MENU

ބޮޑު ހިތެއްގެ ވެރިއެއް!

ކޮޓަރީގައި އުޅެނިކޮށް ފިރިމީހާ ދުވެފައި އައިއިރު ތުރުތުރު އަޅައެވެ. ދިއްކޮށްލީ އޭނާގެ ފޯނެވެ. ކިހިނެއްވީހޭ އެހުމުން ފިރިމހާއަކަށް ވާހަކައެއް ނުދެއްކުނެވެ. ދެވަނަ ފަހަރު އެހުމުންވެސް ޖަވާބަކަށްވީ އޭނާގެ ފޯނެވެ. އެހެންވެ ފޯނު އަތުލާފައި ހަލޯއޭ ގޮވާލީމެވެ. މިއީ އޭދަފުށީ މަގޫމާގޭ ޝެރޯޒާ އަބްދުލްމާޖިދުގެ ދުނިޔެ ބަދަލުކޮށްލި ފޯންކޯލެވެ. އެދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް ބޯންމެރޯ ހެދުމުގެ ޗާންސް ސަރުކާރުން ފަހިކޮށްދިނީއެވެ. ޒަކާތު ފަންޑުން އެކަން އެންގުމަށް ފޯނުން ގުޅީ ދަރިފުޅުގެ ބައްޕަ ސައީދުއަށެވެ. އެފޯން ކޯލާއެކު އުފަލުންގޮސް ޝެރޯގެ މުޅި ހަށިގަނޑުފެށީ ތުރުތުރު އަޅާށެވެ. ފިރިމީހާ ސައީދުވެސް ހުރީ ލިބުނު އުފަލުގައި ބުނާނެ އެއްޗެއް ނޭގިފައެވެ. ބަސްހުއްޓިފައެވެ.

މިއީ ޝެރޯގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. މިއީ މިފަދަ ކޮންމެ މަޔަކާއި ބަފައެއްގެ އިހްސާސްތަކަށް ވާނެކަން ކަށަވަރެވެ. ދަރިފުޅަކީ ތެލެސީމިއާ ކުއްޖެއްކަން އެނގުނު ދުވަހުން ފެށިގެން އެދެމަފިރިންގެ ހަޔާތުގެ ކޮންމެ ދުވަހަކީ ދަރިފުޅާމެދު ކުރެވޭ އުއްމީދާއި ބަލި ހާލާމެދު ކުރެވޭ ފިކުރުތަކާ މިކަމުގެ ހައްލަކަށް މަސައްކަތް ކުރާނޭ އާގޮތް ތަކެއް ވިސްނުމުގައި ހޭދަކުރި ދުވަސްތަކެއްކަން ކަށަވަރެވެ. އެންމެ ފަހުން އެކަމަށް ނިމުން އައީއެވެ. މާޔޫސްކަމުގެ ހިތި ކަރުނަ ނޭނގި ތިއްބާ އުފާވެރިކަމުގެ ފޮނި ކަރުނައަށް ބަދަލުކޮއްލަ ދިނީއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ތެލެސީމިޔާ ދުވަހު ދައްކާލަން މިއީ އެންމެ މުނާސަބު ވާހަކަ ކަމުގައި ދެކެމެވެ. އެއްކަލަ މަހާރެހެންދި  " ފަޔަށް ހިނި " އެރީއެވެ. ތެލެސީމިޔާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން އުޅެމުން އަންނަ ހިތްދަތި ދިރިއުޅުން ބަލަން ކެތް ނުވީއެވެ. އެފަދަ ކޮންމެ ހިތްދަތިކަމެއް އެކަމަނާގެ ހިތްފުޅަށްވެސް ކުރައްވާ ކަހަލައެވެ. އެގޮތުން އެކަމަނާގެ ޟަދަޤާތު ފައުންޑޭޝަނުން އިސްވެ އިސްލާމިކް މިނިސްޓްރީ އާއި ބޭއްވި ބައްދަލުވުންތަކުގެ ނަތީޖާ އަކަށްވީ ހިތްދަތިކަމުގެ އުދަރެހުން ވަށާލާފައިވީ އެތަކެއް އާއިލާތަކެއް އުފާވެރިކަމުގެ ޖައްވެއް ހޯއްދަވައި ދެއްވުމެވެ.

