MENU

ވިސްނާލެއްވީމުތޯއެވެ؟

 

ހުއްބުލް ވަތަނުގެ ލޮބުވެތި ދަރިންނޭވެ! ހޭބޯ ނުލެވީ އަޅެފަހެ ކޮންކަމަކައިގެން ތޯއެވެ؟ ތިބާ އެންމެ ފަހަރަކުވެސް ގައުމާއި މެދު ވިސްނާލެއްވީމުތޯއެވެ؟ ބައެއް ފަރުދުންގެ އަމިއްލަ އެދުން އިސްކޮށް ގައުމަށް ދެމުންދާ ގެއްލުމާއި މެދު ފިކުރެއް ކޮށްލެއްވީމުތޯއެވެ؟ ގައުމަށް އަންނަ ކޮންމެ ހެޔޮބަދަލަކުން ތިބާޔަށް ކުރާނީ ކޮން އަސަރެއްތ ވިސްނާލެއްވީމުތޯއެވެ؟ ކިތަންމެ ބަޔަކު ވެރިކަން ކުރާތަން ދުށީމު ނޫންހެއްޔެވެ! އިއްޔެއާއި އަދާ ފަރަގެއް ތިބާޔަށް ފާހަގަ ވިތޯއެވެ؟

މީހުންގެ ވާހަކަތަށް ތިމާގެ ސުކުނޑިން ނެރެލާ އަމިއްލަ ޒަމީރު ގަބޫލުކުރާ ނަޒަރިއްޔާތުން ތިބާ އެންމެ ފަހަރަކުވެސް ވިސްނާލައްވަމާތޯއެވެ؟  ތާއީދު ކުރަނީ އިދިކޮޅުފިކުރަށްތޯއެވެ؟ މައްސަލައެއް ނެތެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ފިކުރުތައް އެއްފަރާތްކޮށް އަޅުގަނޑާއިއެކު ހިންގަވާށެވެ. ތިބާގެ މުސްކުޅި މަންމަޔާ ބައްޕަ ދުނިޔޭގައި އެބަ ހުންނެވިތޯއެވެ؟ އެމީހުންގެ ހިތްތަކުން މިޔަދު އެފެންނަ އުފާވެރިކަމުގެ އަސަރުތަކާއިމެދު ވިސްނާލެއްވީމުތޯއެވެ؟ ތިބާގެ ދަރިފުޅު ގޮވައިގެން އެ މުސްކުޅި މަންމައާއި ބައްޕަ ކަންމަތީ ފިހާރަތަކުން އައިސްކްރީމް އާއި ޗޮކުލެޓު ގަނެދީގެން ހަވީރު ފިންޔަށް ބުރުޖަހާލަން ޕާކުތަކަށް ދާތީ ތިބާ އުފަލެއް ނުވޭތޯއެވެ؟ އެ ތުއްތު ތުއްތު ދަރިފުޅުގެ މައުސޫމު ދެ ތުންފަތުން ފާޅުވާ އުފާވެރިކަމުގެ އަސަރުތަކުން ތިބާގެހިތަށް ހިތްހަމަޖެހުމެއް ނުލިބޭތޯއެވެ؟

އެކިމީހުންގެ ވިސްނުމާ ފިކުރު ކުރުމުގެ "ލެވަލް" ތަފާތުވެދާނެއެވެ. ތިބާގެ ކޮއްކޮ އަކީ ކިޔެވުމަށް އެހާ މޮޅުކުއްޖެއް ނޫން ދެއްތޯއެވެ؟ ނަމަވެސް ތިބާ މިޔަދު އެކަމާ ފިކުރު ކުރަން ނުޖެހުނީ ކީއްވެތޯ ހިޔާލުކޮއްލައްވަބައްލަވާށެވެ؟ އެންމެ ކުއްޖަކުވެސް ބާކީ ނުކުރަން ކުރާ މަސައްކަތުގެ ނަތީޖާއިން ނޭގި ނަމަވެސް ތިބާގެ ކޮއްކޮގެ މުސްތަގުބަލު އުޖާލާ ކޮއްފިނޫންތޯއެވެ؟ ކޮއްކޮ ބޮޑުވެގެން މުޖުތަމައުއަށް ނުކުންނައިރު ކުރާނެ މަސައްކަތެއް ނެތިގެން ވަޒީފާއެއް ހޯދަން، ތިބާ ތެޅެންޖެހުނު ހާލުގައި ތެޅެން ނުޖެހޭނެކަން ތިބާޔަށް ކަށަވަރު ނޫންތޯއެވެ؟

