MENU

ނަސްރީނާ އިބްރާހިމަށް

 

ނިކަމެތި ރައްޔިތުން

ދިވެހިރާއްޖެ

 

މެޑަމް ނަސްރީނާ އިބްރާހީމެވެ.

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ލޯބިން އުޅެ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ފިރިކަލުން ގެންދެވުމުން ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟ ކެއްކުރަށްވާށެވެ. މި ނިކަމެތި ރައްޔިތުންވެސް ކެތް ކުރީމެވެ. ކަމަނާގެ ފިރިކަލުން ކުށެއްނެތް އެތަށް ބަޔަކު ވެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި ޖަލަށްލާ އަނިޔާކޮއް މަރެމުން، މި ހިތްތަކަށް ވެސް ވަރަށް އަސަރު ކުރިއެވެ. ވަރަށް ރުއީމެވެ. އެދުވަހު އުޅުނު ނިޔަމެތި ހާލުން އަނިޔާ ލިބިފައިވާ ރައްޔިތުންގެ ދުއާ އަދު އިޖާބަ ކުރެއްވީއެވެ. އަނިޔާ ލިބިފައިވާ މީހާގެ ދުއާ އިޖާބަ ކުރައްވާނޭ ކަން އަލް އުސްތާޒް ފިރިކަލުން ކަމަނާއަށް ބުނެ ނުދެއްވާތޯއެވެ؟ އެ ހިތްދަތިކަން މިއަދު ކަމަނާ އުފުއްލަވަން ޖެހިވަޑައިގަތުމުން އުނދަގޫފުޅު ދެއްތޯއެވެ؟

ކަމަނާއެވެ. ވިސްނާލަ ބައްލަވާށެވެ. ކަމަނާގެ ފިރިކަލުން " އަލް އުސްތާޒް " ކިތަށް ދީނީ އިލްމުވެރިންނަށް އެއްވެސް ހައްޤަކާއި ނުލާ އަނިޔާ ކުރި ނޫންތޯއެވެ؟ އިލްމު އުގެނުނީތީ އެކަމާ ކޯފާ އިސްކުރައްވާ އެ ބޭބޭ ފުޅުން އާއިލާތަކާ އެކަހެރި ކުރުމުން އެފަރާތްތަކުގެ އާއިލާއިން މިއަދު ކަމަނާގެ ލޮލުން ތިޔަ އޮހޮރޭ ކަރުނަ އޮހޮރިއެވެ. ނުވަތަ އެއަށްވުރެން އިތުރަށްވެސް އޮހޮރިއެވެ. ތިޔަ އުފުއްލަވަން ޖެހިވަޑައިގަތް އެކަނިވެރިކަން އޭގެ އިންތިހާޔަށް އެ ބޭބޭ ފުޅުންގެ އަނބި އަނބި ކަނބަލުންނާއި ދަރިން އުފުލިއެވެ. ހާދަ ހިތްދައްޗެވެ. ހާދަ ޖަޒްބާތު ތަކެއް އެދުވަހު ހިތުގައި ހިނގިއެވެ.

ހިޔާލުފުޅު ކުރައްވާށެވެ. އެބޭބޭފުޅުން ލޯބިވާ އަނބިން އާއި ދަރިން ރޮއެ ރޮއެ ތިއްބާ ދަމާ ކޫއްތާފައި ގެންދިޔައިރު އެ ހިތްތައް އެތަށް ފަހަރަކު ފޮތިފޮތިވެ ކުދިކުދި ވިއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި އަނބިދަރިން ކައިރިން ވަކިކުރުމުން އުޅޭނެ ނިކަމެތި ހާލު ފަހަރުގައި ގަނޑުވަރުގައި އުޅުއްވި އަބިންނާއި ދަރިންނަށް ނޭގި ހިނގައި ދާނެއެވެ. އެހެންވީރު އިހްސާސް ކުރައްވާށެވެ. މިއަދު ތިޔަ އުފުލާ ހިތާމާތަކާ ހިތްދަތިކަން ތީގެ ދެގުނަޔަށް އެދުވަހު ރައްޔިތުން އުފުލިއެވެ. ކަމަނާއެވެ ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟

