MENU

ތަރައްޤީ ކޮޅުވެއްޖެ

މިއީ ފިސާރި ދުވަސްކޮޅެކެވެ. ތަރައްޤީ މެކުހަށް ޖަހާ އަޅާ އިތިކޮއް ދުއްވާގަތްގަތީނުން އަތަކު ނުޖެހުނެވެ. ރާއްޖޭގެ އެއްބިތުން އަނެއް ބިތަށް ފެތުރިގެންފިއެވެ. އަސުރުމަލުގެ ހިތްގައިމުކަމާއެކު އަސުރަށް ރައްޔިތުންގެ ހިތްތަށް އުތުރި އަރާގެންފިއެވެ. ފިޔާތޮށި ކުލާގެ ހިތްގައިމުކަން ދިއްގާ މަލުގެ ރީނދޫ ކުލައިގެ މަށްޗަށް ވެރިވެގެންފިއެވެ. ރައްޔިތުން ނުކުމެ ދިއްގާ ވައު ކޮށާ ސާފުކޮއް އަސުރުމަލުގެ ބަގީޗާއިން މުޅިތަން ފުރާލާފިއެވެ.

ކަލޯ މިރަށު ފާލަން!....... އަހަ. ކޮން ފާލަމެއްތޯއެވެ. މީ މައުމޫނުގެ 30 އަހަރެއް ނޫނެވެ. އަދި މިއީ ކެނެރީ 3 އަހަރެއް ވެސް ނޫނެވެ. ބަލަގަ މިއީ ކާމިނީ 5 އަހަރެވެ. ތަރައްޤީއާއި ތަހުޒީބުގެ 5 އަހަރެވެ. އެހެންކަމުން މިހާރު ބަނދަރެއް ނެތިގެން ލޯންޗުން ފުންމާލާ މީހާ އަނގަވަތަށް ގޮނޑުދޮށައް ޖެހޭކަށް ނުޖެހޭނެއެވެ. ރައްޔިތުންގެ ކޮނޑުގައި ދާންކޮޅު ބަހައްޓައިގެން ރަށައް ފައިބާކަށް ވެސް މިހާރަކު ނުޖެހޭނެއެވެ. މިހާރު ހަސަނުގެ ބޮއްކުރާވެސް ކަތީބުގެ މަސްއޮޑިވެސް ބަނދަރު ކޮއްލަނީ ތަރައްޤީ އާއި ތަހުޒީބު " ޝާހިލް " ތަކަށެވެ.

ކަތްދާ ކަރަންޓެއް ނެތް ؟ .......... ގާދިރާ ތިޔަ ސުވިޗު އޮން ކޮއްބަލަ.... އެދުވަސް ފަސްދީފިއެވެ. ކަރަނޓު ނެތިގެން މުހަންމަދުބޭގެ ފިހާރާގައި ހުރި ކުކުޅު ކޮށާ ސޮސެޖްކޮޅު ކުނިވެ އުކާލަން ޖެހުނު ދުވަހެވެ. ކުޑަސޮރު ފައްޖެހި ގޮނޑީގައި އަތިރިމަތީ ނިންދެވި 30 އަހަރެވެ. ކަރަންޓު އަގު ބޮޑުކަމުން ފަންކާ ނުޖަހަން ހަނޑޫކޮޅު ހޮވަން އަތިރިމަށްޗައް ނުކުތް 3 އަހަރު އޮބައިފިއެވެ.

30 އަހަރު ހޮޅިބުރީގައި ޖެހި ޕަރުވާނާ މަރުނުވާވަރަށް މި 5 އަހަރު ޕަރުވާނާވެސް މަރުވެއްޖެކަމީ ޝައްކެތްނެތް ކަމެކެވެ. ނުވާންވީ ކީއްވެތޯއެވެ؟ އަސުރުމާ ކުލައިގެ ދޯދިން އެރި އިރާއެކު މިހާރު " ޓުވެންޓީ ފޯ  ސެވަން " ކަނރަންޓް ވެސް ޔަގީންވެއްޖެވެ.

އޭ ޓައްޕޫ ކައެ ބޫޓު ގަތްތާ މިހާރު 5 އަހަރު؟؟ އަހަ.. ބޫޓުގަނޑުވެސް ހަލާކު ނުވާނެ ނޫންތޯއެވެ! މެސީ އާއި ރޮނާލްޑޯ ވެސް ކުޅެނީ ހަމަ ޓައްޕު ކުޅޭ ފެންވަރުގެ ދަނޑުތަކުގައެވެ. ރެޔެއް ދުވާލެއް މިހާރު ނޯވެއެވެ. ނުބައި އަރުވަން ދާނެ ވަގުތެއްވެސް މިހާރު ނުވެއެވެ. ވަޒީފާތަށް ނިންމާގެން އަންނައިރު އަލަތު އަނބިގޮއްޔެ ކައްކާ މީރު ކާއެއްޗެހި ލޯބިން " އަލަތު ފްލެޓުގައި " ތިބެ ކައި ނިއްމާލާގެން ދެން ދާންވީ އަނބިގޮއްޔެ ބަށިކޯޓަށް މަ ފުޓްސެލް ދަނޑަށެވެ.

