MENU

ޔާމިނު ވެރިކަމުގަ ކުރީ ކޮންކަމެއް؟

މިއީ ވަރަށް ގިނަފަހަރު އަމާޒުވާ ސުވާލެކެވެ. ސިޔާސީ ބަހުސްތަކުގެ ތެރެއިން ޖަހާލާ " ބޮޑު " އެއްޗެވެ. ތެދުފުޅެކެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ތާއީދާއެކު  ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައި ކުރީ ކޮންކަމެއް ހެއްޔެވެ؟

ފަށައިގަންނާނީ އިގްތިޞޯދާއި ހަމައިން ދެއްތޯއެވެ؟ ޖީޑީޕީ ގެ މިންވަރު 2017 ވަނަ އަހަރު ވަނީ 9671 ޑޮލަރަށް އަރާފައެވެ. އޭރު ދައުލަތުގެ ރިޒާވްގައި ބޮލަކަށް 586.2 ޑޮލަރު ހުރިއިރު މި ހިނގާ 2018 ވަނަ އަހަރު 600 ޑޮލަރަށް މިއަދަދު ވަނީ އިތުރު ކުރެވިފައެވެ. އަދި މި އަހަރު ދައުލަތުގެ އާމްދަނީ 22.4 ބިލިޔަން ރުފިޔާއަށް އިތުރުވެގެން ދާނެކަމަށް ލަފާކުރެވެއެވެ.

ރައީސް ޔާމީން ގެ ސަރުކާރަކީ ބޭރުގެ ޤައުމުތަކާއި އިޤްތިޞޯދީގޮތުން ބަދަހި ގުޅުމެއް ބާއްވާ ސަރުކާރެކެވެ. މިގޮތުން ދިވެހި ސަރުކާރުން ވަނީ ޗައިނާއާއި އެކު ފްރީ ޓްރޭޑް އެގްރިމެންޓް އެއްގައި ސޮއިކޮއްފައެވެ. އެގޮތުން ދެގައުމުން، އެއް ގައުމު އަނެއް ގައުމަށް އެއްވެސް ޑިއުޓީ އަކާއި ނުލާ އެކްސްޕޯޓް ކުރުމުގެ ފަހި ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ. ރާއްޖެއަކީ އިންޕޯޓް އަދި އެކްސްޕޯޓް މުދަލަށް ބަރޯސާވެފައިވާ ގައުމަކަށް ވެފައި ރާއްޖޭގެ އިގްތިޞޯދު ކުރިއަރައިގެންދާ މި ދަނޑިވަޅުގައި އިމްޕޯޓް އަދި އެކްސްޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ގުޅީފަޅުގައި ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން މިވަނީ ފައްޓަފައެވެ.

ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން ކުރަށްވަމުން ގެންދަވާ މަސައްކަތް ވަކިން ކުޑައެއް ނޫނެވެ. ހުޅުމާލޭގެ ފަޅުން 240 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ހުޅުމާލެ 2ވަނަ ފިޔަވަހީގައި ގާއިމުކުރާ " ހިޔާ " މަޝްރުޢުގެ ފްލެޓްތައް 2019 ވަނަ އަހަރު ނިމިގެންދާއިރު 160000 ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮއްދެވިގެން ދާނެއެވެ. މީގެ އިތުރުން ބިން ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް 14 ރަށެއްގައި، 493 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މަސްވެރިކަމާ މަސްވެރިކަމުގެ ސިނާޢަތަށް އަދުގެ ސަރުކާރުން ދެއްވަނީ އަމަށަކު އިސްކަމެއް ނޫނެނެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކޮއްދިނުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓެއް މި އަހަރު ގާއިމްކުރެވިގެން ދާނެއެވެ. ރާއްޖޭގައި އެން ދިރުވާ އާލާކުރުމަށް 11 މިލިޔަން ޑޮލަރުގެ މަޝްރުޢޫއެއް ސަރުކާރުން 2017 ވަނަ އަހަރު ވަނީ ފައްޓަވާފައެވެ. މިއާއެކު މަސްވެރި އުޅަނދުފަހަރުގައި ހަރުކުރާ ލޮކޭޓިން ޑިވައިސް މަސްވެރިންނަށް ސަރުކާރުން ހިލޭ ދިނުމަށް މިވަނީ ނިންމާފައެވެ.

ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށް 58 ފަރާތަކަށް ސަރުކާރުން ވަނީ ލޯނު ހަމަޖައްސައި ދެއްވާފައެވެ. އަދި ހުއިފިލަނޑާ އާލާކުރުމަށް 115 ފަރާތަކަށް މިއަހަރު ވަނީ ލޯނުދޫކުރެވިގެން ގޮސްފައެވެ. ފެލިވަރުގައި ދިވެހި ކަނޑުމަހުން އުފައްދާ ބާވަތްތައް 15 މެޓްރިކް ޓަނުން 65 މެޓްރިކްޓަނަށް އިތުރުކުރެވިގެން ގޮސްފައިވާއިރު ފެލިވަރުގައިވަނީ މަސްވެރިއްނަށް ހާއްސަކޮން އެރީނާއެއް ޤާއިމްކޮއްފައެވެ. އަދި މި އަހަރު ކޫއްޑޫގައިވެސް ވަނީ މަސްވެރިންނަށް އެރީނާއެއް ގާއިމްކުރުމަށް ހަމަޖެހިފައެވެ.