ކަމަނާއެވެ. މައިވަންތަ ކަމުގެ ކުލުނަކީ ކިހާވަރެއްގެ އެއްޗެއްކަން ހަތަރު ދަރިން " އަމަޔަކަށް " އަޅުގަނޑު ކިޔާދޭން ޖެހިދާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އަދި ރައްޔިތުންނަކީ ކިތަން މެ ނިކަމެތި ބައެއް ނަމަވެސް މައިމީހާގެ އާދޭހުގެ އަސަރު ވަރަށް ގަދަވާނެ އެވެ. އެ މައިމީހާގެ ލޮލުގެ ކޮއެ ގެން ދާއިރު މައި ލަނގޮނޑިޔަށް ކެއްވާނެ ތޯއެވެ؟ އެ މައިން ހާދަ ކަރުނައެއް އޮހޮރިއެވެ. ހާދަ ގިސްލިއެވެ. ދެލޮލޮގެ ކޮއެ ދިނުމަށް އެދި ކަމަނާގެ ފިރިކަލުންގެ މާތް ފައިންފުޅު ދަށައްވެއްޓި ހާދަ އާދޭހެއް ކުރިއެވެ. ފަހަރުގައި ކަމަނާގެ ގަނޑުވަރު ގެ މޮޅުކަމުން ދޮރުކޮޅުތަކުން އެތެރެޔަށް އެ މައިން ރުއި ރުއިމާ ކުރި އާދޭހުގެ އަޑު ނުފޯރަނީ ކަމަށްވެސް ވުން އެކަށީގެން ވެއެވެ. ކަމަނާއެވެ. ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟

ކަމަނާނަށް ދިގު އުމުރުފުޅެއް ދެއްވުން އެދި ދުއާކުރަމެވެ. ނިކަމެތި ރައްޔިތުން އުޅުނު ހާލު އެނގިވަޑައިގަންނަވާނީ އޭރުން ނޫންތޯއެވެ. ލޯބޯ ފިއްސާގެން ރައްޔިތުން އުޅެމުން އަންނަ ހާލު ކަމަނާ މިއަދު ބޭރަށް ނިކުމެ ފިރިކަލުން ގެ ހައްގުގައި ތިޔަ ކުރައްވާ މަސައްކަތުން ފެނިވަޑައިގަންނަވާނެ އެވެ. މި ނިކަމެތި ރައްޔިތުން ވެސް ތިޔަ މާރުކޭޓު ކަންމަތީ ދިންހާ އަތްވެއްގަ ވެހުނުހާ ވާރެއެއްގައި ފިރިމީހާއާއި ދަރިން ދެކިލުމަށް ތިބި ދުވަސް ވެސް ފާއިތުވެއްޖެއެވެ. ކަމަނާއެވެ. ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟

މި ނިކަމެތި ރައްޔިތުންގެ ހިތުގައި ކަމަނާއަށް އަދި ތިޔަ އާއިލާ އާއި މެދުވެސް ހަސަދައެއް ނަފުރަތެއް ނެތެވެ. ހިތް ވަރަށް ސާފެވެ. ނަމަވެސް ކަމަނާގެ ފިރިކަލުންނަށް އެއްވާހަކަ ބުލަލަ ދެއްވާށެވެ. ފަހަރުގައި އެއީ އަޒުހަރު ޔުނިވާރސިޓީންވެސް ނުކިޔަވާދީ އޮތް ފިލާވަޅަކަށް ވެދާނެ އެވެ. އާއެކެވެ! މީހަކަށް ހައްޤަކާއި ނުލާ އަނިޔާއެއް ނުކުރާށެވެ.

އިހްތިރާމް ގަބޫލްފުޅު ކުރެއްވުން އެދެމެވެ.

20 މާރޗް 2018

ލޮބުވެތި ރައްޔިތުން

އެންދެރިމާގެ

މާލެ

ދިވެހިރާއްޖެ

 

 

 

COMMENTS: 2
  1. March 21, 2018 by މެޑަމް Reply

    ލިޔުނު މީހާގެ ނަންވެސް ޖަހާލަން ނުކެރުން ދޯ.. ބުރޯ ތީތި ކަޑައޭ...

  2. March 21, 2018 by ސަލީމް Reply

    ހަސަދަ އެއް ނެތްބަން އިނގިއްޖެ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.