އަހަންމާބެ އަނެއްކާ މާލެ ! ކަލޯ މާލެ ނުދާންވީ ކީއްވެތޯއެވެ. އެކިޔާ " ތްރީ ތޮޕް ' އަކާ ދަރުމަވަންތައިން ނުލިބުނު ހިދުމަތެއް މި އޭޝިއާއިން ލިބެން ނެތީއެވެ. އަހަންމާބޭގެ ދެ ކިޑުނީއާ ސަންފަގެ ހިތް ވެސް ބަދަލުކޮއްލީ ކުޅަދާނަ " ސްޕަރު ސްޕެސަލިސްޓުން " ކިޔާ ދިވެހި އަތްތަކެކެވެ. އަނެއްކޮޅުން އެތަންތަނުން ހިދުމަތް ހޯދަން ކަރަކަރައިން އަންނަ ދޮން ފަރަންޖީންވެސް ބަލާލަން އަހަންމާބެ ބޭނުންވާނެ ނޫންތޯއެވެ؟

ސޮފް! މިއަދު ދުއްވާލަން ދާންވާނެ ދޯ؟ ނުދާން ވީ ކީއްވެ ތޯއެވެ؟ 30 އަހަރު ޖަމަލުމަތީ ސަހަރާގައި ދަތުރު ކޮއްފީމެވެ. ނުވިތާކަށް 3 އަހަރު ރިޔާނަގާގެން ގަދަކަނޑުގައި ދުއްވި ދުވަސްވެސް ހިނގައްޖެ ތާއެވެ. މިއަދު މަންޖެ ގޮވާގެން ދުއްވާލަން ދާއިރު ހީވަނީ އަލާއުއްދީންގެ " ޖާދޫގެ މުސައްލަ " ދުއްވާލާހެނެވެ. ހަމަ އެހާވެސް  ސްމޫތީއެވެ.

ބައްޕާ ދީ އަޅުގަނޑު އަތަށް އައިޕެޑް! ނުދޭންވީ ކީއްވެ ތޯއެވެ. ޒައިދާން ފަކީރުވެސް 15 ކިލޯގެ ފޮތްބޮނޑި ކޮނޑު ޖަހާލާގެން ހިނގި 30 އަހަރާ އިތުރު 3 އަހަރު ވެސް ފަސް ދިނީތާއެވެ. އަދު އައިޕެޑް ހިފައިގެން ކިޔަވަން ދަރިސޮރު ދާއިރު އެސޮރަށް ކިހާ ފަސޭހަވާނެ ނޫންތޯއެވެ. އަނެއްކޮޅުން އެސޮރު އެހެރަ ދައްކާލާ ތައުލީމީ މޮޅެތި ވާހަކަތަކުން އެބުނާ އޯ ލެވެލް އަކުން އޭ ސްޓާ ހޯދަގެން ހުއްޓަސް އެ މިހާރު އެކަށްޗަކަށްވެސް ނަހަދައެވެ.

އަތްވެސް ވާޅު ވެއްޖެއެވެ. އަދިވެސް އޮތީ ކުރިޔަށްތާއެވެ. މިހެން ތަރަށްޤީގެ ވާހަކަތަށް ލިޔަން އިނދެފިނަމަ މިރޭ އިރު އަރާއިރުވެސް އިންނަންޖެހޭނީ މިގޮނޑިޔަށް ފޫހަރާލާގެންނެވެ. މަންޒަރު އަދު ވަރަށް ސާފެވެ. އަސުރުމަލުގެ ރީތި ފިޔާތޮށި ކުލައިން ލިބިދިން ތަހުޒީބާއި އެކު ދިއްގާ މަލުގެ ރީންދޫ ކުލަޔަށް ދިވެހިން މިހާރު ނަފުރަތު ކުރެއެވެ. 30 އަހަރާ އިތުރު 3 އަހަރު ލޫދެމުން އައި ތަރައްޤީ އަދު ކޮޅުވެއްޖެއެވެ.

 

COMMENTS: 4
  1. March 12, 2018 by ސަރަފިއްޔާ Reply

    ސާބަހޭ. ވަރަށް ފައްކާ ލިޔުމެއް. ތަރައްޤީ ހަމަ ކޮޅުވެއްޖެ. ހަޖަމްނުވާ ބަޔަކަށް މިކަހަލަ ލިޔުމެއް ހަޖަމެއްވެސް ނުވާނެ

  2. March 12, 2018 by އަހުމަދު Reply

    މިޔަދު އަހަރެމެން މަހައްގޮސް އަނބިދަރީން ގޮވާގެން ރަށުގައި މިއުޅެނީ އުފަލުން. މީ ދުވަހަކުވެސް ދެކޭނެ ކަމަކަށް ހީކުރެވުނު ދުވަހެއް ނޫން.

  3. March 12, 2018 by ހަނީފް Reply

    ބޭނުމީ ޔަހޫދީ ދިރިއުޅުމެއް ނޫން. ބޭނުމީ ރައީސް ޔާމީން މިއަދު ގެންނަވާ އަސުރުމާ ތަރައްޤީ.

  4. March 12, 2018 by ޖަޒޫ Reply

    މިފަދަ ވެރިކަމެއް މިންވަރު ކުރެއްވީތީ ﷲ އަށް ފައްފަށުން ޝުކުރު. މީ ޒުވާނުންނަށް ހެޔޮ ވެރިކަމެއް. ޒުވާނުން ބާކީވެފައި ތިއްބާ ދުޅަހެޔޮބަޔަކަށް ހައްދަވާ އަހަރެމެން ގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވީ ރައީސް ޔާމީން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.