MENU

ރަން ތިރީސް އަހަރު ވެރިކަން ދެމެހެއްޓެވި ރަންބުއްދި

މި ފަހަކަށް އައިސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ލީޑަރުންގެ ވާހަކަފުޅުގައިވެސް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަކީ ރަންތިރީސް އަހަރުގެ ބާނީއޭ ވިދާޅުވާތީ އަޑުއިވެމުން އެބަދެއެވެ. ރައީސް މައުމޫނަށް މިފަދަ ތާރީފެއް ކޮންމެ ސަބަބަކާހުރެ އެމްޑީޕީގެ ބައެއް ލީޑަރުން ކުރެއްވިޔަސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ރައީސް މައުމޫނަކީ ޚުދުމުޚްތާރުވެރިކަމެއް ތިރީސް އަހަރު ރާއްޖޭގައި ހިންގަވާ، ވެރިކަމުގައި ގަދަބާރުން ބަގުޑި ބެއްދެވި ޑިކްޓޭޓަރެއްގެ ގޮތުގައި މުޅިދުނިޔެއަށް ދަސްކޮށްދިނީވެސް އެމްޑީޕީގެ ލީޑަރުންކަމެވެ.

1978 ވަނަ އަހަރުގެ ނޮވެންބަރުން 11 ވިލޭރޭ މެންދަންވުމާ ގާތްވަމުން އައިއިރު މާފަންނު އެންދެރިމާގޭގައި ދިޔައީ ގަދަޔަށް މާލޫދު ކިޔަމުންނެވެ. މާލޫދު ދެބައިކުރަން އެންމެން ތެދުވެތިބެ "ޠަލަޢަލް ބަދުރު ޢަލައިނާ" ކިޔަންފެށި ހިސާބުން، މާލޫދު ގުރޫޕާ ސަލާންކުރައްވައި، ކޯޓު ފަޓުލޫނާއި ރަސްމީ ޢިއްޒަތުގައި އެގޯތި ނަސްރީނާ އިބްރާހީމްގެ ފިރިކަލުން މައުމޫން ޢަބްދުލްޤައްޔޫމު މިސްރާބު ޖެއްސެވީ، ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ދަރުބާރަށް ވަޑައިގަތުމަށެވެ. އެރޭ މެންދަމު 12 ޖަހާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މައުމޫނު ޢަބްދުލްޤައްޔޫމު ޙަވާލުވެވަޑައިގަތުމުގެ ކުރީން އޭރު އެގަޑީގައިވެސް މައުމޫނު ހުންނެވީ ވަޒަންލައްވައި ޙަމަލާއަށް ތައްޔާރުކޮށްފައިވާ ފިސްތޯލައެއް ހިއްޕަވައިގެންނެވެ. ބޭނުމަކީ، މައުމޫނަށް އެރޭ ލިބިވަޑައިގަންނަވަން އޮތް ވެރިކަން ފިރުކައިލުމަށް އެއްވެސް ބަޔަކު ކުޑަވެސް ނުސިޔާނު ޢަމަލެއް ހިންގަން އުޅުހެން ހީވިޔަސް އެބަޔަކަށް ހަމަލާދީ، ލޭއޮހޮރުވައިލުމެވެ. ވެރިކަން ދިފާޢުކުރުމަށްޓަކައި ޖާނުން ޤުރުބާންވުމެވެ.

މައުމޫނު ވެރިކަންކުރެއްވި 30 އަހަރުވެސް ހޭދަކުރެއްވީ ހަމަ މިގޮތުގައެވެ. ވެރިކަން ދިފާޢުކުރެއްވުމާ، ބާރުތައް ބައްކުރައްވައި ބޮނޑިކުރެއްވޭނޭ ގޮތްތައް ހޯއްދެވުމަށް "ރަންބުއްދި" ކުރެއްވުމުގައެވެ. ޑިމޮކްރަސީއާ، ތިންބާރު ވަކިކުރާ ވާހަކަޔާ، ވެރިމީހާގެ މުށުތެރަށް އަމުރު މަޢުރޫފުގެ ހުރިހާކަމެއް ޖަމާކުރާ ވާހަކަ މިއަދު މުސްކުޅި ޢުމުރުފުޅުގައި މައުމޫނު ވަރަށް ރީތި އަޑުމަޚްރަޖުން ވިދާޅުވަމުންދިޔަ ނަމަވެސް 30 އަހަރު ވެރިކަމުގައި ހުންނެވުމަށްޓަކައި ޢަމަލީގޮތުން ދެއްކެވީ އެ ނަމޫނާއެކޭ ދެންނެވޭކަށް ނެތެވެ.

