MENU

ދީނާއި ނުކުޅޭ!

''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.

''އިސްލާމް'' ދީނުގެ އަހުލުވެރިންނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ. މާތް ﷲ ވަނީ، ޤިޔާމަތާ ޖެހެންދެން މި ދީން ރައްކާތެރިކުރައްވާ، ބަދަލުކުރުންތަކުން ދީން ޙިމާޔަތްކުރައްވާނެ ކަމަށް ވަޢްދުވެވޮޑިގެންފައެވެ. ދީނުގެ މައިގަނޑު އަސްލަކީ ކީރިތި ޤުރުއާނެވެ. ދެން އެއަށް ފަހު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޞައްޙަ ސުންނަތެވެ.

ދިވެހިރާއްޖެ އާއި ހަމަޔަށް އިސްލާމް ދީން ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމް ވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަހެވެ. އެ ދުވަހުގެ ގޮތުގައި ބެލެވިފައިވަނީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރު ދުވަހެކެވެ. ރާއްޖެ އިސްލާމްވިފަހުން މިއަދާހަމަޔަށް 865 އަހަރު ވެފައިވާއިރު ދިވެހިން އަދިވެސް ތިބީ ނުގުޑާފަދަ އަޒުމެއްގައި އިސްލާމްދީނުގެ ހިދާޔަތުގައެވެ.

ނަމަވެސް ކޮންމެތަނެއްގައިވެސް ގައުމަށް ޣައްދާރުވާނޭބަޔަކު އުޅޭނެފަދައިން މި ފަސްގަނޑުގައިވެސް ގައުމަށާއި ދީނަށް ގޮންޖަހާ މަދުބަޔަކު ދަނީ އުޅެމުންނެވެ. ވަންހަނާ ކުރުމުގެ ބޭނުމެއް ނެތްތާއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދީނާ ގައުމު މިވެރިން މިއަދު މިވަނީ ބޭރުގެ ޔަހޫދީންއަށް ވިއްކާލާފައެވެ.

ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެއަށް އީޔޫ ފޮނުވި މިޝަނުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ބައްދަލުކުރުމަށްފަހު މިއަދު ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. ރާއްޖޭގައި އިންސާފުވެރިއިންތިހާބެއް ބޭއްވުމަށް ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން އިން ދިވެހި ސަރުކާރަށް ވަނީ ހުށައަޅާފައެވެ.

އެގޮތުން އީޔޫގެ  ރިޕޯޓުގައި ހުށަހަޅާފައި ވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ. އަދި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާ އުވާލުމަށެވެ.

ނާހަމަ ތެދެއްތޯއެވެ؟ މިނިވަން އިންސާފުވެރި އިންތިހާބަކާ އަހަރެމެންގެ ދީނަކާ ކޮން ކޮން ކަމެއްތޯއެވެ؟ ގަބޫލުކުރާ ދީނެއްގެ ގޮތުން އިންތިހާބަށް ބަދަލު އައިސްފާނެތޯއެވެ؟ އީޔޫ އިން ބޭނުންވަނީ އިންސާފުވެރި އިންތިހާބެއްތޯއެވެ؟ ނޫނީ ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްތޯއެވެ؟

ހޯ ހޯ އެވެ. ދީންކުރިއެރުވުމަށް ފޫގަޅާލާގެން ތިބި ވެރިކަން ކުރާ ޕީޕީއެމްގެ ބަސް މިވަނީ އިއްވާފައެވެ. އަބަދެކޭ އެއްފަދައިން މިގައުމުގައި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް ފުރުސަތު ނުދެވޭނެކަމާއި މުސްލިމަކަށްނޫނީ ދިވެއްސަކަށް ނުވެވޭނެކަމަށް " ހަރުބަސް" ބުނެފައެވެ.  ދީނުގެ ދިފާއުގައި ރައީސްޔާމިން ކުރަށްވާ މަސައްކަތްޕުޅުގައި އިސްލާމްދީނަށް ލޯބިކުރާ ޕީޕީއެމްގެ ވަޒީރުންނާއި، ޕީޖީ ގްރޫޕް އިން ފެށިގެން އާމު މެންބަރުންނާއި އެކު އަތުގުޅާލާ ނިކުމެފައެވެ.

މިއަދު ހިތާމަކުރަން ޖެހޭ ހަޤީގަތެއް އެބައޮތެވެ. ފާޅުގައި އިސްލާމްދީނަށް ގޮންޖަހާ ލާދީނީ އިދިކޮޅު " ޔަހޫދީ އިއްތިހާދުން " އިން ވާހަކާ ދައްކާކަމެވެ. ރާއްޖޭގައި ތިރީސްއަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ އިތުރުން އިސްލާމްދީންގެ ހައްޤުގައި  ޖަލުގައި އޮންނެވި ކަމަށް ވިދާޅުވާ އިމްރާނާއި މީގެ ކުރިން އެބޭފުޅަކަށް ދިވެހިން ޤަދަރުދިން ޤާސިމް އިބްރާހިމްވެސް އިސްލާމްދީނުގެ ދިފާއުގައި އެއްޗެކޭ ނުބުނެ ހަނުހުރުމަކީ މިއަދު ލަދުގަންނަން ޖެހޭނެ ކަމެކެވެ. އީޔޫއިން ކިތަންމެ ފައިސާއެއް އެޅިޔަސް އަނގަބަންދުވެ ދީނުގެ ހައްގުގައި ވާހަކަ ނުދެއްކުނު ބަޔަކަށް ވެރިކަން ކުރުމުގެ ގާބިލުކަމެއް ހުރެދާނެތޯއެވެ؟  އައްސަވާށެވެ. މައުމޫނަކަސް ގާސިމަކަސް ނަޝީދަކަސް އިމްރާނަކަސް އީޔޫއަކަސް އިސްލާމްދީނާއި ކުޅުއްވަން ނޫޅުއްވައްޗެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.