MENU

ޒިންމާ ނަގަންޖެހޭނީ ރައީސް މައުމޫން

ރައީސް މައުމޫނަކީ އަޒުހަރު ޔުނިވަރސިޓީން ދީނީ ތަޢުލީމު ޙާޞިލުކޮށްފައިވާ ބޭފުޅެކެވެ. ތިރީސް އަހަރު ވަންދެން ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭން އެރުވޭ ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ދެވިފައިވާ ބޭފުޅެއްވެސް މެއެވެ. މިސަބަބުތަކާހުރެ ރައީސް މައުމޫންގެ ކިބައިން ދިވެހިން އުންމީދުކުރާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން އެމަނިކުފާނުގެ ފުށުން ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދާލުމަށްޓަކައި ރައީސް މައުމޫންގެ ސިޔާސީ ޙަޔާތަށް ނަޒަރު ހިންގާލަމާތޯއެވެ!

މިސްރުގައި ކިޔަވަން އުޅުއްވިއިރުވެސް ރައީސް މައުމޫން ގެންދެވީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. އެކަމާގުޅިގެން މިސްރުގައި ހުންނެވި ދުވަސްވަރު ގޮންޖެހުންތައް ކުރިމަތިވިއެވެ. އެއީ ކިޔެވުމުގެ ދުވަސްވަރެވެ. އޭރުވެސް ސިޔާސަ ބޭފުޅަކު މިހާރު މާބޮޑަށް ސިޔާސަ ވާނެތާއެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން މިހާރު ފެންނަމުން އެދަނީ "ސިޔާސީ ފެންކުރާ" ކައްކާ މަންޒަރެވެ. އެ ކުރާ ކެކެމުންދާ ވަރަކަށް ބޮކިތައް އަރަމުންދާނެއެވެ. ބޮކިތައް އެރުން ހުއްޓޭނީ ފެންކުރާގެ ކެކުން ހުއްޓުނީމައެވެ.

މިސްރުން ރާއްޖެ ވަޑައިގެން ރައީސް މައުމޫން ރާއްޖޭގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެއްޓެވީވެސް ވެރިކަމަށް ވަޑައިގަތުމަށް އަމާޒުކުރައްވައިގެންނެވެ. ނަތީޖާއެއްގެގޮތުން، އިސާހިތަކު މަރުހޫމް އިބުރާހީމް ނާޞިރުގެ ސިޔާސަތުތަކަށް ފާޑު ވިފާޅުވެ، ދިވެހިންގެ ހިތްތަކުގައި ނާޞިރުގެ ވެރިކަމާމެދު ވަސްވާސް އުފައްދައި، އިތުބާރު ނަގައިލުމަށް މަސައްކަތް ފެށިއެވެ. ބޮނޑިބަތް ފަރިވަޅުތަކާއި ބިންމި މާފުއް ދޮލަނގުތައް ދަންވަރު ބަހަން ފެށިއެވެ. ކިޔެވެލިތައް ކިޔަވަން ފެށިއެވެ. ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވުމަށްޓަކައި ދީނީ ވައުޒު ވިދާޅުވަމުންގެންދެވިއެވެ. ހަތިޔާރެއްގެގޮތުގައި ބޭނުންކުރީ އިސްލާމް ދީނެވެ. މިއަދު ރާއްޖޭގައި ފެތުރެމުންމިދާ ދީނީ ހައްދުފަހަނަ އަޅައިދިއުމަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެޅި ބިންގަލުގެ ސަބަބުން އަށަގެނެފައިވާ ކަމެކެވެ.

މިސްރުން މާލެ ވަޑައިގެން ރައީސް މައުމޫން ކުޅުއްވަން ފެއްޓެވި ސިޔާސީ ކުޅިވަރުތަކުގެ ސަބަބުން މަރުހޫމް ރައީސް ނާޞިރު ވެރިކަމުގެ މަތިން ފޫހިވެ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ރިޔާސީ އިންތިޚާބު ބާއްވައި، ރައްޔިތުންނަށްޓަކައި ޒިންމާދާރު ވެރިކަމެއް ކުރައްވާނެކަމުގެ ވައުދާއެކު ރައީސް މައުމޫން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމަށް ހޮވުނެވެ. އަދި އޭރުގެ ސިޔާސީ މަޝްރަހު އޮތްގޮތުންކަމަށް ވިދާޅުވެ، ރާއްޖެ ދޫކުރައްވައި ރައީސް ނާޞިރު ރާއްޖޭން ބޭރަށް ފުރާވަޑައިގަތެވެ. އޭރު އޮތީ، މަރުހޫމް ނާޞިރާބެހޭގޮތުން ހަޑިހުތުރު ކާޓޫންތައް ކުރަހަން ފަށާފައެވެ.

