MENU

ކަލޯ ! ވަގު ސޮރެއް މީ !

މޯލްޑިވިއަން އައިޑަލް ގެ ޖަޖު އިއްބެ ނަމަ މި ވެރިކަން ސިފަކުރާނީ " ވަރަށް ތަފާތު " ވެރިކަމެއްގެ ގޮތުގައެވެ. ހަމަ އެފަދައިން އަންމަޑޭ ނަމަ އަންމަޑޭ އެ ހޯދާ " ލުކް " ހުރި ވެރިކަމެއް ގޮތުގައި މި ވެރިކަން ސިފަކުރާނެއެވެ. ވެރިކަމުގެ ޕްލެޓް ފޯމަށް އައްފާނަށް " އެންމެ ސަޅި " ޕެކޭޖަކަށް " މިވެރިކަން ވެގެން ދާނެއެވެ. ވަރަށް " ޔާނު " ވެރިކަމެއްގެ ގޮތުގައި ޒާރާ ފާހަގަ ކުރި އެއްކަމަކު ރައީސް ޔާމީން އާށް " ޔޫ ގޯ މޭން " އާއި އެކު ސްޓޭންޑިން އޮވޭޝަން އެއް އުނޫޝާ ދޭނެކަން ކަށަވަރެވެ.

ކޮންމެ އަކަސް މޯލްޑިވިއަން އައިޑަލް ގެ ވާހަކަ ނުދައްކާ ވާން ނެތީއެވެ. މުޒާހަރާތަކަށް އާދޭސްކޮއް ރޮއެ ހޭރިގެންވެސް އައިޑަލް އަންނަ ގަޑިއަށް ހަތަރު އަނގޯޅި ކަންމައްޗަށް އެއްވީ  ހައެއްކަ " ކަނަލޭ " ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވީރު މިއަދުގެ ސިޔާސީ މައިދާންވެސް މި " މޯލްޑިވިއަން އައިޑޮލް " އަކާއި ނުލާ ލޮނު ހެޔޮވަރެއް ނުވާނެއެވެ.

ކޮންމެއަކަސް ދެންމިއޮތީ ބޮޑު ސުވާލެކެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ވެރިކަމަށް ވަޑައިގަތް ކާމިނީގޭ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ދޭން އެންމެ ރަނގަޅީ ކޮން ލަގަބެއްތޯ އުފެދޭ ސުވާލެވެ.  ޒުވާން އަންހެން ކުއްޖެއްނަމަ " އެންމެ ރީތި ރައިސް " ކަމަށް ކަނޑަ އަޅާފާނެއެވެ. ފިރިހެން ސޮރެއް ނަމަ " ގަޓު ޔާނު " ކަމަށް ވެދާނެއެވެ. އިސްރައްވެއްސެއް ނަމަ " ރަން ދަރީ " ގެ ލަގަބު ދީފާނެ ކަންނޭގެ އެވެ. އެކުވެރި ފަޅުވެރި އެއް ނަމަ " ކުޅަދާނަ ބަތޮލެއް " ގެ ލަގަބު ދީފާނެއެވެ. ރައްޔިތުން ނަމަ " ހެޔޮލަފާ ވެރިއެއް " ގެ ލަގަބު ދޭނެއެވެ. އަނބިކަނބަލުން މެޑަމް ފާތުން ނަމަ " ހެޔޮލަފާ ފިރިއެއް " އަދި ދަރިކަލެއް  ނަމަ " ލޮބުވެތި ބައްޕަ " ގެ ލަގަބު ލިބޭނެ ކަން ކަށަވަރެވެ.

ދެން މިޖެހުނީ މަށާ ހަމައަށް ތާއެވެ. ރައީސް ޔާމިން އަށް ދޭން އެންމެ ރަނގަޅީ ކޮން ލަގަބެއްތޯ ކުރެވޭ ސުވާލަށް އަހަރެން ދޭނެ ޖަވާބެވެ. " ވަގެއް " ؟؟!! އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ސިފަކުރައްވަނީ ވަގެއް ގެ ގޮތުގައެވެ. އަޅުގަނޑަށްވެސް ބައެއްފަހަރު އެކަހަލަ އެއްޗެއް ހީވާތަން އާދެ އެވެ. ނުވާންވީ ކީއްވެ ތޯއެވެ؟ ހިންގުން ތެރިކަމާ ރޭވުންތެރިކަން ހުންނެވީ ޑޮނަލް ޓްރަންޕާއި ޕޫޓިން އަށް ވުރެ ކުރީގައެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގަތް އިރު އަނގަވަތަށް ވެއްޓިފައި އޮތް މި ގައުމު ނަގާ ކޮޅަށް ޖައްސަވާ އަނގަމަތިން ވެލިފޮޅާ ވީދިފައިވާ އަހުލާގީ އަދި އިޖްތިމާއީ ފޭރާން ވިއެ ކަނޑައިގެން ދިޔަ އިގްތިސޯދީ ހާރު ގައްތައިދެއްވީ ފެންތަށްތެއް ބޯލާހާ ފަސޭހައިންނެވެ.

ވޭތުވެދިޔަ 50 އަހަރު ދައުލަތުގެ ރިޒާވް ކުރިއަރާ ނުދާމިންވަރަށް ބައިތުންމާލު އިތުރުކުރަށްވައިފިއެވެ. ތަރައްޤީއާއި ތަމައްދުނުގެ މުޅިން އައު ބާބަކާއިއެކު އަހަރުން އަހަރަށް 31 އިންސައްތަ އަދި މަހުން މަހަށް 7 އިންސައްތައިގެ ކުރިއެރުމެއް އިގްތިސޯދަށް ގެނެސް ދެއްވައިފިއެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކު އެއްވެސް ރަށަކަށް ނުކޮއްދެއްވާވަރަށް މިލިޔަނުން ބިލިޔަނުން ތަރައްޤީގެ ތަނބުތަށް ޖައްސަވަމުން މިއަހަރަށް ރޭ ވިލުނު އިރު ރަސްމީ ރިޒާވް 625.9 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރު ކުރަށް ވާފައެވެ. އެވެސް 4 އަހަރު ވަންދެއް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރި ހަނގުރާމައާއި އިހަކަށް ދުވަހު ޣައްދާރުންގެ ބަޔަކު ގައުމަށް ދިން ބޮޑު ގެންލުން އެއްކައިރީ ބާއްވާފައެވެ. އެހެންވީރު މާމަމެން ބައެއްފަހަރު އަހަރެމެން މޮޅު ކަމެއް ކޮއްލުމުން ލޯބިން " ކަލޯ ! ވަގުސޮރެއް މީ ! " އޭ ބުނާހެން މިހާރުގެ ރައީސް ޔާމީން އަށް " ވަގު ސޮރެކޭ "  ލޯބިން ބުނެލަން ހަމަ އެންމެ ރަނގަޅު ތާއެވެ.

 

 

COMMENTS: 4
 1. March 28, 2018 by ނަޝީ Reply

  ޢައްސްލުވެސް

 2. March 28, 2018 by ވަގު ސޮރު Reply

  ތަފާތު އިނގޭ
  ޢިނދިކޮޅޭމެންނަށް ހަޖަމެއް ނުވާނެ

 3. March 28, 2018 by Anonymous Reply

  ވިގު ސޮރެއް ދޯ

 4. March 28, 2018 by އެވިއަން Reply

  އޮބި ނެސް ޓު ދަ މެކުސް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.