މައުމޫން ވެރިކަން ކުރެއްވިއިރު އޮތް ޤާނޫނުއަސާސީއަކީ ރައީސަކަށް އާދަޔާޚިލާފު ބޮޑެތި ބާރުތަކެއް ލިބިދީފައި އޮތް ޤާނޫނުއަސާސީއެކެވެ. ރައްޔިތުންގެ މަޖިލީހުގައި ވޯޓަކާނުލައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ 8 މެންބަރުން ތިއްބަވައެވެ. އެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާއަށް ކަމުދާ ބޭފުޅަކު ޢައްޔަނުކުރައްވަނީއެވެ. ޝަރުޢީކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކޮށް ވަކިކުރަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް މައުމޫނު ވަނީ ޝަރުޢީ ބާރުތައް އިތުރަށް މުށުތެރެއަށް ލެއްވުމުގެ ގޮތުން ހައިކޯޓު މަރުޙަލާއިން ނިމޭ މައްސަލަތައް ފައިޞަލާކޮށް ނިންމާނެ ކޮމެޓީއެއް ރައީސް އޮފީހުގެ ތެރޭ އުފައްދަވައި، ޝަރުޢީ މަރުޙަލާގެ ފަހުބަސް އިއްވުމުގެ މުޅި ކޮންޓްރޯލުވެސް އަތްޕުޅަށް ނަންގަވާފައެވެ.

ޤާނޫނުއަސާސީއިން ލިބިދިން ބާރުތަކާއި އިތުރަށް މުށުތެރެއަށް ލެއްވި ބާރުތަކާވެސްއެކު، ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަ 5 އަހަރުގެ އަމާޒުކަމުގައިވެސް ހެއްދެވީ ގިނަދުވަހު ވެރިކަމުގެ ޢިއްޒަތާ ޝާނާއި ޝައުކަތުގައި ހުންނެވޭނެ ހުރިހާ މަންތަރެއް ހެއްދެވުމެވެ. ނަމަވެސް ވެރިކަމަށް އިސްވެވަޑައިގަތްވާ ދެއަހަރެއްހައި ދުވަހުގެ ތެރޭ ވަރަށް "ޑިމޮކްރެޓިކް ދަޅަ" އެއް ރައްޔިތުންނަށް ދެއްކެވިއެވެ. އޭރު ރައްޔިތުން ހީކުރީ މައުމޫން އުޅުއްވަނީ ވެރިކަމުގެ ފުރަތަމަ 5 އަހަރުގެ ދައުރު ނިމުމުގެ ކުރީން ޤާނޫނުއަސާސީ އިޞްލާޙުކުރައްވައި، ޕާޓީ ނިޒާމު ގެންނަވައި، ރައްޔިތުން އެދޭ މީހަކަށް ވެރިކަން ޙަވާލުކުރެއްވުމަށްކަމަށެވެ.

ނަމަވެސް ކަންވީގޮތް އެއާ މުޅީން ތަފާތެވެ. މައުމޫންގެ މުށުތެރެއަށް ދައުލަތް ހިންގުމުގެ ތިންބާރާއި، ޤައުމުގައި ދެން ހުރިއްޔާ ހުރިހާ ބާރެއްވެސް ޖަމާކުރައްވައިގެން 1983 ވަނަ އަހަރާ، 1988 ވަނަ އަހަރާ، 1993 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އެންމެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެން، "ކުޑަކާފު ބޮޑުކާފު" ޖަހައިގެން ވޯޓު އިޢުލާނުކުރެއްވީއެވެ.