މައުމޫންގެ އަމިއްލަ އިޢުތިރާފުން އެނގޭގޮތުގައި 1978 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ހަތިޔަރު ހިއްޕަވައިގެން ހުންނަވައެވެ. އޭރުވެސް، އަދި މިހާރުވެސް، ރައީސުލްޖުމްހޫރިއްޔާ ހަތިޔާރު ގެންގުޅުމަކީ ޤާނޫނީ ކުށެކެވެ. ދީނީ ޢިލްމު އުނގެނިގެން ހުންނެވި ބޭފުޅަކު، ﷲ ގަންދީ ހުވާ ކުރާއިރު ޤާނޫނީ ކުށެއް ކޮށްގެންހުރެ ހުވާ ކުރުމަކީ ދީނީ، ދުނިޔެވީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރުވެސް ކޮށްގެންވާނެކަމެއް ނޫނެވެ. އެކަންވެސް ރައީސް މައުމޫން އެވަނީ ކޮށްފައެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ދާއިރުވެސް އޮންނާނީ ކައްޗަށެވެ. ދިގު ތިރީސް އަހަރުގެ ވެރިކަން މައުމޫން ކުރެއްވީ ނުބައި ބިންގަލެއްގެ މަތީގައެވެ.

ވެރިކަމުގެ ކިއްލާގެ ތެރެއަށް ވަދެވަޑައިގަތުމާއެކު، ކުރިން ވެރިކަން ކުރައްވާފައިވާ އެހެން ބޭފުޅުންގެ ކާޓޫނުތަކުން މާލޭގެ މަލަމަތި ފުރާލިއެވެ. ނޫސް މަޖައްލާތަކުގެ ޞަފުޙާތައް ހަރާބުކޮށްލިއެވެ. ސްކޫލް ކުދިން ނެރެގެން މުޒާހަރާކުރިއެވެ.

ރައީސް މައުމޫންގެ ވެރިކަން ކުރުމުގެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ، ދިގު މުއްދަތަކަށް އެމަނިކުފާނަށް ވެރިކަމުގައި ދެމިހުރެވޭނެ ގޮތްތަކަށާއި އާއިލީ ޚާންދާނުގެ ތެރޭގައި ތިއްބެވި ސިޔާސީގޮތުން ބިރަކަށް ނުވާނެ، މީހުން ގޮވައިގެން އަހުލީ ވެރިކަމެއް ކުރުމަށެވެ. ސިޔާސީގޮތުން ކިރިޔާވެސް ހަރުދަނާކަމެއް ހުރި މީހުންނަށް ދެއިރު ދެދަޅައަށް ހޫނުފެން އަޅުއްވައެވެ. ރައީސް މައުމޫންގެ އަނބިކަނބަލުންގެ ބޭބެ އިލްޔާސް އިބުރާހީމަކީ މިދެންނެވިގޮތަށް ހޫނުފެން އަޅުއްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަކީ އޭރުވެސް އަދި މިހާރުވެސް، ރައީސް މައުމޫންގެ "ނުލަފާކަން" ތަޖުރިބާ ކުރައްވަމުންގެންދަވާ ދެބޭފުޅުންނެވެ.

ރައީސް މައުމޫންގެ ބަހުގެ ހަމަލާތަކަށް ރައީސް ޔާމީން މިއަދު ރައްދު ނުދެއްވުމަކީ "ލޭގެ ގުޅުން" ދެމެހެއްޓުމަށް ރައީސް ޔާމީން ކުރައްވާ ހަނގުރާމައެކެވެ. ރައްޔިތުން ބަލައިގަންނަ ރިވެތި މިސާލެކެވެ. ނަމަވެސް، ޤައުމަށްޓަކައޭ ކިޔާފައި ދީނަށްޓަކައޭ ކިޔާފައި "ޓަކާޓަކާ ޕާޓީ" ން ހަދާހެން، ރައީސް މައުމޫން މިހާރު އެ ގެންދަވަނީ ޤައުމަށް ގެއްލުން ބޮޑު ސީދާ ހަރަކާތްތަކަށް ނިކުންނަވާފައެވެ.

