MENU

މަވެސް ހުރީމެވެ!

ޝައުބާން މަހެއްގެ ފުރަތަމަ ދުވަހުގެ ފަތިހުގެ ވަގުތެވެ. ގޮވާގަތް ހާ ތަކާއެކު ތެދުވެ އަތިރިޔަށްގޮސް ، ގައިންބޮލުން ތާހިރުވެލާގެން ފަތިހުގެ އަޅުކަން މާތް ރަސްކަލާންގެ އަށް އަދާކޮއް އެއްއަތުން ބަދި އަނެއްއަތުން ބަޅު ވަޅި ހިފައިގެން ފޫގަޅާލީ ބަނޑުފުރާނަ މުއްތި ކުރާނޭ ފަދައެއް ހޯދުމަށެވެ. އެދިޔަގޮތަށްގޮސް އަތިރިމަތީ ހުރި ރުކަކަށް ފަރިތަކަމާއެކު އެރިއެވެ. ރައިވެރިބެއަށް ބޮންތިއަށް ވާސިލުވާން މިނެޓެއް ނުނަގައެއެވެ. ފަރިތަކަމާއެކު ޅަ އެތެއް ކޮށާ، މަށާ އަޅާފިއެވެ. އަރައިގެން އައި އިރުގެ ދޯތިތަށް ފަނތަކުގެބުޑުން ފޭދި މޫނުގައި ބީހުމާއިއެކު އެދިމާލަށް ބަލައިލިއެވެ.

އެތަކާއި އެތެއް ބަނޖަކާއި ބަންޖެއް ދޫކޮއްލާ ބޮންތީގެ ކޮޅަށް ދެމިގަތީ ހާސްކަމާ ބިރުވެރިކަމުން ފުރިގެންވީ ހިތަކާއިއެކުއެވެ. ކޯރުހެދި ދެމެމުންދިޔަ ދިވެހިންގެ ރަތްކަންގަދަ ލޭ އެހުރީ ފެންނަންށެވެ. މާލޭގެ ހުޅަނގު ފަރާތުން ގަދަޔަށް އެހެރަގެން ހަނގުރާމަ ކުރެވެނީއެވެ. ރާއްޖޭގެ ޗާލުކަމަށް ދަހިވެތިވެ ދީވާނާވެ ރާއްޖޭގެ ވެރިކަމަށް ފެންބޮވައިގަތްފައި ތިބި ނުލަފާވި ޕޯޗުގީޒު ހަނގުރާމަވެރީނާއި ގަދަ ހިތްވަރާއިއެކު އަލިރަސްގެފާނުންގެ ލަޝްކަރު ދިވެހި ގައުމާއި، ދިވެހިންގެ ދީނާއި މިނިވަންކަމާއި އިސްތިޤްލާލާއި ހަމަޖެހުމުގެ ދިފާއުގައި ނުގުޑާފަދަ އަޒުމްފުޅަކާއިގެން ހަނގުރާމަ ކުރެވެނީއެވެ.

ކަމަކު ދާކަށްނެތެވެ. ރަނދުންނާއި މަދު މިސްކޮޅު އިސްލާމްދީނާ މި މަތިވެރި ފަސްގަނޑުގެ ދިފާއުގައި އެހެރަގެން ލޭ ކޮށިވަނީއެވެ. ހިތްވަރުގަދަ އަލިރަސްގެފާނާއި މަދު ދިވެހި ބަތޮލުންކޮޅެއް ޖިހާދުވަނީއެވެ. ގައުމީ ލޯތްބާއި އިސްލާމްދީނުގެ ދިފާއުގައި އެހެރަ އަރާގަތް ފޯރިއަކުން ނަގޫޖެހިތާ ބޯޖަހާ ރުކުން ފުންމާލީމެވެ. އަތުގައި އޮތް ބަޅުވަޅި ތައުހީދުގެ ކަލިމައާއެކު އެހެރަގެން އުފުލާލީމެވެ. ހޭޅިން ހޮވި ދެ ހުހި ، ކާލި ބަނދެ، ގައުމަށްޓަކައި ނެތްހިއްވަރު ކަށިންނެރެ ފަތާފައި ގޮސް " މަވެސް ހުރީމޭ! ހިލާ ދުލެއް ނުދޭނަމޭ! " ގޮވާލިއެވެ. ކޮންފަދަ މަތިވެރިކަމެއްތޯއެވެ؟

ޢަދުއްވުންގެ ލަޝްކަރުގެ ލޯ އަވަރު މީހަކު ފޮނުވާލި ތީރެއް އަލިރަސްގެފާނުންގެ މޭކޮޅައެރިއެވެ. ދިވެހީންގެ އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރުވާ ހިތާމައިން ފުރިގެންދިޔައެވެ. ހިތްވަރުފުޅާއި އަޒުމްފުޅު ވަރުގަދަ އަލިރަސްގެފާނު ޝަހީދުވެގެން ވެއްޓިވަޑައިގެން މަންޒަރުވީ ދިވެހީންގެ ތެރެއިން އެންމެ ފަރުދަކަށްވެސް ބަލާން ކެތްވި މަންޒަރެއް ނޫނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ރާވެރިބޭވެސް ޝަހީދުވެ، ދިވެހީންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ހިނގައްޖެއެވެ. އެންމެ ފަހުގެ ނޭވާ ހޮޅިއަށްއެޅީ ގައުމާ ދީނުގެ ހައްޤުގައި ޖިހާދުކުރަނިކޮށެވެ. އެއާއެކު ދިވެހިން އަނދިރި އަނދިރިންގެ އަޅުވެތިކަމަށް ދިއައީއެވެ.

ދަރީންނެވެ. ދީނަށްވުރެ އަމިއްލަ އެދުން އިސް ނުކުރާށެވެ. ހުއްބުލްވަތަނުގެ މަތިވެރިކަން އަމިއްލަ އެދުމާއި އެއް ނުކުރާށެވެ. ވެރިކަންމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކު ގައުމަށް ގެންނަން ނޫޅޭށެވެ. މިއަދު އަޅުގަނޑުމެންވީ އެބޭކަލުން އެދުވަހު އެ ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާންތަކުން އިބުރަތް ލިބިގަންނާށެވެ. ގައުމަށް ޣައްދާރުވުމަށް ފުރުސަތު ނުދޭށެވެ. ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ނަގާލުމަށް ބަޔަކު އަބަދުވެސް މަސައްކަތް ކުރާނެކަން ހަނދާންނައްތައި ނުލައްޗެވެ. އެފަދަ ކަންނަމަށް އަބަދުވެސް ހޭލާ ތިބޭށެވެ. ތާރީހުގައި ކަންހިނގައިދިޔަގޮތް އެހުރީ ފެންނާށެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ކުލީ ސިފައިން ގައުމަށް ގެނައުމުގެ ހިތި އާހިރުގައި ލަނީ ހަމަ އެ ވެރިންގެ އަރުގައެވެ.

ޣައްދާރުންނެވެ. ހަނދާންކުރާށެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހި މި ފަސްގަނޑުން އުތުރިގަންނާނީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ގޮވުމުގެ އަޑެވެ. އުފުއްލާނީ ހަތިޔާރެވެ. ﷲ އަކްބަރު !  އަޑަށްލާށެ ގަދަބާރެވެ.  ﷲ އަކްބަރު!  ކިޔާނީ ތަކުބީރެވެ.  ﷲ އަކްބަރު!  ނެރޭނީ ކަށިން ބާރެވެ. ﷲ އަކްބަރު!  އުފުއްލާނީ މި ޝިއާރެވެ. ﷲ އަކްބަރު!

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.