MENU

ހައްދަނީ " ހީރޯ" އެއް ނޫނެވެ. " ގުނބޯ " އެވެ

” ގުނބޯލޯ! ގުނބޯލޯ!

ނަށަން ނަށަން ތެދުވަޅޭ!

ފުއްޕިހަކުރު ބޯންތެދުވެ!

އާލިބާސް ލާން ތެދުވެ!”

މީ އަހަރެމެން ކުޑައިރު ވަރަށް ގިނައިން ކިޔާ އުޅުނު ބަނޖެކެވެ. ގުނބޯ ނަގާގެން އެ ހައްދަން ކިޔާ ބަންޖެކެވެ. " ގުނބޯ ހައްދުވަން " ކިޔާ ބަނޖެކެވެ.

ގުބޯލަކީ ހިރަފުސް ހުންނަ ތަންތާ، ބިތުބުޑުގައި، ހަރުކޮނެގެން އުޅޭ ކުޑަ ސުއިއްޕެކެވެ. ވައްކޮން ވަށައިގެން މައްޗަށް ފަސް އަރުވާ އެތެރެޔަށް ދޯރިކޮން ހުންނަ ހޮރެއްގައި ވަޅުޖަހާ އޮންނަ އެއްޗެކެވެ. އެކަހަލަތަނެއް ހާވައިލުމުން ގުނބޯ ފެނިދާނެއެވެ. މި ކަހަލަ ތާކުން ގުނބޯލެއް، ނުވަތަ ދެތިން ގުނބޯ ނަގާ، ދޮލަނގަކަށް ވެލި އަޅައި، އެ ވެލިކޮޅުގައި ގުނބޯ ބައިނދައިގެން، އޭގެ ވަށައިގެން އިނގިލިކުރިން ރޮނގުއަޅާން ފަށައިފިނަމަ، ވަރަށް ރީތި ނެށުމެއް، އޭތި ނަށައެވެ. ބައެއްފަހަރަށް ކުރިޔަށް ޖެހިލައެވެ. ބައެއްފަހަރަށް ފަހަތަށް ޖެހިލައެވެ. އަރިއަރިއަށްވެސް ޖެހެއެވެ. މިއީ ފޫހިފިލުވުމުގެ ގޮތުން ބައެއް ކުދީން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރަށް ގުނބޯ ނެއްޓުމޭ ނުވަތަ ގުނބޯ ހެއްދުމޭ ކިޔައެވެ.

އަދު ފެނިގެން މިދިޔައީ މި މަންޒަރެވެ. ތަފާތަކީ ހަމައެކަނި ގުނބޯގެ ބަދަލުގައި ބޭނުން ކުރީ ދުވަސް ވެފައިތިބި މުސްކުޅިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިތިބި މީހުން ކަމެވެ. އަދި ގުންބޯ ހައްދުވަންތިބީ ކުޑަކުދިން ނޫން ކަމެވެ. ބާލިޣުވެ ތަސައްރަފު ފުދިފައިތިބި ބޮޑެތި މީހުންކަމެވެ. އަދި ދޮލަނގުގައި ނެއްޓުވި ނެއްޓުވުން މަގުތަށް މައްޗައް ބަދަލުވެފައި ވާކަމެވެ. މާއުނައީ ހާއްސަ އެހީޔަށް ބޭނުންވާ މީހުންގެ އިތުރުން މުސްކުޅިވެރިން މަގުތަކަށް ނެރެ

” ކަލޯމެނޯ! ކޮޔާމެނޯ !

ނަށަން ބިރަކާ ނުލާ ތެދުވަޅޭ!

ހަމައިން ނެއްޓެން ބޯންތެދުވެ!

ވެރިކަމަށް މަ ލާން ތެދުވެ!”  ކިޔާ އެވެރިން ނައްޓުވާތަނެވެ. ހަށިގަނޑުގައި ބާރުހުރި މީހުން ކުޅިބަލާ އަތްޖަހަން ތިބޭތަނެވެ. ވެރީންކަމަށް ވަޑައިގަންނަވަން ތިއްބެވި ބޭފުޅުން ގޭގައި ހޭން ތިބޭތަނެވެ.

މިއީ ހިތާމަ ހުރި ކަމެކެވެ. ސިޔާސީ ވިޔަސް ބޮޑުވަރެވެ. އެއްވުންތަކަށް މީހަކު ނުނިކުތުމުން ގައިބާރުދޫވެ އަޅާލުމާ އޯގާތެތިކަން އެންމެ ބޭނުންތެރިވި މުސްކުޅި ވެރީން މަގުތަކުމަތީ " ގުނބޯ ހެއްދުވުން " އެއީ ޑިމޮކްރަސީ އަށްވެސް ހުތުރެވެ. ޑިމޮކްރަސީ ގެ ބައްޕައިންނާ ބޮޑުބޭބޭއިން ގައުމުގެ ކާބަފައިންނަށް މިފަދަ ދަށުދަރަޖާގެ އިއްޒަތެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހާއްސަ އެހީތެރިކަމަށް  ބޭނުންވާ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ނެރެ ގަންހިންގުވާ ގުނބޯ ހެއްދެވުމަކީ ސިޔާސީ ޕާޓީ އަކުން ނުވަތަ އެފަދަ ފަރާތްތަކަކުން ކުރާނެ އެންމެ " ހުތުރު " އެއް އަމަލެވެ. މާޔޫސްވެ ގޮތް ހުސްވެފައި ތިބިކަމުގެ އިންތިހާއެވެ. އެފަދަ ފަރާތްތަކުގެ ސިކުނޑި އަށް ސަވާރުވެ ސަލާމަތީ ބާރުތަކަށް ހުތުރު އެއްޗެހި ގޮއްވާ މަގުމަތީ ގަޑި ދެގަޑިއިރު ނެއްޓެވުން އެއީ އެފަރާތްތަށް ބަތޮލަކަށް ވުމެއް ނޫނެވެ. އެއީ އެފަދަ ފަރާތްތަކުން މަގުތަކަށް ނެރޭ ފަރާތްތަކުގެ ހުރި ނުކުޅެދުންތެރި ކަމެކެވެ. ސިޔާސީ ޕާޓީ ހިންގުމާ އެފަދަ ހަރަކާތްތަށް ރާވާ ހިންގުމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ނެތްކަމުގެ ދަލީލެކެވެ. ލަޔާގަތާއި ގާބިލިއްޔަތު ނެތީޔާ ގޭގައި މަޑުކޮއްލާށެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.