ލޭގެ ގުޅުމަކީ ވަރަށް ވަރުގަދަ ގުލުމެއްކަމުގައި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްގެން ތަޙުޤީޤު ކުރަމުންދާ ފާރިސް މައުމޫން ފުލުހުން ބަންދު ކުރުމުންނެވެ. އަދި އެކަމާގުޅިގެން ފާރިސް ކްރިމިނަލް ކޯޓަށް ޙާޟިރުކުރި ވަޤުތު، ރައީސް މައުމޫން ކްރިމިނަލް ކޯޓަށްވެސް ވަޑައިގަތެވެ. ނަމަވެސް، އެމަނިކުފާނުގެ ހަގު ފިރިހެން ދަރިފުޅު ޣައްސާން މައުމޫން ފުލުހުން ބަންދު ކުރުމުން، އާއިލާގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނުހިންގައެވެ.

އަނެއްކޮޅުން، އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ އިސް މޭސްތިރިއަކީވެސް މިހާރު ރައީސް މައުމޫން ކަމުގައި ބެލެވޭނެ ކިތަންމެ ކަމެއް ހިނގަމުން އެބަދެއެވެ. ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށްޓަކައި ރައީސް ޔާމީނަށް ތާއީދު ކުރެވުނީތީ މިއަދު އެވަނީ އެކަމާ ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމަކު، ރައީސް ޔާމީނާއެކު ގުޅިފައިވާ ލޭގެ ގުޅުން ކެނޑުއްވިކަމެއް އަދި ރައީސް މައުމޫން ޢާންމުންނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ޤަނޫނީގޮތުން އެއްވެސް ކުށެއް ސާބިތު ނުވަނީސް، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއްގެ އެންމެ އިސް ވެރިއަކަށް ހުންނެވި ބޭފުޅެއްގެ އިތުބާރާއި ޔަޤީންކަން ގެއްލުވާލައި، ރައްޔިތުންގެ ހިތްތަކުގައި ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސް ޔާމީންގެ ސަރުކާރަށް އޮތް ލޯތްބާއި ތާއީދު ގެއްލުވާލުމުގެ ނިޔަތުގައި ރައީސް މައުމޫން މިހާރު ކުރައްވަމުން އެގެންދަވާ މަސައްކަތްތަކުގެ ހިތިރަހަ ރައްޔިތުންގެ ކަރުބުޑުގައި މިވަނީ ލާފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމޭ ދުވަހަކުން، މިއަދު ރައީސް މައުމޫން ހިންގަވަމުން އެގެންދަވާ ނާތަހުޒީބު އަމަލުތަކަށްޓަކައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަކު އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެމަނިކުފާނަށް ދިވެހިން އެރުވި އިއްޒަތް މިހާރުވެސް ވަނީ މީސްތަކުންގެ ހިތްތަކުން ގެއްލިފައެވެ. މިހާރު އެދާވަރުން ކަންކަން ދާނަމަ ރައީސް މައުމޫނަށް ދިވެހި ދައުލަތުން އަރުވާފައިވާ ދައުލަތުގެ އެންމެމަތީ ޢިއްޒަތުގެ ލަގަބުވެސް އަތުލަންޖެހޭނެކަމަށް ބައެއް މީހުން ދެކެއެވެ.

ރައީސް މައުމޫންގެ ކިބައިން ދިވެހި ޤައުމު ދެކެން ބޭނުންވާ ކަންތައްތަކެއް މިހާރަކު ނުފެނެއެވެ. އެމަނިކުފާނުގެ ބަހުގެ ހަމަލާތައް ރައީސް ޔަމީނަށް ވަނީ އަމާޒުވެފައެވެ. އިދިކޮޅު ފަރާތްތަކާއެކު ސީދާ ޙަރަކާތަށް ނިކުންނަވައިފިއެވެ. އަމިއްލަ ދަރިންނަށާއި ތިރީސް އަހަރުވަންދެން ވެރިކަން ކުރި ޤައުމުގެ ރައްޔިތުންނަށް ހަރުދަނާ ނަމޫނާއަކަށް ވެވަޑައިގަތުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ ގުނބޯއަކަށް ވެއްޖެއެވެ. ރައީސް ނަޝީދު ކޮންޓްރޯލްކުރާ ޕަޕެޓަކަށް ރައީސް މައުމޫން ވެއްޖެއެވެ. އެމަނިކުފާނު މިހާރު ކުރައްވަމުން އެގެންދަވާ ކަންކަމުން ދިވެހި ޤައުމުގައި ވެއްޓެމުންދނީ އެމަނިކުފާނުގެ އަގެވެ. އެކަމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ރައީސް މައުމޫނެވެ. ކުރާނެކަމެއް ނެތެވެ. މުސްކުޅިން ބުނެ އުޅޭހެން "ގެންދަވާނީ ދައްކަވާނެ ދުވަހެއް ދައްކަވާފައެވެ" އަހަރެމެންނަށް އޮތީ ޢިބުރަތް ޙާޞިލު ކުރުމެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.