ނޫ ޤާނޫނުއަސާސީ ހަދަމުންދިޔައިރު މައުމޫނު ވިދާޅުވަމުން އައީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް އެކަކަށްވުރެ ގިނަ މީހުންނަށް ކުރިމަތިލެވޭނޭގޮތް ހައްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އެކަމުގައިވެސް ނޫ ޤާނޫނުއަސާސީގައި ކަނޑައަޅުއްވާފައި އޮތީ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާން އެދޭ މީހާ އެކަމަށްއެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭގޮތަށެވެ. ރައީސް މައުމޫން ޢައްޔަންކުރައްވާ ރައީސަކާ، ނައިބު ރައީސަކާ، 8 މެންބަރުންނާ، ރައީސް މައުމޫނުގެ ފުލް ކޮންޓްރޯލް އޮންނަ މި މަޖިލީހުން އޭގެ ތެރެއިން ހޮވާ އެއް ނަމެއް ކުރިއެކޭވެސް އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް، "ކުޑަކާފު ބޮޑުކާފު ސިސްޓަމަށް" ހުށަހެޅޭ ގޮތަށެވެ.

މައުމޫނު ކުރެއްވި ވެރިކަމުގެ ފުރަތަމަ 26 އަހަރު ސަރުކާރު ހިންގެވުމުގައި އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. ފިނޭންސް މިނިސްޓަރަކީވެސް މައުމޫނެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރަކީވެސް ޚުދު މައުމޫނެވެ. ޑިފެންސް މިނިސްޓަރަކީވެސް މައުމޫނެވެ. ޝަރުޢީ މަރުޙަލާގެ އެންމެ ފަހުބަސް އިއްވުމުގެ ބާރު އޮންނަނީވެސް މައުމޫނަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރައްވަނީވެސް މައުމޫނެވެ. ސަރުކާރުގެ އޮނިގަނޑުގެ މިނިސްޓަރުކަމުން ފެށިގެން އޮފީސްތަކުގެ ޕިޔޯނުކަމަށް ދާންދެން ވަޒީފާ ދެއްވަނީވެސް، އެ ވަޒީފާތަކަށް ޕެންޝަންދެއްވަނީވެސް އަދި މީހުން ވަޒީފާއިން ވަކިކުރައްވަނީވެސް ހަމަ މައުމޫނެވެ.

ދައުލަތް ހިނގަމުންދާގޮތް ބަލާނެ މިނިވަން މުއައްސަސާތަކެއް ނުއުފައްދައެވެ. އެންޓި ކޮރަޕްޝަން ބޯޑެއް އުފެއްދެވީތީ އެ ބޯޑަށް މީހުން ލައްވައި ވަކިކުރެއްވުމުގެ ބާރުވެރިއަކީވެސް މައުމޫނެވެ. ފުރަތަމަ އުފެއްދެވި ހިއުމަންރައިޓްސް ކޮމިޝަންވެސް އޮތީ މި ދެންނެވި ތައްގަނޑަށެވެ.

މި ދެންނެވި ސައްބީހަކަށް އަހަރު މީޑިޔާ ކޮންޓްރޯލު ކުރައްވަނީވެސް މައުމޫނެވެ. އަމިއްލަ ޓީވީ ރޭޑިއޯ ޗެނަލްތައް އުފެއްދުމުގެ ހުއްދައެއް ނެތެވެ. ނޫސްމަޖައްލާ ރަޖިސްޓްރީކޮށް ނެރެވެނީ ސަރުކާރުގެ ރުހުން ލިބި ހުއްދަލިބޭ ބަޔަކަށެވެ. 1990 ވަނަ އަހަރު "ސަންގު" އަދި "ހުކުރު" ފަދަ ނަންނަމުގައި މިނިވަން ޚިޔާލުގެ މަޖައްލާތައް ނެރުމަށް ބަޔަކު ނުކުމެ މާކަ ގިނަ ދުވަހެއް ނުވެ އެ މަޖައްލާތައް ސަރުކާރުން އުވައިލެއްވިއެވެ. އެ މަޖައްލާތަކަށް ލިޔުނު ގިނަ މީހުން ޖަލަށްލައި، އޭގެ ބައެއް ލިޔުންތެރީންނަށް ޖަލުގައި ވީނުވީ ނޭނގި މޮޔަވެ، ބޭޤަރާރު ވެއްޖެއެވެ. އޭގެފަހުން 1996 ވަނަ އަހަރު ރާއްޖޭގައި އިންޓަރނެޓް ތަޢާރަފްވުމާގުޅިގެން އަންނާންފެށި އޮއިވަރުގައި، މައުމޫނުގެ ސަރުކާރަށް ފާޑުކިޔައި އިންޓަނެޓް މަޖައްލާތައް "ސަންދާނު" ފަދަ ނަންނަމުގައި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނެރުނު މީސްމީހުންގެ މައްޗަށްވެސް އައީ 25 އަހަރުގެ ޖަލު ޙުކުމެވެ.