ހަސަނުބޭ ތިބާގެ ބޮޑުދައިތަ ވަރިކޮއް އެއްލާލާފައި ދިޔައީ 3 ކުދިންނާއެކު ނޫންތޯއެވެ؟ ހަސީނާ ކުރާނެ މަސައްކަތެއް ނެތި ބިކަހާލުގައި ގަނަތެޅެން ނުޖެހުނީ ކޮންކަމަކުންކަން ތިބާ ހަނދުމަނެތުނީތޯއެވެ؟ ބޮޑުދައިތަގެ ހުސޭނު އެހަރަގެން ކުރާ ވިޔަފާރި ފުޅާވެ އެދަނީ ކީއްވެތޯ ތިބާ އަމިއްލަ ނަފްސަށް ސުވާލުކުރީމު ނޫންތޯއެވެ؟ ޒުވާންފުރާގައި ހަސަނު ރަށުތެރޭ ނުބައި އަރުވަން ނޫޅެ މަސްއޫލު ވާންޖެހިފައިވާ ވިޔަފާރި ފެށުނުގޮތް ތިބާ ހަބަރުން ބެލީމުނޫންތޯއެވެ؟ ވިޔަފާރިފަށުމުގެ އިތުރުން ކުރިއަރުވާ ތަރަށްގީކުރާނެ ގޮތުގެ މައުލޫންމާތާ ފަންނީ އަދި މާލީ އެހީތެރިން ފޯތުކޮއްދޭނެ ވާހަކަ ހަބަރުގައި ކީނޫންތޯއެވެ؟

ތިބާގެ ލޮބުވެތި އަހުންނާ ގާތްތިމާގެ މީހުންގޮވާގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރި ހަނދުމަ އެބަހުރިތޯއެވެ؟ މިޔަދު އަނބިދަރިން ދޫކޮއް ބޭރުގެ ގައުމުތަކަށް ބޭސްފަރުވާއަށް ދާންނުޖެހޭ ސަބަބު އެނގިލައްވާ ނޫންތޯއެވެ؟ ލޯބޯ ފިއްސާގެން އުޖާލާ މުސްތަގުބަލަކަށް ފޮރުވި ފައިސާއާއި ސަލާންޖަހާގެން ހޯދާ ލާރިން ބޭސްފަރުވާ ކުރި ކުރުމާއި ބޭރުފައިސާ ހޯދަން ގަނަތެޅުނު ސަބަބު ތިބާ ހަނދާންނައްތާލީ ސިޔާސީ ފިކުރުނޫންތޯއެވެ؟

ގަދަވަޔާ ވިއްސާރާގައި ތިބާގެ އޮޑިދޯނިފަހަރު ސަލާމަތްކުރަން ރޭގަނޑުގެ އަރާމު ނިދިންނާ އަނބިމީހާގެ އުފަލުން މަހުރޫމު ކުރި ކުރުން މިޔަދު ނިމުމަކަށް އައީ ރަށުގައި ހެދި ބަނދަރުން ކަމާމެދު ވިސްނާލެއްވީމުތޯއެވެ؟ ރަށުގެ މަގުތަކުގައި އަޅާފައި އޮތް ތާރަގަނޑުގެ ސަބަބުން ތިބާގެ ފައި ހިރަފުހުން ސަލާމަތްވެ ލޯބިވާ އަނބިމީހާ ގޮވާގެން ރޭގަނޑު ދުއްވާލަން ދާއިރު ފަސޭހަ ނޫންތޯއެވެ؟