ދެން އޮތީ ތިމާވެއްޓެވެ. ރާއްޖެއަކީ ސާފު ތިމާވެއްޓަކާ ރައްޓެހި ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ސޯލާރ ޕީ.ވީ ޑީސަލް ހައިބްރިޑް ޕަވާރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން ޕްލާސްޓިކާއި ބީރައްޓެހި ތަނަކަށް ރާއްޖެ ހެދުމަށް ސްކޫލްތަކުގައި ޕްލާސްޓިކް ބޭނުން ނުކުރުމަށްވަނީ ނިންމާފައެވެ.

ޒަމާނަށް ހޭލާފައިވާ ތައުލީމީ މުޖުތަމައެއް ބިނާކުޅައުމަށް ރައީސް ޔާމީން ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މިއަހަރު މުޅި ދުނިޔޭގައިވެސް ގްރޭޑް 1 ން 12 އަށް ޓެބްލެޓް މެދުވެރިކޮއް ކިޔަވައިދޭން ފަށާ ހަމައެކަނި ޤައުމަކަށް ރާއްޖެ ވެގެން ދާނެއެވެ. މީގެ އިތުރުން ކިލާސްތަކަކީ ދަރިވަރުންނާ ރައްޓެހި، ވަރޗުއަލް މާހައުލެއްގެ ގޮތުގައި ކުރިއެރުވި ތަރައްޤީ ކުރެވިގެންދާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަތީތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 19 އިންސައްތައިން 32 އިންސައްތައަށް ވަނީ އިތުރު ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާއިރު 60 އިންސައްތައަށް މި ނިސްބަތް އިތުރު ކުރުމުވެ.

ރައީސް ޔާމީންގެ ވަށާޖެހޭ ތައުލީމީ ސިޔާސަތުގެ ދަށުން އޯލަވެލް އިމްތިހާނުގައި 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 77 އިންސައްތައަށް ވަނީ އިތުރުކުރެވިފައެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކުދިންގެ ވިސްނުމާ އެއްވަރަށް ތައުލީމީ ނިޒާމު ބައްޓަންކޮއްދެއްވާފައެވެ. ކިޔެވުމަށް ދަށް ކުދިންނަށްވެސް މިސަރުކާރުން ވަނީ ފަހި ފުރުސަތުތަކެއް ހުޅުވާލަދެއްވާފައެވެ. ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް 22 ސްކޫލެއް އަލަށް އިމާރާތް ކުރެވިގެން ދިޔައިރު 792 ކްލާސްރޫމް ވަނީ އަޅައި ދީފައެވެ.

ސިއްހީ ނިޒާމަކީ ދިވެހިންގެ ބަލިފައެވެ. ޒަމާނުންސުރެ ކޮރުފައި ޖަހާ ހިނގަމުން އައި ސިއްހީ ނިޒާމު ރައީސް ޔާމީންގެ ޒައާމަތުގައި ކުރެވުނު ބޮޑު " އޮޕަރޭޝަނަކަށްފަހު " ވަނީ ދެފައިމައްޗަށް ކޮޅަށް ނަންގަވައިދެއްވާފައެވެ. މިގޮތުން އައި ޖީ އެމް އެޗްގެ އެނދުގެ ކެޕޭސިޓީ ވަނީ 500 އެނދަށް އިތުރުކޮއްދެއްވާފައެވެ. ދިވެހި ރާއްޖެއިން ކުރިން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކިޑްނީގެ ބަލިތަކާއި، ކެންސަރ، އަދި ހިތުގެ ބަލިތަކަށް މިހާރު ރާއްޖޭގައި ފަރުވާކުރެވިގެން ދާނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުތެރޭވަނީ 44 މީހެއްގެ ކިޑްނީ ސަރުކާރުގެ ޚަރަދުގައި ބަދަލު ކޮއްދެއްވާފައެވެ. މާލެ ފިޔަވައި ދެން އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ޓާރޝަރީ ހޮސްޕިޓަލް 100 އެނދުގެ ޖާގައާއިއެކު މިއަހަރު ހުޅުވިގެން ދާނެއެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ތެލެސީމިއާ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފްކުރެވިގެން ދާއިރު،  ވިލިމާލޭ ސިއްހީ މަރުކަޒު ވަނީ 3 ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައެވެ.

މިއީ ރައީސް ޔާމީންގެ ވެރިކަމުގެ 4 އަހަރު ތެރޭ ކޮއްދީފައިވާ ކަންކަމެވެ. ޖުމްލަގޮތެއްގައި ބަލާލައިފައި މިވަނީ އާމު ދާއިރާތަކުން މާލެއާއި އަތޮޅުތެރެގެ ރަށްތަކަށް ކޮއްދީފައިވާ ކަންކަމަށެވެ. މަގުހެދުމާއި ނަރުދަމާއާއި، ބަނދަރާ ބިން ހިއްކުމުގެ ވާހަކަތައް އަދި އޮތީއެވެ. އެހެންކަމުން ދެންފަހަރަކުން ޔާމިނު ކޮއްދިނީ ކޮންކަމެއްހޭ ކިޔާ އަނގަ ފުޅާކޮއްލުމުގެ ކުރިން ޔާމިނު ވެރިކަމުގައި ކުރީ ކޮންކަމެއްތޯ ބަލާލުން މުހިންމެވެ.

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.