ރައްޔިތުން ބަލަންވެސް އަދި އަޑުއަހަންވެސް އޭރު އޮންނަ ހަމައެކަނި މީޑިއާއަކީ ދިވެހިރާއްޖޭގެ އަޑާ ޓީވީމޯލްޑިވްސް އެވެ. މި ދެ ވަސީލަތުން ހެނދުނު ހަތަކާ، މެންދުރުފަހު ދޭކާ، ރޭގަނޑު އަށެއްގައިވެސް މައިގަނޑު ގޮތެއްގައި އޮންނާނީ ތަކުރާރުކޮށް "ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު" ގެ ނަންފުޅު ކިޔުމާ، އެމަނިކުފާނަށް މަދަހަސަނާ ދެންނެވުމެވެ.

އެ ދިގު މާޒީގެ ދުވަސްތަކުގައި ރާއްޖޭގައި އޮންނަ ކޮންމެ ރިޔާސީ އިންތިޚާބަކާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައިވެސް އިންތިޚާބުގެ ކަންކަން ބަލަހައްޓައި، ވޯޓުގުނާ ނަތީޖާ އިޢުލާނުކުރުމުގެ ކަންކަން ހިންގާނޭ ކޮމެޓީ އެކުލަވާލައްވަނީ ސީދާ ރައީސް މައުމޫނެވެ. އެ ކޮމެޓީއަށް ވެރިއަކު ކަނޑައަޅުއްވަނީވެސް މައުމޫނެވެ. ރިޔާސީ އިންތިޚާބުތަކުގައި ވޯޓުކަރުދާސްކޮޅުގައި އޮންނަނީ މައުމޫނުގެ ނަންފުޅު އެކަންޏެވެ. "ތާޅަފިލި އޮޑީގެ ދުވެއްޔޭ" ދިވެހިބަހުގައި ބުނާ ބީދައިން، ވާދަކުރާނެ އެހެންމީހަކު ނެތި، މައުމޫނު އެކަނި މާއެކަންޏަށް ނުކުންނަވާ ރޭސް ކާމިޔާބުކުރައްވަނީއެވެ. ރަށްތަކާއި އަތޮޅުތަކުގައި ވޯޓުފޮށި ބަލަހައްޓަވަން ތިއްބަވާނީ ސީދާ މައުމޫނު ޢައްޔަނުކުރައްވާފައި ތިއްބަވާ އަތޮޅުވެރީންނާއި ކަތީބުންނެވެ. ނުބައިފާހަގައެއް ޖަހައިގެން މީހަކު އަންނަތަން ފެނިއްޖެއްޔާ ވޯޓުފޮށިމަތީ "އަތްއެޅުމާ، ބަނޑުއެޅުން" އޭރު އެއީ އާދައެކެވެ.

