MENU

އެމްޑީޕީގެ ރިޔާސީ ޓިކެޓް މައުމޫން ބޭނުން މީހަކަށް!

ގާނޫނު އަސާސީގައިވާގޮތުން ކޮންމެ މީހަކީވެސް ހަމަހަމަ މީހެކެވެ. އެއްވެސް މީހަކު އިސްތިސްނާވުމެއްނެތެވެ. ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ނަޝީދު ގޭ ބަންދަށް ބަދަލު ކުރުމުން، އެކަމާ ކޯފާ އިސްކުރައްވައި، ނަޝީދަށް އެއްވެސް ލުޔެއް ދީގެން ނުވާނެކަމަށް މަޖިލިސް މެންބަރުންނަށާއި ކޮއްކޯފުޅު ރައީސް ޔާމީނަށް މައުމޫން އެންގިއެވެ. ބޭސްފަރުވާކުރަން ކަމަށްބުނެ ނަޝީދު އިނގިރޭސިވިލާތަށްގޮސް އެތަނުގައި ފިލުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ފެށުމުން، އެކަމަކީ ބޭކާރު ކަމެއްކަމުގައި ވިސްނައިދޭން މައުމޫން އުޅުނެވެ. މައުމޫންގެ ޕްލޭނަކީ ކޮބައިހެއްޔެވެ؟

އިދިކޮޅު ހުރިހާ ލީޑަރުން އެއްކޮށްގެން މައުމޫން މިހާރު ކުރާކަމަކީ ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅުމެވެ. ސަރުކާރަށް ޖެއްސުން ކުރުމެވެ. ބަޣާވާތް ކުރުމެވެ. މަގުމައްޗަށް މީހުން ނެރެގެން އަމަންއަމާންކަން ނަގައިލުމެވެ. ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށެވެ. ޢާންމުވަމުންދަނީ ކޮރަޕްޝަނާއި ފަސާދައެވެ. ރިޝްވަތު ދީގެން މަޖިލިސް މެންބަރުންގެ އަގު ވައްޓާލައިފިއެވެ. ބޮޑެތި ކުށްތައް ކުރާ މީހުންތައް ރާއްޖޭން ބޭރުގައި ފިއްލުވައިގެން ގެންގުޅެން ފަށައިފިއެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ މައުމޫންގެ ޕާސަނަލް އެސިސްޓެންޓް އަޙުމަދު ސޮފްވާނެވެ. އެއީ މަސީޙު މަގާމުން ދުރުކުރަން ރޭވި ރޭވުންތަކުގެ ތެރެއިން ހިނގައިގެންއުޅޭ ކަމަކަށެވެ. މައުމޫނާއި ފާރިސްގެ އެންމެ ގާތް މީހެއްގެގޮތުގައިހުރި ސޮފްވާން މައުމޫނާއެކު ރާއްޖޭން ބޭރަށް ގޮސް، ފުލުހުންނަށް އިޖާބަ ނުދީ، ފިލައިގެން އުޅޭތީވެ، އޭނާ ހޯދަން އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ. ސޮފުވާން ފިއްލުވައިގެން މިހާރު އެ ގެންގުޅުއްވަނީ ސީދާ މައުމޫނެވެ. މައުމޫންފަދަ ސިޔާސީ މީހުން ގިނަ ފަހަރު ނޭއްގާނީ ކަންތައްތައް ކުރާނީ ސީދާ އޭނާ އެކަމުގައި ޝާމިލުވުމުގެ ބަދަލުގައި އެހެން މީހުން ލައްވައެވެ.

އެންމެނަށް އެއްހަމައަކުން ގާނޫނު ހިނގަންވާނެ ކަމަށް މައުމޫން އަޑުހަރުކޮށް ބުނާއިރު، މައުމޫނުގެ މިހާ ގާތް މީހަކު ފުލުހުންނަށް އެއްބާރުލުން ނުދިނުމަކީ މައުމޫންގެ ހީލަތްތެރިކަމާއި ދެފުއްދެގޮތްކަން ވަރަށް ރަނގަޅަށް އެނގޭ ކަމެކެވެ. ސޮފްވާންފަދަ މީހަކަށް ބައިނަލްއަގްވާމީ އިދާރާތަކަށްވެސް ފިލައިގެން، އަރާމުގައި ރާއްޖޭން ބޭރުގައި އެއުޅެނީ މައުމޫނާއި ގާސިމުގެ މަދަދާއެކުގައެވެ. އެހެންނޫންނަމަ، ސޮފްވާންފަދަ އާދައިގެ މީހަކަށް އެއްވެސް ހާސްކަމެއްނެތި ރާއްޖޭން ބޭރުގައި ދިރިއުޅުމަކީ މިއަދު މުސްތަހީލުކަމެކެވެ. އަދި ސޮފްވާން ވީތަނެއް މައުމޫނަށް ނޭނގޭކަމަށް ބުނާނަމަ، އެއީ ދޮގު ހެދުމުގެވެސް އިންތިހާއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އެކަންވެސް މައުމޫން ކޮށްފާނެއެވެ.