ވިސްނާލެއްވީމުތޯއެވެ؟ އަނބިދަރިންނަށް މަގުމަތިން ފޮށޭތީ އަބަދު ސަކުވާކުރި ހަނދާނެވެ! މިޔަދު ކަންމަތީ ގްރޫޕުތަށް ކަންމަތިން ނުފެންނަނީ ކީއްވެކަން އެންގިލައްވާތޯއެވެ؟ ސުވާލުކުރީމުނޫންތޯއެވެ؟ ބޮޑެތި މަތިންދާބޯއްޓު ޖެއްސުމުން ތިބާޔަށް ކުރާނީ ކޮން ފައިދާއެއްހެއްޔޭ ކިޔާ ހޮޅުއަށީގައި އަޑުއުފުލި ހަނދާނެވެ! ރިސޯޓުތަށް ހެދުމުން ތިމަންމެނަށް ކުރާނެ ފައިދާއާއި މެދުގައެވެ! މިޔަދު ކަންމަތީ ގްރޫޕުތަށް ކަންމަތިން ނުފެންނަނީ ފޮށުމުގެ ބަދަލުގައި މެހުމާންދާރީ އަދާކުރުމުގައި މައްސޫލު ވެވުމުންނެވެ. ބިކަވެ މަގުމަތިވަމުންދިޔަ އެތަކެއް ޒުވާނުން އިހަށް ތިބާޔަށް ފެނުނަސް މިޔަދު ހާލަތު ބަދަލުވީ މި ސަބަބައްޓަކައެވެ!

މާލެދިޔަ ދަތުރު މަތިން ހަނދުމަ އެބަހުރިނޫންތޯއެވެ؟ ކުރިން ނުފެނުނު ބޮޑު ޝަހަރެއް ތިބާ ދުށީމުނޫންހެއްޔެވެ؟ ކިތަށް މީހުންގެ ބޯހިޔާވަހިކަން ހެއްޔެވެ؟ ކިތަކެއް ވިޔަފާރިތޯއެވެ؟ ކިތަށް ވަޒީފާގެ ފުރުސަތުތޯއެވެ؟ ކިތަކެއް ބޭރުގެ އިންވެސްޓަރުންތޯއެވެ؟ ކިހާ ހިތްގައިމުތޯއެވެ؟ ރީތި ޕާކުތަކާ އެކު ޒަމާނީފެންވަރަށް އެހެރަގެން ތަރައްޤީވާއިރު ތިބާ ސިޔާސީ ޣާފިލް ކަމުން އަރައިގަންނާކަށް ނުވޭތޯއެވެ؟

ސިސާސީ ނިންޖަކުން ތިބާގެ ސިކުންޑި ނިންދަވައިފީމު ނޫންހެއްޔެވެ! ދެން ހޭލައްވާލާށެވެ.! ގައުމަށް ޓަކައެވެ! ތިބާގެ އަނބިދަރިންނާ އާއިލާޔަށްޓަކައެވެ! ވަކި ނަސްލަކުން އައި ވަކި މީހައްޓަކައި ތިޔަވާ ޤުރުބާނީ ގެ އަގެއް އެބައޮތްތޯއެވެ؟ އެމީހެއްގެ ފުށުން ތިބާޔަށް އިވުނު ވާހަކަތަކުގެ ބަދަލުގައި ތިބާޔަށް ކުރި އަސަރާމެދު ވިސްނާލައްވާށެވެ! އެމީހެއްގެ ފަރާތުން ކުރީ ފައިތޯ ނުވަތަ ގެއްލުންތޯ އަމިއްލަ ނަފްސާ ސުވާލިކުރާށެވެ! ސިޔާސީ ގޮތުން ބަޔަކު ދައްކާހާ ވާހަކަ ތިބާޔަށްވެސް ދެއްކިދާނެއެވެ. އެހެންނަމަވެސް ޣާފިލްކަމުން ހޭލާ ތިބާގެ ސިކުނޑިން ވިސްނާލާށެވެ؟

 

COMMENTS: 2
  1. August 11, 2017 by ޚަދީޖާ އިބްރާހިމް Reply

    ވިސްނަާ ފިކުރު ކުރާ ކޮންމެ ދިވެހިރައްޔިތަކަށް އިބުރަތެއް ހާސިލްވާނެ ވާހަކަ ތަކެއް.

  2. August 12, 2017 by Anonymous Reply

    ޥ ރަގަލެ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.