ވެރިކަމަށް އިސްވެވަޑައިގަތުމާއެކު، ގިނަދުވަހު ވެރިކަން ދެމެހެއްޓެވުމުގެ ނިޔަތުގައި މައުމޫނުގެ އެއް އަމާޒަކަށްވީ، ކުރީގެ ރައީސް އިބްރާހީމް ނާޞިރަށް ސިޔާސީގޮތުން އެއްވެސް އާރެއް ބާރެއް އަލުން ނުހޯއްދެވޭނެވަރަށް ނިކަމެތިކޮށްލެއްވުމެވެ. ސަރުކާރުގެ އިސް މަސްއޫލުވެރީން ކުރީ ސަފުތަކުގައި ތިއްބަވައިގެން، ރައްޔިތުން ގޮވައިގެން މަގުތައްމައްޗަށް ނުކުމެ ރައީސް ނާޞިރާ ދެކޮޅަށް މުޒާހަރާކުރީ ކާކުގެ އޯޑަރަށްތޯއެވެ؟ ނާޞިރުގެ ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގުވައި، މަތިމައްޗަށް ޙުކުމްތައްކޮށް، ނާޞިރުގެ މިލްކިއްޔާތު ދައުލަތަށް ނަގައި، އެނބުރި ރާއްޖެ ވަޑައިނުގެންނެވޭ ވަރަށް ނާޞިރަށް ގޮތް ހުސްކޮށްލެވުނީ ކޮން ރޭވުމެއްގައިތޯއެވެ؟ ނާޞިރަށް މަލާމާތާ ހަޖޫކިޔައި ޗާޕްކުރި ފުރައްސާރައިގެ ކާޓޫނުތަކާއި، ހަޑިހުތުރު ބެރެކި ޢިބާރާތްތައް ހިމަނައިގެން ހަދައި ޢާއްމުކޮށް މުޅިރާއްޖޭގައި ޖެހި ލަވަތަކުގެ ފަހަތުގައި އޮތީ ކޮން މަޤްޞަދެއްތޯއެވެ؟

މައުމޫނު ކުރެއްވި 30 އަހަރުގެ ވެރިކަމުގެ ފަތްފުށްތައް ނިއުޅައިލުމުން ފެންނާންއޮތީ ކުރައްވަމުން ދިޔަ ވެރިކަމާ ކިރިޔާ ވައިއެޅިލާން މީހަކު ނިޔަތްގަތްހެން ހީފުޅުވިޔަސް އެމީހެއްގެ މައްޗަށް ޝަރީޢަތް ހިންގުމާއި، ދިގުމުއްދަތަށް ޖަލަށްލުން ނުވަތަ ރާއްޖެއިން ފަހައި ބޭރުކުރުމުގެ ސިލްސިލާއެކެވެ. 1983 ވަނަ އަހަރު ޤާނޫނާ ޚިލާފަށް ވެރިކަމަށް އަންނަން އުޅުނުކަމުގެ ތުހުމަތު ރީކޯ އިބްރާހީމް މަނިކުގެ މައްޗަށްކޮށް، ޖަލުގެ ޙުކުމަކަށް އޭނާ ފޮނުވައިލެވުނެވެ. އޭގެފަހުން 1993 ވަނަ އަހަރު ވެރިކަމުގެ ވާދަވެރިކަމުގައި މައުމޫނު ކުރިމަތިލެއްވީ ޅިޔަނު އިލްޔާސް އިބްރާހީމްއާއެވެ. އެފަހަރު އިލްޔާސް ރާއްޖެއިން ބޭރަށް އަރުވައިލެއްވިގެން ހުންނަވަން ހަމައެކަނި ޖެހިވަޑައިގަތީއެއް ނޫނެވެ. ވެރިކަން ހޯއްދެވުމަށް ފަންޑިތަ ސިޙުރު ހައްދަވައި، ރިޝްވަތުދެއްވައި، އުކުޅުވަޅުގައި ފެންމަތުރައި އުނގުޅުއްވިކަމުގެ ތުހުމަތަށް ދާންދެން އިލްޔާސްގެ މައްޗަށް ކުރެވި މަތިމައްޗަށް ޙުކުމްތައް އައީއެވެ.

ސިޔާސަތާބެހުމާ ޓެރަރިޒަމާ ވައްކަމުގެ ތުހުމަތުތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވަނީ މައުމޫނުގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައެވެ. ކުރީގެ ރައީސް ޑރ ވަޙީދު، މައުމޫނުގެ ވެރިކަމުން 15 ވަރަކަށް އަހަރު ސިޔާސީ ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރުގައި އުޅުއްވަން މަޖުބޫރުވެ ވަޑައިގަތެވެ.

