MENU

ލޯބިވާ ދަރިފުޅާއެވެ!

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ މަންމަ އާއި ބައްޕަ ދަރިފުޅަށް ޓަކައި ވަރަށް ފޮނި އުންމީދުތަކެއް ކުރީމެވެ. ބައްޕަ އާއި މަންމަ ގެ ލޯބީގެ ބަގީޗާގައި ފޮޅުނު ތިޔަ މައު ދެކެ ބައްޕަގެ ފުރާނަ އަށްވުރެވެސް ލޯބިވަމެވެ. ދަރިފުޅާއެވެ! ބައްޕަޔަށް މައާފު ކުރާށެވެ. ބައްޕަ ދަރިފުޅާ އަދި ދަރިފުޅުގެ މަންމަ ދެކެ ވަރަށް ލޯބިވެއެވެ. އަދި ހަމަ އެފަދައިން ދަރިފުޅުގެ މާމައާއި ކާފަ ދެކެވެސް އިންތިހާޔަށް ލޯބިވަމެވެ. އޭ ބައްޕަގެ ހިތުގެ ވިންދާއެވެ. ބައްޕަ މި ދުނިޔޭގައި ހޭދަކުރާ ހަމަ ކޮންމެ ސިކުންތަކީ ދަރިފުޅުމެން ދެމައިންނާއި އެކު ވުމަށް އެދޭ ވަގުތުކޮޅެކެވެ. ނަމަވެސް ދަރިފުޅާއެވެ. ޤައުމާ ދީން ދިފާއުކުރުމަށް ބައްޕަ ﷲ ގަންދީ ކުރި ހުވަޔާއި ހިލާފުވެވެން ނެތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ބޮޑުވެގެން ތިއްތިވެލައިގެން ސްކޫލަށް ގޮސް މޮޅު ކުއްޖަކަށް ވާތަން ބައްޕަ ދެކެން ވަރަށް ބޭނުމެވެ. ތިއްތި ހެދިލާގެން ބައްޕަ އާއިއެކު ޕާކުތަކަށް ކުޅެން ގެންދަންވެސް ވަރަށް ބޭނުމެވެ. މޫދަށް ގޮސް ފަތާލާ ކުޅެ މަޖާކޮއް ގެޔަށް އައިސް ފެންވަރާލާގެން ބައްޕަ އާއިއެކު ނަމާދަށް ގެންދަންވެސް ވަރަށް ބޭނުމެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ދަރިފުޅަށާއި ބައްޕައަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން އޮތީ ﷲ ގަންދީ ބައްޕަ ކުރި ހުވާގެ މަތީ ސާބިތު ވެވިގެންނެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު "ނާނަ" ކިޔާ ވަގުތު ދަރިފުޅާ ގާތުގައި އޮވެ " ނާނާ" ކިޔައިދޭންވެސް ވަރަށް ބޭނުމެވެ. ލޯބިން ފިރުމައިދީ ދަރިފުޅު ނިދީމުން ބޮސްދޭންވެސް ވަރަށް ބޭނުމެވެ. ކޮންމެ ދުވަހެއްގެ ހެންދުނު ހޭލެވެންވެސް ބޭނުންވަނީ ދަރިފުޅު އައިސް ބައްޕި އަށް އުނދަގޫކުރަން ފެށީމައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ދަރިފުޅާއި ދަރިފުޅުގެ މަންމަ އާއިއެކު ހޭދަކުރާނެ ވަގުތެއް ބައްޕަޔަށް ވާން އޮތީ މި ފަސްގަނޑު މިނިވަން ކަން މަތީ އޮވެގެންނެވެ. އެހެންވެ ބައްޕަ އަށް ގައުމުގެ ހައްޤުގައި ކުރި ހުވަޔާއި ހިލާފު ވެވެން ނެތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. ހެނދުނު "ބުއް ތަށި" ބޮއެގެން ބައްޕިގެ އަތުކުރީގައި ހިފާލައިގެން ޤުރުއާން ކުލާހަށް ގެންގޮސް އަދި ނިމުނުން ދަރިފުޅާއިއެކު އައިސް ކްރީމް ބޯން ދާހިތް މި ބައްޕަ ވަރަށް ވެއެވެ. ދަރިފުޅު ފިލާވަޅުތަށް ހަދާއިރު ބައްޕި ދަރިފުޅަށް ލޯބިން ޖެއްސުން ކޮއްލަން އިންނަހިތް ހާދަ ވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ދުވާލުދާ ހަތަރުދަމު ގައުމުގެ މަސަލަސް ކުރުވުމަށް ބައްޕަ ހޭލާ ހުރުމަށް ފަހު ބައްޕައަށް ވަގުތެއް ނުވަނީއެވެ. ގަރިފުޅާއި ދައިފުޅުގެ މަންމަގެ ސަލާމަތް ތެރިކަން ރައްކާތެރިކުރުމަށް ބައްޕަ ކުރި ހުވަޔާއި ދެކޮޅު ހެދެން ނެތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. މީ ފަހަރުގައި ދަރިފުޅަށް އަދި މާ ބޮޑެތި ވާހަކަތަކަށް ވެދާނެއެވެ. ބައެއްގެ އަމިއްލަ އެދުން ބޮޑުކަމުން ބައްޕަމެންމަށް ހަމަ ނޭވާވެސް ލާނެ ވަގުތެއް ނުވަނީއެވެ. އާއިލާ އާޢި އެކު ހީ ސަމާސަކޮއް މަޖާކޮއްލާނެ ވަގުތެއް ނުވަނީއެވެ. ދަރިފުޅު ގޮވައިގެން އައިސް ކްރީމް ބޯން ދާނެ ދަނޑިވަޅެއް ނުވަނީއެވެ. ދަރިފުޅު ނިދާ ވަގުތު " ނާނާ " ކިޔާދެވެން ނެތީއެވެ. ނަމަވެސް ދަރިފުޅާއެވެ. ހާލަތު ބަދަލު ވާނެ އެވެ. އެދުވަހުން ބައްޕަ ދަރިފުޅަށް މި ހުރިހާ ލޯތްބެއް ދޭނަމެވެ. މި ބައްޕަ އާއި މަންމަ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ޤުރުބާނެވެ. ދަރިފުޅު ބޮޑުވެ ތަސައްރަފު ފުދެން މި ބައްޕަ އާއި މަންމަ ބޭނުންވަނީ ދީނާއި ގައުމުދެކެ ލޯބިވާ ކުއްޖެއްގެ ގޮތުގައެވެ. ދީނީ އަޅުކަންތަށް ބަރާބަރަށް އަދާކުރާ ހަރުދަނާ ޒުވާނެއްގެ ގޮތުގައެވެ. އަމިއްލަ އެދުމަށް ވުރެ ގައުމު އިސްކުރާނެ " ބަތޮލެއްގެ " ގޮތުގައި އެވެ.

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.