކުރާ އެއް ރަށްކަން ހެކިތަކުން އެހުރީހެންނަންށެވެ. އެގޮތުން އަލިފާނުން ބިރުދެއްކުމީ ޒަމާނުންސުރެ ތިނަދޫ ރަށްޔިތުންނަށް އެވެރިން ދިން އެންމެބޮޑު އަނިޔާއެވެ. ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ތިނަދޫގެ އަމާން އަމާން ކަމަށް ގިނަގުނަ މަސައްކަތްތަކެއް ކޮއްދެއްވަމުންނެވެ. އެގޮތުން ތިނަދޫގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮއް ފަޔާރ ސްޓޭޝަނެއް ވަނީ ޤާއިމްކޮއްދެއްވާފައެވެ.

ތައުލީމީ ގޮތުން ތިނަދޫ ދަރިންނަކީ އަބަދުވެސް މެދުއުޑުގައި ފިޔަޖަހާ ދަރިންތަކެއް ތަރުބަވެތިވަމުން އަންނަ ރަށެއްކަނުން ރައީސް ޔާމީންގެ ވިސްނުންފުޅު އެންމެ ބޮޑަށް އަމާޒުކުރި އެއްދާއިރާއަކަށް ތިނަދޫގެ ތައުލީމީ ނިޒާމު ވެގެން ދެއެވެ. އެގޮތުން ތިނަދޫ ތައުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށް 12 ކްލާސްރޫމްވަނީ އިތުރުކޮއްދެއްވާފައެވެއެވެ. އަދި ބޫބަކުރު ސްކޫލްގެ އިމާރާތަށް ވަނީ 6 ކްލާސްރޫމް އިތުރުކޮއްދެއްވާފައެވެ. މީގެ އިތުރުން ގައުމީ ޔުނިވާރސިޓީގެ ކެމްޕަހެއް އެޅުމަށް ވަނީ ފައްޓަވާފައެވެ.

ސިއްހީ ހިދުމަތަކީ އަބަދުވެސް އެންމެ ޒަރޫރީ އެއް ބޭނުންކަމުން ތިނަދޫގެ ޑރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަސް ވަނީ ބަދަލުތަކެއް ގެންނަވާ އެތަކުގެ ހިންގުން ހަރުދަނާ ކުރަށްވާފައެވެ. އަދި ހޮސްޕިޓަލުވަނީ މަރާމާތުކޮއްދެއްވާފައެވެ. ރައީސް ޔާމީން ވަނީ ކުރިން ނުލިބުނު އެތަކެއް ހިދުމަތެއްވަނީ ތިނަދޫ އިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާފައެވެ.

ކުޅިވަރުގެ ދަނޑުތަކުގައި ތިނަދޫ އަކީ ރޮނާންޑޯ ކަމުން ރައީސް ޔާމީންއަށް ސަޕޯޓް ނުކޮއް ދޫކޮއްލެވެން ނެތްކަން ޚުދު އެމަނިކުފާނަށްވެސް ވިސްނިވަޑައިގަންނަވައެވެ. ތިނަދޫ ޒޯން ސްޓޭޑިއަމް އަށް ބަލާލުމުން ވަރަށް ރަނގަޅަށް މިކަން ހާމަޔަށް ފެންނާނެއެވެ. ރައީސް ޔާމީން ވަނީ ތިނަދޫ ޒޯން ސްޓޭޑިއަމަށް ބޮޑެތި ބަދަލު ތަކެއް ގެންނަވާފައެވެ. އަދި ތިނަދޫ ސްޕޯޓްސް އެރީނާގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިޔަށެވެ. އެއް ފްޓްސެލް ދަނޑު ނިމިފައި ވިއެއްކަމަކު އިތުރު 2 ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ނިމެމުންއެވެ. ނެޓްބޯޅައާއި ބާސްކެޓްބޯލަ ދަނޑުގެ މަސައްކަތް ވަނީ ނިމިފައެވެ.

ތިނަދޫ ރައްޔިތުން ފަހުރުވެރިކަމާއެކު މީ ފަހުރުވެރި ތިނަދޫއޭ ބުނެވޭނެވަރަށް ރައީސް ޔާމީން ވަނީ ތިނަދޫ ތަރަށްޤީ ކޮއްދެއްވާފައެވެ. މިއީ އެމަނިކުފާނުގެ ހިތްޕުޅުގައި ތިނަދޫއާއިމެދު އޮތް ލޯބި ހާމަކޮއްދިނުން ނޫން ކޮންކަމެއްތޯއެވެ؟ ގައިމުވެސް ތިނަދޫއިން ވޯޓެއް ހޯދަން ރައީސް ޔާމީން " ސަލާންޖަހަން " ނުޖެހޭނެކަން ކަށަވަރެވެ. ސަބަބަކީ ޒަމާނުންސުރެ ތިނަދޫ އަކީ ރައީސް ޔާމީންގެ ރަށެއް ކަމަށް ވާތީއެވެ.

 

 

COMMENTS: 1
  1. August 08, 2018 by ނޮންނި Reply

    ހީހީ ހަލާކު....
    ހޮސްޕިޓަލް ތަރައްގީ ވި ވަރަކީ ޕެރަސެޓަމޯލް އިންޖެކްޝަން ނުލިބޭތާ 1 އަހަރު ވުން....

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.