ދައުލަތް ހިންގުމުގެ ހުރިހާ ބާރަކާ މީޑިއާ މުށުތެރަށް ލައްވައިގެން، ސިޔާސީގޮތުން ކިރިޔާ އުރައްޕެއް ހުރިކަމަށް މައުމޫނަށް ހީފުޅުވާ މީހާގެ މަގުވެސް ބަންދުކުރައްވައިގެން ވެރިކަން ދެމެހެއްޓެވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ދައުލަތުގެ ތެރެއިން ފެންމަތިވާ ޚިޔާނާތުގެ ކޮންމެ މައްސަލައެއްވެސް މާބޮޑު ތަޙްޤީޤެއް ނެތި "ހުދުކާފޫރަށް" ވެގެން ދަނީއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެފްޕީއައިޑީގެ މައްސަލައިގާ ޚިޔާނާތުގެ ތުހުމަތު ކުރެވުނީ މައުމޫނުގެ ޅިޔަނު އިލްޔާސުގެ މައްޗަށެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ޚިޔާނާތް ސާބިތުކުރެވޭނެ މި މައްސަލަ ވީނުވީގޮތެއް ނޭނގި "ޣައިބު"ވެ، މައްސަލަ ތަޙްޤީޤް ކުރައްވަން އުޅުއްވި ބައެއް ބޭފުޅުންނަށް އަނިޔާވެރި ޙަމަލާތައް މަގުމަތީން ކުރިމަތިވީއެވެ. އެއާމޯލްޑިވްސް ބަނގުރޫޓުވިގޮތާއި، ޤައުމީ ޝިޕިންގ ކުންފުނި ހުލިވެ އިފްލާސްވެގެން ދިޔަގޮތާމެދު އަދިވެސް އޮތީ އުފެދޭ ސުވާލުތަކެވެ. މިއިން އެއްވެސްކަމެއްގައި ޒިންމާދާރު ޖަވާބެއް ދިވެހިރައްޔިތުންނަށް މިއަދާ ހަމަޔަށްވެސް މައުމޫނު ދެއްވަވާފައެއް ނުވެއެވެ. އެކަމަކު ދައުލަތުގެ މުދަލާ ފައިސާ ޙިމާޔަތްކުރައްވަން މާ އިޚްލާޞްތެރި ވަކާލާތެއް ކުރައްވަވާ ލީޑަރެއްގެ ނަން ހޯއްދެވޭތޯވެސް މިއަދު މައުމޫނު އެބަ މަސައްކަތް ކުރައްވައެވެ.

ފާޑުކިޔުންތައް ހުއްޓުވުމަށާއި، ވެރިކަން ދެމެހެއްޓެވުމަށް މައުމޫނު ބޭނުންކުރެއްވި އަނެއް ހަތިޔާރަކީ ޖަލުގެ އަނިޔާވެރިކަމުގެ ޚަބަރުތަކުން ރައްޔިތުންގެ ހިތަށް ވެރިކުރުވި ބިރުވެރިކަމެވެ. ވެރިކަމުގެ އެންމެ ފަހު ދެތިން އަހަރާ ހަމަޔަށްވެސް، މައުމޫނު ޢާއްމުކުރައްވާފައި އޮތް ސިޔާސަތަކީ، ފުލުހަށް ޙާޒިރުކުރެވޭ މީހާ ބޭނުން ދުވަހަކަށް ހައްޔަރުކުރެއްވުމެވެ. އެއްވެސް ތަޙްޤީޤެއް ޝަރީޢަތެއް ނުހިނގައި އެތައް އަހަރަކު އެތައް ދިވެހީންނެއް މި ވޭން ތަޙައްމަލުކުރިއެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި، ދީނީ ޢިލްމުވެރީންނާއި ވިޔަފާރިވެރީންވެސް ހިމެނެއެވެ. ވެރިކަމުގެ ކުރީކޮޅު ފުލުސްކޯޓު އުފައްދަވައިގެން ކުރެއްވި ތަޙްޤީޤްތަކާ ހިންގެވި ޝަރީޢަތްތައް އެކަން ކުރިމަތިވީ މީހެއްގެ ހަނދާނަކުން ނުފިލާނެއެވެ.

ޖަލުގެ އަނިޔާގެ ބިރުވެރިކަމާހުރެ، މައުމޫނުގެ ވެރިކަމާމެދު ޗުއްޕުވެސް ބުނަން ނުކެރި ތިބި ރައްޔިތުންގެ މައްޗަށް މައުމޫނު ދެން ހިންގެވީ "ޑިވައިޑް އެންޑް ރޫލް" ސިޔާސަތެވެ. ކުރީގެ ރައީސް އިބްރާހީމް ނާޞިރު އެއްފަސްކުރެއްވި ބައެއް ރަށްރަށުންވެސް މީހުން ބާލުވައި، ކުދިކުދި އާބާދީތަކުގައި މީހުން އުޅޭ ކުދި ރަށްތައް ގިނަކުރެއްވީއެވެ.