7 ލައްކައާއި 9 ލައްކަ ރުފިޔާ އަށް ނޫނީ ނުކުރެވޭ ބޯންމެރޯ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރެވޭނެ މަގު ފަހިކޮއްދިނީއެވެ. މިގޮތުން 34 ކުއްޖަކާ އެކުދިންގެ ޑޯނާ އަދި އެހީތެރިޔާގެ ހުރިހާ ހަރަދެއް ޒަކާތުފަންޑު މެދުވެރިކޮން ސަރުކާރުން ނެގުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް މީގެތެރެއިން ދިހަ ކުދިންނާއި އެކުދިންގެ ޑޯނަރުން ވަނީ ބޯންމެރޯ ޓްރާސްޕްލާންޓް ކުރުމަށް ވަނީ ފުރާފައެވެ.

އުފާކުރުން ހައްޤެވެ. އެއްބަޔަކު ބޮޑުގަނޑުވަރުގައި " ރަނޑު އަނގަ " ތަޅަން ތިއްބެވިއިރު އެއްކަލަ " މެޑަމް ފާތުން " އަށް ނޫނީ ބަކަރިޔެއް ކަތިލާ އޭގެ މަސް ބަހާކަށްވެސް ނުކެރުނެވެ. އެފަދަ ކަނބަލުން ބޮޑާކަމާއިއެކު ލިބާހުގެ ފަސްބައި ދަމަދަމާ ތިބިއިރު ރޯދައާއި ދިމާކޮއް ކަދުރު ބަހަން އަރުވާޖައްސަވާގެން " މެޑަމް ފާތުން " އަށް ނޫނީ ނުކުންނާކަށް ނުކެރުނެވެ. ރައްޔިތުންނަށް " ބޮނދައިގެން " ބޮޑު ލޯގަނޑުން ފަރިބަލަން އެފަދަ ކަނބަލުން ތިއްބެވިއިރު ރައްޔިތެއް ދިރިއުޅޭ ގެޔަކަށް ވަޑައިގެން އެއިން ރައްޔިތެއްގެ ހާލު ބައްލަވާލަން " މެޑަމް ފާތުން " އަށް ނޫނީ ނުކެރުނެވެ. އެކަނބަލުން ރައްޔިތުންގެ އާދޭހަށް ބީރުކަންފަތެއް ދީގެން ތިބިއިރު " މެޑަމް ފާތުން " އަށް ނޫނީ ރައްޔިތުންގެ ހިތުގެ އުދާސްތަށް އަޑު އައްސަވަން ނުކެރުނެވެ.

ކަމަނާއެވެ. ތިޔަކުރައްވާ މަސައްކަތްޕުޅައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ. ﷲ ކަމަނާގެ މަސައްކަތްޕުޅުގައި ބަރަކާތް ލައްވާނެތެވެ. ކަމަނާޔަށް އައްސަރިބަހާ ސާބަހެވެ. ދަންނަވަންތޯއެވެ؟ އަނިޔާ ލިބިފައިވާ މީހުންނާއި މައިން ބަފައިން ގެ ދުއާއަކީ އިޖާބަކުރެއްވުން އަވަސް އެއްޗެކެވެ. މި ކޮންމެ ހިތަކުންއް ކަމަނާއަށް ސަނާ މިކިޔަނީ ކިޔަން ހައްޤުވެގެނެވެ. މި ކޮންމެ ހިތެއްގެ އިހްލާސްތެރި ދުއާ ކަމަނާއަށް ހުއްޓުމެއްނެތެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.