MENU

އަސްމާއްތަގެ ފިނިބުރު!

ކުރިމަތީހުރި ލޯގަނޑަށް ބަލާލުމަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ދެކޮލުގައި ހަމަޔަށް ފުއްމާ ވަރަށް ފަރުވާތެރިކަމާއެކު ހާކާލިއެވެ. މޭޒުމަތީއޮތް ފުނާނަގާ އިސްތަށިގަނޑު ހުރިދިގުމިނަށް ދަމާލިއެވެ. ކޮޅުން ކުޑަކޮން އަޅާގަތް ނަމަވެސް ދެތިން ލަތްކަކުން ހުރިހާ ގޮށެއް ފިލުވާލައިފިއެވެ. ކޮން ނޯޖަވާނެއްތޯއެވެ. ތަންކޮޅެއްކައިރިން ބަލާލަމާ އަންނާށެވެ. ސުބްހާނަﷲ އެވެ. އަސްމާއްތައެވެ.

ލައިގެންހުރި ފަރި ފާސްކުރިހެދުމާ ޖަރީވެލާފައި ހުރި ނަލަކަމުން އަސްމާއްތަކަން ވަކިކުރަން ނޭގުނީއެވެ. ހެދުމާގުޅުވާގެން ހޮވާލަން ބޮލުފޮތި ކޮޅުތަށް ފަހަރަކު ފޮތިކޮޅެއް ބޮލުގައި ޖައްސާލުމަށްފަހު ދުން އަނބުރާލާފައި އެހެރަ ބާއްވަނީއެވެ. އެންމެފަހުން އަސުރުމާކުލާގެ ފޮތިކޮޅު ބޮލަށް ހެޔޮވަރުކޮށްލައި ތުންފަތަށް ގެނުވި ހިނިތުންވުމުން ކަމުދިޔައީކަން ކަށަވަރު ވެއްޖެއެވެ.

އަވަސް ހިނގުމެއްގައި އަތްދަބަސް ވާތުން އަނެއް އަތުން ހެދުމުގައި ހިފާލާގެން އެހެރަ ނިކުންނަނީއެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު މަގުގެ އެއްފާރާތަކުން މަޑުހިނގުމެއްގައި ކުރިޔަށް ނައްޓާލާފިއެވެ. ދެވުނީ ތަންކޮޅަކަށެވެ. ކުއްލިޔަކަށް ލޮލުގައި އަޅާގަތީ ހިސާބުގަނޑު ލާނެތް ފިރިހެނުން ނުބައިއަރުވަން އެއްވެތިބޭ ކަންމައްޗެވެ. ގަބޫލުނުކުރެވިގެން ކުޑަކޮން ކައިރިޔަށް ޖެހިލާ ކައިރިން ބަލައިލިއެވެ. މިއަދު އެކަންމަތީގައި ކުޅެނަގަނީ ޅަ ކުދިންތަކެވެ. ޖޯލިތަށް ފުރިފައި ތިބީ އަސްމާއްތަ އުމުރުގެ ނޯޖަވާނުން ތަކެވެ. ކުޑަކޮން ތުއިވެލާފައި ފަރިހިނގުމެއްގައި ކުރިޔަށް ހިނގައިގަތީ ޖޯލިތަކުގައި އަސްމާއްތަގެ ފަރިކަން ބަލަންތިބި މީހުން ގިނަކަމުންނެވެ. ހިނގާމީހުންކައިރިން ރެކެމުން ކުރިޔަށް ދިޔައިރު އުނގުޅާފައި ހުރި އަތަރުން ވައިމަތި އެއްވަސްކުރަމުން އެހެރަ ގެންދަނީ ކުރިޔަށެވެ.

ހިސާބަކަށް ހިނގާލެވުނުތަނާ ކުރިމަތިވީ ބޮޑު އުސް އިމާރާތެކެވެ. ނިކަން ފަރުވާތެރިކަމާއެކު ހުސްސަރިބައި ފިރިހެންކުއްޖަކަށް ބަލާލާހެން " ބޮޑުވާއިނގިލި ކޮޅުން ފެށިގެން އިސްތަށިގަނޑު ކޮޅާ ހަމައަށް " ބަލާލައިފިއެވެ. ސުބްހާނަﷲ އެވެ. މިހިރަ ރީތިކަމެކޭ ހިތަށް އެރިއެވެ. ބިއްލޫރިން ޖަރީކޮށް ވިލާތަކުގެ ހިޔަނިން އިމާރާތަށް ގެނެސްދީގައިވާ ފުރިހަމަކަން ފެނިފައި އަނގަ މައްޗަށް ޖަހައިގެން ގުނާލަ ގުނާލަ ހުރެވުނީއެވެ. އެކެއް ! ދޭއް ! ތިނެއް ! ......... ސައުވީސް ! ފަންސަވީސް !

ކުއްލި ސިހުމަކާއެކު އަސްމާއްތަޔަށް ހަމަހޭވެރިކަން ވެރިވީ ސައިކަލެއްގައި މަތިހަށިނަގާފައި ދިޔަ ސޮރަކު " ދައިތާ ބޮލުފޮތިކޮޅޭ " ގޮވާލި އަޑަށެވެ. ކަމަކުދާކަށް ނެތެވެ. ރަސްފަންނުގެ ހިތްގައިމު ސާހިލަށް ބީއްސަމުންދިޔަ ރާޅާއެކު ބީހެމުންއައި ވައިރޯޅިން އެޔޮއްގެން " ދުއްވައިގަތީއެވެ " . ފަހަތުން ދުވެގޮސް އަތުލައިގަނެވުނީ ހަމަ ކިރިއާއެވެ. ނެގިގޮތަށްނަގައި އިސްތަށިގަނޑަށް ހެޔޮވަރު ކޮއްލައިފިއެވެ.

ފަރި ހިނގުމެއްގައި ފިކުރު ކުރަމުން ތާރައެޅިމަގުން އަސްމާއްތަ އެހެރަ ފައިބައިގެންދަނީ ކުޑަ ހެންވޭރު ކޮޅަށެވެ. ހިސާބަކަށް ހިނގުނުތަނުން ކުއްލިޔަކަށް ލޮލުގައި އަޅާގަތީ ރަންނަ މާރީގެ ދަޅުތަކެވެ. ގައްނާކުރެއްވި ބިރުން ދަރުބާރުގޭ ގަސްތަކުކައިރިން ބޮނދައިގެން ގޮސް ރާޅުގަނޑާ ހަމައަށް ނިކުމެވުނުއިރު ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިއާއެވެ. ނުހެވެންވީ ސަބަބެއް ނެތެވެ. ރަންނަމާރީގެ ދަޅުތަށްކަމަށް ބިރުން ފިތްކަނޑައިގެން ދިޔައީ ބްރިޖް ހަދަން ޖަހާފައި ހުރި ދަޅުތަށް ފެނިފައެވެ. ނުވާކަމަކަށް ހަދަމުން ވަރަށް ފޮނިވެލާފައި އަނެއްކާވެސް ހިނގައިގަތީ ކުރިއަށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.