ކޮންމެ ރިޔާސީ ވޯޓަކާ ދިމާކޮށް ރަށްރަށުގައި މަޝްރޫޢުތަކުގެ ބިންގާ އެޅުމާ، އިމާރާތްކުރާނެ އިންވަކިކޮށް ކަޑަޖެހުން ޤަވާޢިދުން ކުރިއަށްދާނެއެވެ. މި ދެންނެވި ބިންގާ ހުރިތަނުން ލުހި، އިންވަކިކުރަން ޖެހި ކަޑަ ބިންމަތީ ހުރެ ރޯވެ، ގަސްފަޅައި، އެތަނުގައި ވާހެދޭއިރުވެސް މަޝްރޫޢުގެ އޮންނަނީ ތަޞައްވުރެކެވެ. ރިޔާސީ ވޯޓު ދާނީ ކާމިޔާބުވަމުންނެވެ.

1980 އާއި  1990 ގެ އަހަރުތަކުގައި ދުނިޔޭގައި އާދަޔާ ޚިލާފު މުއްސަނދިކަމާ ފައިސާގެ ތަނަވަސްކަމުގައި މުޅި ދުނިޔެ ދުށްއިރުވެސް، ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ރާއްޖެ ގެންނެވުމާއި، ޤައުމުގެ އާމުދަނީ އިތުރުވުން ހަލުވިކުރެއްވުމާ، އާބާދީ އެއްފަސްކުރުން ހެޔޮގޮތުގައި ތަންފީޒުކުރެއްވުންފަދަ ކަންކަން މައުމޫނު ނުކުރެއްވީ އެކަންކަމުގެ ސަބަބުން ޤައުމަށް އަންނަ ތިޔާގިކަމާއި ޒަމާނީ ބަދަލުތަކުގެ ސަބަބުން ވެރިކަމަށް ލޮޅުން އަރާނޭކަމުގެ ބިރު އިންތިހާއަށް ހިތްޕުޅުގައި އޮތީމައެވެ.

ޞިއްޙީ ޚިދުމަތުގެ ނިޒާމުވެސް މައުމޫނު ބަށްޓަންކުރެއްވީ މިފަދަ ގޮތަކަށެވެ. ރާއްޖޭގައި ޒަމާނީ ޞިއްޙީ ޚިދުމަތް ޤާއިމްކުރެއްވުމުގެ ޝައުޤެއް ނުގެންގުޅުއްވިއެވެ. ކިރިޔާ ބޮޑުކަމެއް ޖެހުނަސް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށްޓަކައި އާދޭހުގެ ސިޓީއެއް ރައީސް މައުމޫނުގެ ރިޔާސީ ގަނޑުވަރަށް އަރިސްކުރަން ޖެހެއެވެ. މައުމޫނުގެ ހިތްޕުޅު ހެޔޮކަމުން ދެކޮޅު ޓިކެޓާ ބޭސްކުރާނެ ޑޮލަރުކޮޅެއް އެހައިރުން ދެއްވައެވެ. މިއީވެސް ވެރިކަން ދެމެހެއްޓެވުމަށް ހިންގެވި ސިލްސިލާ ކެމްޕޭނެކެވެ.

މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު އެކުލަވާލަން ފެށްޓެވި ޤާނޫނުއަސާސީ 17 އަހަރުގެ މަސައްކަތަށްފަހު ވަރަށް "ދީމުޤްރާޠީ" ވާނެކަމުގެ ދަޅަދެއްކެވި ނޫ ޤާނޫނުއަސާސީ 1998 ވަނަ އަހަރު ތަޞްދީޤުކުރެއްވި އިރު، ކުރީން އޮތް މިންވަރަށްވުރެވެސް ގިނަ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރައްވާފައެވެ. ޝަރުޢީ ދާއިރާގެ ހުރިހާ ބާރަކާ ފަހުބަސް ބުނުމުގެ އިޚްތިޔާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރުއްޔާ 8 މެންބަރުން ވޯޓަކާނުލައި ޢައްޔަނުކުރުމާއި، މަޖިލީހުގެ ރައީސްކަމާއި ނައިބުރައީސްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާވާ ބަޔަކަށް ދެއްވުމާއި، މިހެންގޮސް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ޙައްދެއް ނެތެވެ.