މަސީޙު މަގާމުން ދުރުކުރުމަށް އެންމެ ބާރުލާފައި މަސައްކަތް ކުރަނީ ކުރީގެ ދެ ރައީސުންނެވެ. ނަޝީދާއި މައުމޫނެވެ. މަޖިލީހުގެ މެމްބަރުންގެތެރެއިން މިކަމުގައި ގަދަފައި ވިއްދާފައިހުރީ ފުލުހުންގެ ތަހުގީގަށް މިހާރު ބަންދުކޮށްފައިވާ ފާރިސްއެވެ. ފާރިސް ވަނީ މަސީޙު މަގާމުން ދުރުކޮށް، ގާސިމަށް މަޖިލީހުގެ ރައީސްކަން ހޯދައިދީ، ގާނޫނީ ސަރުކާރު ބަދަލުކޮށް، ފާރިސް ވެރިކަމަށް އައުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީފައެވެ. މިކަމުގެ ސާބިތު ހެކި ހުރިކަމަށް ތަކުރާރުކޮށް ފުލުހުން ދަނީ ބުނަމުންނެވެ.

ބޭރު ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލައި، މަގުމަތި ހަލަބޮލިކޮށް، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ބަޣާވާތް ކުރަން މީގެކުރިންވެސް އުޅުނީ ކޮންބަޔަކުކަން ދިވެހި ތާރީޚު ދަނެއެވެ. 1980 ގެ އަހަރުތަކުގެ ތެރޭގައި ވެރިކަން ވައްޓާލަން އުޅުނު ޓީމުގައިވެސް ގާސިމް ހިމެނުނެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި ވެރިކަން ބަދަލުކުރަން ތެޔޮހާނައި ހެދުމަށް ހުރިހާ ރޭވުމެއް ރޭވީ ސީދާ އެންދެރިމާގެއިންނެވެ. އަދި މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ހިނގައްޖެކަމަށް ބުނެ އެކަމާ ދެކޮޅަށް މަގުތަކަށް ނުކުތީ ނަޝީދެވެ. އެއަށްފަހު އެމްޑީޕީގެ ވެރިކަން ވައްޓާލަން ނަޝީދު އެ ބުނާ ބަޢާވާތްކުރީ މައުމޫންގެ ހީލަތްތެރި ރޭވުންތަކާއެކު ރައީސް ޔާމީނާއި ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ މިހާރު ޖަލުގައި ތިބި މީހުންނެވެ.

ވެރިކަމުގެ މަސްތުގައިހުރި ގާސިމްގެ ބޭނުމަކީ އޭނާއަށް ބާރާއި ވިޔަފާރީގެ ފުރުސަތު ފަހިވުމެވެ. މައުމޫނާއި ނަޝީދުގެ އަބަދުމެ ހުވަފެން އެ ދެކެނީ ވެރިކަމުގެ ޝާނާއި ޝައުކަތަށެވެ. މިއަދު އެމްޑީޕީން "ތިޔައީ ޒައީމޭ" ގޮވަމުންދާއިރު، ފާރިސް ވަރުގެ ސިޔާސީ ލީޑަރެއްނެތް ކަމަށް މައުމޫން އެ ބުނަނީ ހިލަތްތެރިކަމާއެކުގައެވެ. މުށުންދޫވި ވެރިކަން އަލުން ޖަހައިގަތުމަށެވެ. 2018 ގެ ރިއާސީ ރޭހަށް ނަޝީދަށްވުރެ ގާބިލް، އަދި ވިއްކާލެވޭނެ ޕްރޮޑަކްޓަކަށް ފާރިސް ހެދުމަށެވެ. މަހުލޫފާއި އަދީބާއި ކާނަލް ނާޒިމްފަދަ މީހުން ޖަލުގެ ތޭރިތަކާ ނިވާވަމުންދިޔައިރު މައުމޫން ބުނަމުންދިޔައީ އެކަންކަން އެގޮތަށް ވާންޖެހޭނެކަމަށެވެ.

ގާނޫނުތަކަށް ތަބާނުވެ، ޖަލަށް ލާނެގޮތަށް އުޅުމަށް ފާރިސްއަށް ވިސްނައިދެނީ މައުމޫނެވެ. އެއީ އިދިކޮޅު ފަރާތްތަކުގެ މަގުބޫލުކަން ހޯދާށެވެ. އަދި މިހާރު ފާރިސް ހައްޔަރުކުރުމަކީ ސިޔާސީ ލީޑަރަކު ހައްޔަރުކުރުންފަދަ ކަމެއްގެގޮތުގައި ސިފަކޮށް، ރޮއި، މުސްކުޅިވީދުވަހު މައުމޫން މަގުމައްޗަށް އެނިކުތީ އެމްޑީޕީ ނިވަލުގައި ފާރިސްއަށް ވެރިކަން ހޯދައިދިނުމުގެ ޕްލޭނަކާއެކުގައެވެ. އެކަމަކު ރިޝްވަތާއި ފަސާދަ އިސްކޮށް، ތިމާގެ އަމިއްލަ ދަރިން ލައްވައި، ކުށްތަކަށް އަރައިގަތުމާއި ކުށް ކުރަން މަގުފަހި ކުރުމަކީވެސް އައިރުގާނޫނީ އަމަލެއްކަން މައުމޫން ހަނދާން ނައްތާނުލާށެވެ. ދެބުޅަލުގެ އަރައިރުމުގައިވީގޮތަށް، މައުމޫނާއި ފާރިސްއަށް މިފަހަރުވެސް ލިބޭނީ ކޮޅުކެއްސެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނީ ކާކަށްކަން އެންމެންނަށްވެސް މިހާރު އެނގެއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.