MENU

މަގޭ ހުޅުމާލެ މާ ފަރިވެފަ ރީއްޗޭ

ހުޅުމާލެއަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދީ، އިޤްތިޞާދީ ގޮތުން ފުދުންތެރި، ހޭލުންތެރި ބަޔަކަށް ރައްޔިތުން ހެދުމަށްޓަކައި ސަރުކާރުން 245 ހެކްޓަރުގައި ތަރައްޤީކުރަމުންދާ ރަށެކެވެ. މި ރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ބޮޑު ސަރަޙައްދެއް ހިއްކައި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް ބޮޑުހިލަ ޖަހައި މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ މަގުތަށް އެންމެ ޒަމާނީ ފެންވަރަށް ދުރު ރާސްތާއަކަށް ވިސްނާގެން ތަރަށްޤީ ކޮއް މިވަނީ ނިންމާލާފައެވެ.

ހުޅުމާލޭ ފޭސް 2 މަސައްކަތް މުޅިން ނިމޭއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެތައް ބައިވަރު ފްލެޓްތައް ހިމެނޭގޮތަށް އުސް ޓަވަރުތައް މިރަށުގައި ޤާއިމުކޮށްފައި ހުންނާނެއެވެ. މިގޮތުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަޔަށް ދާއިމީ ހައްލެއް ހޯއްދަވާދެއްވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ސަރުކާރުން އިއުލާންކުރި ހިޔާ މަސްރޫގެ ފްލެޓްތަކުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި މިހާރުވެސް ދަނީ ހިނގަމުން އެވެ. މީގެ އިތުރުންވެސް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުގެ އިތުރުން ފޭސް 2 ގައި މާތީފެންވަރުގެ ވިލާތަކުން އެންމެ އާދާގެ ރައްޔިތު މީހާއަށް ވެސް ބޯހިޔާވަހިކަން ތަނަވަސް ވެގެން ދާނެއެވެ.

މިގޮތުން ހުޅުމާލޭގައި ކުރިޔަށް ގެންދާ ހިޔާ މަސްރޫ ފާހަގަ ކޮއްލަން ޖެހެއެވެ. ހުޅުމާލެ ޔޫތު ސިޓީގައި ތަރައްޤީ ކުރާ މި މަޝްރޫޢުގެ ސަބަބުން އަށްޑިހަ ހާހެއްހާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޯ ހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ. ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10,080 ޔުނިޓް އިމާރާތްކުރެވޭނެއެވެ. މި ޔުނިޓްތަކުގެ ތެރޭގައި 1 ކޮޓަރިއާއި، 2 ކޮޓަރިއާއި އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ތަށް ހިމެނިގެން ދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ އެންމެ ޒަމާނީ ސިޓީއަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންއެވެ. އެގޮތުން ފަސޭހައިން އެއްތާކުން ގިނަ މުދާ ލިބޭނޭ މޯލްތައް ދެވަނަ ފިޔަވަހީގައި ގާއިމް ކުރެވިގެންދާނެއެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އިޤުތިޞާދީ ސަރަޙައްދަކާއި، ޔޮޓް މެރީނާއަކާއި، ނޮލެޖް ޕާކެއް އޮންނާނެއެވެ. މިއާއިއެކު ދިވެހިން " ވަޒީފާއަށް ޖެހުމަށް " ނިމުމެއް އަންނާނެއެވެ.

މަދަނީ ތަހުޒީބުގެ އިތުރުން އަދަބީ އިލްމީ ގޮތުންވެސްއެންމެ ޒަމާނީ ތަޢުލީމުގެ ފަހި ފުރުޞަތުތައް ޒުވާނުންނަށް ލިބޭނޭ ގޮތަށް މޯލްޑިވްސް ޔުނިވަރސިޓީގެ އެކްސްޓެންޝަން ކެމްޕަސްތައް ޤާއިމުކޮށް އެތަންތަނުގައި ބިޒްނަސް ޕާކާއި އައިޓީ ޕާކު ފަދަ ތަންތަން ހުންނާނެއެވެ. ތައުލީމު ހާސިލްކުރުމަށް ދަރިވަރުން ބޭނުންވާނޭ އެންމެ ޒަމާނީ ލެބް ތަށް ގާއިމްކުރެވިގެން ދާނެއެވެ.

މީގެ އިތުރުން މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮތް [ފަރުކޮޅުފުށި] ތަރައްޤީވެފައި އޮންނާނީ ދިވެހިންގެ އާދަކާދައާއި ޘަޤާފަތް ދައްކުވައިދޭނޭ [ހެރިޓޭޖް އައިލެންޑް] އެއްގެ ގޮތުގައެވެ. ދިވެހިންގެ ސަޤާފަތާ އާދަކާދަތަށް މިތަނުން ފެންނަން ހުންނާނެއެވެ. ފަތުރުވެރިންނާއި ކިޔަވާކުދިންގެ އިތުރުން އާމުން އަށްވެސް މިތަނަށް ޒިޔާޔާތްކޮއް ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ހަމަ މިއާއެކު ފޭސް 1 އަދި ފޭސް 2 ގުޅުވާލުމަށް ހިތްގައިމުގޮތަކަށް އޮއިދެމޭހެން ވޯޓަރވޭއެއް ޤާއިމުކުރެވިގެން ދާނެއެވެ. އަދި މި ސަރަޙައްދުގައި ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ގޮސް ތިބޭނެ ޕާކުތަށް ހެދިގެން ދާނެއެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި މޫދު ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދުތަކާއި ޔޮޓް ކްލަބް ތަކުގެ އިތުރުން މެރީނާގެ ހިދުމަތްތާ ކްރޫސާ ޓަރމިނަލް އެއްވެސް ގާއިމުކުރެވިގެން ދާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިގެންދާ ޓޫރިސްޓް އައިލެން ވެގެންދާނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސައް ގެނެސްދޭނޭ އިތުރު ފުރުހަމަ ކަމަކަށެވެ. ދުނިޔޭގެ މަސްހޫރު ބްރޭންޑް ތަކުގެ ހޮތާތަކުގެ އެންމެ މަތީފެންފަރުގެ ހިދުމަތް މި ރަށުން ލިބިގެން ދާނެއެވެ. މަގުތަށް ތޮއްޖެހުން ކުޑަކޮން ޒަމާނީ ސިޓީތަކުގައި ހުންނަހެން މޮނޯރެއިލް ގެ ހިދުމަތްވެސް މި ސިޓީއިން ލިބިގެން ދާނެއެވެ. އެއާއެކު މަގުތަށް އަމާންވެ ދުއްވާ މީހުންނާއި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ފުރިހަމަވެގެންދާއިރު ހުޅުމާލެ ވެގެންދާނީ މުޅި އޭޝިއާ ސަރަހައްދުގައިވެސް އޮތް އެންމެ ތަހުޒީބީ އެންމެ ރީތި ސިޓީއަށެވެ. މިއީ ސަރުކާރުގެ އަމާޒުވެސް މެއެވެ. އަދި ހާއްސަކޮން ހުޅުމާލެ ފޭސް 2 ވެގެންދާނީ އެތަކެއް ރައްޔިތުންގެ " ސިޓީ އޮފް ހޯޕް " އަށެވެ. ކޮންމެ ރައްޔިތެއްވެސް ފަހުރުވެރިކަމާއެކު މޭގައި އަތްޖަހާފައި " މަގޭ ހުޅުމާލެ މާ ފަރިވެފަ ރީއްޗޭ " ބުނާވަރު  ސިޓީއަކަށް ހުޅުމާލޭ ފޭސް 2 ވެގެން ދާނެއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.