1998 ވަނަ އަހަރާ 2003 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ހިނގައިދިޔައީ، ވެރިކަން ދެމެހެއްޓުމުގެ މި ދެންނެވި ޚުދުމުޚްތާރު އަސާސުގެ މަތީއެވެ. ރައީސް މައުމޫނުގެ އަތްޕުޅުތެރޭ ޤައުމުގެ ހުރިހާ ކޮންޓްރޯލެއް އޮތުމާއި، ރައީސް މައުމޫން ޢައްޔަނުކުރައްވާ އިންތިޚާބީ ކޮމެޓީއަކުން ވޯޓުލުމާ، ވޯޓުގުނުމާ، ނަތީޖާ އިޢުލާނުކުރުމުގެ ސަޤާފަތު އޮތީ ހަމަ އެ ޙާލަތުގައެވެ. ތަޙްޤީޤެއް ސުވާލެއް ކުރުމެއްނެތި މީހުން ޖަލަށް ގެންދިއުމާއި، ޙުކުމަކާނުލައި އެތައް ޒަމާނަކު ގޮޅީގައި ބޭތިއްބުމާއި، ޖަލުގެ އަނިޔާ އޮތީވެސް ހަމަ ކުރިއެކޭ އެއް ޙާލަތުގައެވެ.

2003 ވަނަ އަހަރާ ހަމަޔަށް ވިދިވިދިގެން 6 ފަހަރު އެކަނިމާއެކަނި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވައި، ފެންނަ ނުފެންނަ ވޯޓަކުން މައުމޫނު ވެރިކަމަށް ހޮވިވަޑައިގަންނަވަމުން ދިޔައީ، ހުރިހާ ބާރެއް މުށުތެރަށް ލައްވައިގެންނެވެ. ރައްޔިތުންގެ މަޖިލީހާ ޖުޑިޝަރީވެސް މައުމޫނުގެ ބާރުގެ ދަށުގައި ބާއްވަވައިގެންނެވެ. މީޑިއާގެ ފުރިހަމަ ކޮންޓްރޯލާއި، ޖަލުގެ އަނިޔާގެ ބިރުވެސް ޢާއްމު ކުރައްވައިގެންނެވެ. މިހުރިހާކަމެއް ނުފުށަށްޖެހުނު ޙާލަތު 2008 ވަނަ އަހަރު ކުރިމަތިވުމުން، ޑީއާރުޕީގެ ޒަޢީމްކަމާއި ރިޔާސީ ކެންޑިޑޭޓުކަން ހޯއްދަވައި، މަހުޖަނުންގެ ކެބިނެޓެއް އެކުލަވާލައްވައިގެންވެސް މައުމޫނު ހިންމަތްކުރެއްވީ ވެރިކަން އިތުރަށް ދެމެހެއްޓެވޭތޯއެވެ. ރަންތިރީސް އަހަރު ވެރިކަން ކުރެއްވި "ރަންބުއްދި" އަދިވެސް ކުރެއްވޭތޯއެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެރިކަން ދެމެހެއްޓެވުމަށް މައުމޫނު ކުޅުއްވި ގޭމާއި، މިހާރު މައުމޫނު މި ދައްކަވާ މިނިވަންކަމާ އިންސާފުގެ ވާހަކަތަކާ މިއީ އުޑާބިމާހާ ތަފާތު ދެކަންތަކެވެ. ފިސްތޯލަ ހިއްޕަވައިގެން ވެރިކަމުގެ ހުވާ އަލަށް ކުރެއްވިގޮތަށް 30 އަހަރުގެ ވެރިކަން ނިމިއްޖެކަން ޔަޤީންވެވަޑައިގަތުމާ ހަމަޔަށްވެސް މައުމޫނު ބޭނުންފުޅުވީ ކޮންމެ ގޮތެއް ހައްދަވާފައިވެސް ވެރިކަން ދެމެހެއްޓެވުމަށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.